ޚަބަރު

އުރުދުންގައި ޓެނިސް ޓީމަށް ހާސްކަމެއް ނެތް، ބައެއް މީޑިއާތަކުން ހެދީ ދޮގު!


އުރުދުންގައި ތިބި ޓެނިސް ޓީމުގެ ކުޅުންތެރިންނަށް ސަރުކާރުން އަޅާނުލިކަމަށްބުނެ ބައެއް މީޑިއާތަކުން ރިޕޯޓްކުރިނަމަވެސް އެއީ ދޮގު ވާހަކަތަކެއް ކަމަށް ޓީމުގެ ކެޕްޓަން އަދި މެނޭޖަރ އައިމިނަތު އިރުފާ މާހިރު ބުނެފިއެވެ.

އުރުދުންގައި ހުރެގެން ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ބުނީ ޓީމުގެ ކުޅުންތެރިންނަށް ހޭލެވެނީ މިސައިލް އެލާމްގެ އަޑަށްކަމަށް ބުނެ ރިޕޯޓްކޮށްފައިވިޔަސް އެއީވެސް ހަގީގަތެއް ނޫން ކަމަށެވެ.

އުރުދުންގައި ސައިރެންގެ އަޑަކީ އާންމު ކަމެއްކަމަށާއި އެ ގައުމަކީ ގްރީން ޒޯނެއް ކަމުން އެއްވެސް ނުރައްކަލެއް ނެތްކަމަށް އުރުދުންގެ ޓެނިސް ފެޑެރޭޝަނުން ބުނެފައިވާކަމަށްވެސް އިރުފާ ބުންޏެވެ.

ބިލީ ޖީން ކިންގްކަޕަށް ދިޔަ ރާއްޖޭގެ ޖޫނިއާ ޓެނިސް ޓީމު ތިބި ހޮޓަލުގައިވެސް އެއްވެސް މައްސަލައެއް ދިމާ ނުވާ ކަމަށާއި ކުޅުންތެރިން ތިބީ ވަރަށް ހަމަޖެހިގެން ކަމަށް އިރުފާ ބުންޏެވެ. އަދި މިއަދުވެސް ޖޯޑަންގެ ގައުމީ ޓީމާއެކު ފަރިތަކުރުންތައް ބާއްވާފައިވާ ކަމަށާއި ޓެނިސް ކޯޓަށް ދިއުމުގެ އިންތިޒާމުތައްވެސް އެގައުމުގެ ފެޑެރޭޝަނުން ހަމަޖައްސައިދިން ކަމަށް އިރުފާ ފާހަގަ ކުރިއެވެ.

އަދި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ބެލެނިވެރިންވެސް ހިމެނޭ ގޮތަށް ހުރިހާ އެންމެންނަށް އެއް ފްލައިޓަކުން ރާއްޖެއަށް އާދެވޭނެ އިންތިޒާމުތައް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ހަމަޖައްސައިދީފައިވާކަމަށްވެސް އިރުފާ ފާހަގަ ކުރިއެވެ.

އަދި އުރުދުންގައި އެއްވެސް ހާސް ކަމެއް ނެތް ކަމަށާއި ހުރިހާ ކަމެއްވެސް ނޯމަލްކަމަށް ފާހަގަކޮށް އޭނާ ބުނީ ފޮރިން މިނިސްޓްރީން ޓީމުގެ ހާލަތު ބެލި ކަމަށާއި ސަރުކާރުން ޓީމުގެ ހާލަތު ޖޯޑަންގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށްވެސް ބެލިކަމަށެވެ.

”ސަރުކާރުން އަޅާ ނުލައޭ ކިޔާފަވެސް އޮތް ލިޔެފަ. އެއީ ދޮގު ވާހަކައެއް. ރާއްޖޭގެ ފޮރިން މިނިސްޓްރީން އަންގައިގެން ޖޯޑަންގެ ފޮރިން މިނިސްޓްރީން ގުޅި އަޅުގަނޑަށް. އެއްވެސް މައްސަލައެއް އުޅޭތޯ އެހުމުން އަޅުގަނޑު ބުނި ނެތޭ މައްސަލައެއް ހުރިހާ ކަމެއް ރަނގަޅޭ“ އިރުފާ ބުންޏެވެ. ބައެއް މީހުންނަށް މާ ބިރުވެރިކަން ސިފަވާގޮތަށް ރިޕޯޓްކޮށްފައި އޮތްނަމަވެސް ރާއްޖޭގެ ކުޅުންތެރިން ތިބީ ވަރަށް ހަމަޖެހިގެން ކަމަށާއި އެއްވެސް މައްސަލައެއް ދިމާ ނުވާކަމަށް އިރުފާ ބުންޏެވެ.

ޓީމަށް ރާއްޖެ ނާދެވި ލަސްވީ ފްލައި ދުބާއީގެ ފްލައިޓްތައް ކެންސަލްކުރުމުން ކަމަށާއި އެހެންނަމަވެސް މިހާރު ދުބާއީމަގުން މާލެ އާދެވޭގޮތް ހަމަޖެހިފައިވާކަމަށް އިރުފާ ބުންޏެވެ. އެގޮތުން މާދަމާ ފުރޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އިރުފާ ބުންޏެވެ.

އޭނާ ބުނީ ޓީމު ފުރަތަމަ ޕެނިކްވީ އަލަށް މިސައިލްގެ އަޑު އިވުމުން ކަމަަށާއި އެހެންނަމަވެސް އެއްވެސް ނުރައްކަލެއް ނެތްކަމުގެ ޔަގީންކަން އުރުދުންގެ ޓެނިސް ފެޑެރޭޝަނާއި ބައިނަލްއަގްވާމީ ޓެނިސް ފެޑެރޭޝަނުންވެސް ދީފައިވާކަމަަށެވެ.

އަދި ރާއްޖޭގެ އިތުރުން އުރުދުންނަށް ދިޔަ ވިއެޓްނާމްގެ ޓީމުވެސް މުބާރާތް ކެންސަލްވުމުން އެގައުމުގެ ރީތި ތަންތަނަ ބަލާލަން ދިޔަ ކަމަށާއި ނުރައްކަލެއް އޮތްނަމަ އެގޮތަށް ދަތުރުފަތުރު ނުކުރެވޭނެ ކަމަށްވެސް އިރުފާ ބުންޏެވެ.

ހުރިހާ ކަމެއްވެސް ނޯމަލް ކަމަށާއި ރާއްޖޭގެ ކުޅުންތެރިން ތިބީ ރައްކާތެރިކަމާއެކުގައި ކަމަށް ޓެނިސް އެސޯސިއޭޝަނުންވެސް ބުނެފައިވެއެވެ.

އިރުފާ ބުނީ ޓީމުގެ ކަންކަން ޓެނިސް އެސޯސިއޭޝަނުން ގެންދަނީ ވަރަށް ރަނގަޅަށް ބަލަމުން ކަމަަށެވެ. ޖޫން 21 ވަނަ ދުވަހުގެރޭ މި ޓީމަށް އެނބުރި މާލެ އާދެވޭނެ ކަމަށްވެސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.