ޚަބަރު

އީރާނާއި ޔަހޫދީންގެ ރަށްތަކުން އެހެން ޤައުމުތަކުގެ މީހުން ސަލާމަތްކޮށްގެން ގެންދަނީ


ޔަހޫދީންނާއި އީރާނާ ދެމެދު ބަދަލު ކުރަމުންދާ ވަރުގަދަ ޙަމަލާތަކުގެ ސަބަބުން އެ ދެ ޤައުމުގައި ތިބި ބޭރު ޤައުމުތަކުގެ ރައްޔިތުން ސަރުކާރުތަކުން އަނބުރާ ގެންދަން ފަށައިފިއެވެ.

ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން އިސްވެ އީރާނަށް ޙަމަލާ ދިނުމުން އީރާނުން ވަނީ އެ ޤައުމާ ދެކޮޅަށް އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3ގެ ނަމުގައ އަސްކަރީ ޙަރަކާތެއް ފަށައިފައެވެ. ދެ ޤައުމުގެ ދެމެދުގައި ވަރުގަދަ ޙާމަލާތައް ބަދަލުކުރަމުންދާތާ އަށް ދުވަސް ފާއިތުވެފައިވާއިރު ޙަމަލާތައް ހުއްޓާލާނެ ކަމުގެ އިޝާރާތެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.

މި ޙާލަތުގައި ދުނިޔޭގެ އެކި ޤައުމުތަކުން ދަނީ އީރާނާއި ޔަހޫދީ ދައުލަތުގައި ތިބި އެ ޤައުމުގެ ރައްޔިތުން ޤައުމުތަކަށް އަނބުރާ ގެންދަން ފަށައިފައެވެ. އެ ގޮތުން ޖޫން މަހުގެ 18ވަނަ ދުވަހު ޔަހޫދީ ދައުލަތުގައި ތިބި އޮސްޓްރޭލިޔާގެ 1،200 ރައްޔިތުން އެ ޤައުމުގެ ސަރުކާރުން ވަނީ އަނބުރާ ޤައުމަށް ގެންގޮސްފައެވެ. އީރާނުގައި ތިބި އޮސްޓްރޭލިޔާގެ ރައްޔިތުންގެ ތެރެއިން ވެސް 1،500 މީހުން ވަނީ ސަރުކާރުގެ އެހީތެރިކަމަށް އެދިފައެވެ.

އޭގެ އިތުރުން އޮސްޓްރިޔާ އިން ވެސް ވަނީ ޔަހޫދީ ދައުލަތާއި އުރުދުނުގައި ތާށިވެފައި ތިބި އެ ޤައުމުގެ 48 ރައްޔިތުން އެ ސަރަޙައްދުތަކުން ނެރެދީފައެވެ. އީރާނުން ނިކުތުމަށް 100އެއްހާ އޮސްޓްރިޔާގެ ރައްޔިތުން ވެސް އެދިފައިވެއެވެ، އޭގެ ތެރެއިން 44 މީހުން ވަނީ ތުރުކީވިލާތާއި އަރުމޭނިޔާ މަގުން އީރާނުން ބޭރު ކޮށްފައެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނީ އީރާނުގައި ތިބި އެ ޤައުމުގެ 1،600 ރައްޔިތުން އަދި ޔަހޫދީ ދައުލަތުގައި ތިބި އެތައް ސަތޭކަ ރައްޔިތުން ދެ ޤައުމުން ބޭރު ކޮށްފައިވާ ކަމަށެވެ. ޗައިނާއަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ ރައްޔިތުން އީރާނުގައި ދިރިއުޅެއެވެ.

އޭގެ އިތުރުން ޗެކް ރިޕަބްލިކުން ވަނީ ޔަހޫދީ ދައުލަތުގައި ތިބި އެ ޤައުމުގެ 66 ރައްޔިތުން އަނބުރާ ޤައުމަށް ގެންގޮސްފައެވެ. މި ހަފްތާ ނިމުމުގެ ކުރިން ފަރަންސޭސިވިލާތުން ވެސް އީރާނުގައި ތިބި އެ ޤައުމުގެ ރައްޔިތުން ތުރުކީވިލާތަށް ނުވަތަ އަރުމޭނިޔާއަށް ގެންދާނެއެވެ. އޭގެ އިތުރުން ޔަހޫދީ ދައުލަތުގައި ތިބި ފަރަންސޭސިވިލާތުގެ ރައްޔިތުން ޖޫން މަހުގެ 20ވަނަ ދުވަހު އުރުދުން މެދުވެރިކޮށް އެ ސަރަޙައްދުން ނިކުންނާނެއެވެ.

ޖަރުމަނުވިލާތުގެ ޚާރިޖީ ވުޒާރާއިން ބުނީ އެ ޤައުމުގެ 345 ރައްޔިތުން، ސަރުކާރުން ހަމަޖެއްސި ފްލައިޓެއްގައި މެދުއިރުމަތީ ސަރަޙައްދުން ނިކުމެފައިވާ ކަމަށެވެ. ގްރީސުން ވަނީ އެ ޤައުމުގެ 16 ރައްޔިތުންނާއި އެ މީހުންގެ ޢާއިލާ އީރާނުން އަޒަރުބައިޖާނަށް ގެންގޮސްފައެވެ. އިންޑިޔާއިން ވެސް ވަނީ އޮޕަރޭޝަން ސިންދޫގެ ނަމުގައި ޚާއްޞަ ޙަރަކާތެއް ފަށައި، އީރާނުގައި ތިބި އެ ޤައުމުގެ ރައްޔިތުން އަނބުރާ އިންޑިޔާއަށް ގެންނަން ފަށައިފައެވެ. އީރާނުގައި ތިބި އިންޑިޔާގެ 110 ދަރިވަރުން މިހާތަނަށް ސަލާމަތްކޮށް އަރުމޭނިޔާއަށް ގެންގޮސްފައިވެއެެވެ.

އިޓަލީވިލާތުން މަސައްކަތް ކުރަމުންދަނީ މިޞްރުގެ ޗާޓަރު ފުލައިޓެއް މެދުވެރިކޮށް އެ ޤައުމުގެ ރައްޔިތުންނަށް ޔަހޫދީ ދައުލަތުން ނިކުމެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. އެ ފްލައިޓު ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ޖޫން މަހުގެ 22ވަނަ ދުވަހުއެވެ. އީރާނުގައި ތިބި އެ ޤައުމުގެ 500އެއްހާ ރައްޔިތުންގެ ތެރެއިން 29 މީހުން ސަރުކާރުގެ އެހީތެރިކަމާއެކު ވަނީ ޤައުމަށް އަނބުރާ ގެންގޮސްފައެވެ. އޭގެ އިތުރުން ޖަޕާނުން ދަނީ އެ ޤައުމގެ ސެލްފް ޑިފެންސް ފޯސްގެ ދެ ފްލައިޓު މެދުވެރިކޮށް ދެ ޤައުމުގައި ތާށުވެފައި ތިބި ޖަޕާނުގެ ރައްޔިތުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން ވެސް ރައްޔިތުން ސަލާމަތްކުރި ޤައުމުތަކުގެ ތެރޭގައި ޕޮލެންޑާއި ސަރބިޔާ އާއި ސިއެރާ ލިއޯންގެ އިތުރުން ދެކުނު ކޮރެޔާއާއި ޓައިވާން ހިމެނެއެނެވެ. އަދި ސްލޮވޭކިޔާއިން ވެެސް ދަނީ ރައްޔިތުން ސަލާމަތްކުރުމުގެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ. އެ ގޮތުން ސަރބިޔާގެ 100 ރައްޔިތުން ވަނީ ޔަހޫދީ ދައުލަތުން މިޞްރަށް ގެންގޮސްފައެވެ. ސިއެރާ ލިޔޯންގެ 36 ރައްޔިތުން އަރުމޭނިޔާ މަގުން އީރާނުން ބޭރުވެފައިވާއިރު ދެކުނު ކޮރެޔާގެ 18 ރައްޔިތުންނާއި އެ މީހުންގެ ޢާއިލާ ވަނީ އީރާނުން ސަލާމަތްކޮށްފައެވެ. ތައިވާނުގެ 36 ރައްޔިތުން ޔަހޫދީ ދައުލަތުން ބޭރުވީ އުރުދުން މަގުންނެވެ. އަދި އީރާނުން ވެސް ތިން ރައްޔިތުން ބޭރުވެފައިވެއެވެ. މީގެ އިތުރުން ވިއެޓްނާމްގެ 19 ރައްޔިތުން ވަނީ އީރާނުން ނެރެދީފައެވެ. ޔަހޫދީ ދައުލަތާއި އީރާނުގައި ތިބި ތައިވާނުގެ އިތުރު ރައްޔިތުން ސަލާމަތްކުރުމުގެ އިންތިޒާމް ދަނީ ހަމަޖައްސަމުންނެވެ.

އެމެރިކާއިން ވެސް ދަނީ ޔަހޫދީ ދައުލަތުގައި ތިބި އެ ޤައުމުގެ ރައްޔިތުންގެ ތެރެއިން ޤައުމަށް އަނބުރާ އަންނަން ބޭނުންވާ މީހުންނަށް ފްލައިޓާއި ކުރޫޒް ލައިނަރ މެދުވެރިކޮށް އާދެވޭނެ އިންތިޒާމް ހަމަޖައްސައިދެމުންނެވެ.

މީގެ އިތުރުން ބައެއް ޤައުމުތަކުން ވަނީ އީރާނާއި ޔަހޫދީ ދައުލަތުގައި ހުންނަ އެ ޤައުމުތަކުގެ އެމްބަސީތައް ވަގުތީ ގޮތުން ބަންދު ކުރަމުންނެވެ. އެ ގޮތުން ނިއުޒިލެންޑުން ވަނީ އީރާނުގައި ހުންނަ އެ ޤައުމުގެ އެމްބަސީގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލައިފައެވެ. އެމްބަސީގައި މަސައްކަތްކުރާ އެ ޤައުމުގެ ދެ ރައްޔިތުންނާއި އެ މީހުންގެ ޢާއިލާ ވަނީ އަޒަރުބައިޖާނަށް ހުރަސް ކޮށްފައެވެ.

ޕޯޗުގަލުން ވެސް އީރާނުގައި ހުންނަ އެމްބަސީ ބަންދުކޮށްފައިވާ އިރު އެ ޤައުމުގެ ހަތަރު ރައްޔިތުން ވަނީ އަޒަރުބައިޖާން މަގުން އީރާނުން ބޭރު ކޮށްފައެވެ. ޔަހޫދީ ދައުލަތުގައި ތިބި 130 ރައްޔިތުން ޤައުމަށް އަނބުރާ ގެންދިޔުމަށް އެދިފައިވާ ކަމަށް ވެސް އެ ޤައުމުން ބުނެއެވެ. އެ އިންތިޒާމް މިހާރު ދަނީ ހަމަޖައްސަމުންނެވެ.

ބަލްގޭރިޔާއިން ވަނީ އެ ޤައިމުގެ 17 ޚާރިޖީ މުވައްޒަފުންނާއި އެ މީހުންގެ ޢާއިލާ އީރާނުން އަޒަރުބައިޖާނަށް ގެންގޮސްފައެވެ. ތެހްރާންގައި ހުންނަ ބަލްގޭރިޔާގެ އެމްބަސީގެ ހިންގުން ވަނީ ވަގުތީ ގޮތުން އަޒަރުބައިޖާނުގެ ބާކޫއަށް ބަދަލު ކޮށްފައެވެ.