ޚަބަރު

ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ޖުލައި 1ގައި ފަށަނީ


  • ވަޒީރު ވިދާޅުވީ އެމްބަސީތަކާއި ޤައުމުތަކާ ގުޅިގެން މޮނިޓަރިންގ ނިޒާމެއް ޤާއިމުކުރައްވާނެކަމަށް

  • ރެއިޑްތަކާ، ސައިޓް މޮނިޓަރިންވެސް ކުރިއަށްދާނެ

  • 151694 ބިދޭސީންގެ ބައޯމެޓްރިކްސް ވަނީ ނަގާފައި

ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ޖުލައި 1ގައި ފެށުމަށް ނިންމާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވި ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ފަށާފައިވާ ކުރަނގި އޮޕަރޭޝަންގައި މިހާތަނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. އެ އޮޕަރޭޝަންގައި މިހާތަނަށް 151،694 މިހުންގެ ބައޯމެޓްރިކްސް ނަގައި، މަޢުލޫމާތު ވަނީ އެއްކޮށްފައެވެ.
އަދި ޙުއްދަނެތް ވިޔަފާރިތައް ކުރުމާއި، ޤަވައިދާ ޚިލާފަށް އުޅުމާ، ކުށުގެ މައްސަލަތަކުގައި ވޭތުވެ ދިޔަ ދޮޅު އަހަރުގެ ތެރޭގައި 7549 ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލާފައިވާކަމަށް ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ޖުލައި 1ވަނަ ދުވަހު ފަށާނެކަމަށާއި މި މަރުހަލާގައި ހިމެނޭނީ، ރަނގަޅަށް ވަޒީފާ އަދާކުރާ މީހުންނަށް ޤަވައިދުގެތެރެއަށް ވަނުމަށް އިތުރު ފުރުޞަތެއް ފަހިކޮށްދިނުމުގެ މަސައްކަތެވެ.

މީގެއިތުރުން ބިދޭސިން ރާއްޖެ ގެނައުމުގެ ނިޒާމު ހަރުދަނާކޮށް، އެކަން ރެގިއުލޭޓްކުރެވޭނެ ނިޒާމުވެސް ހަރުދަނާކުރާނެކަމަށާއި އެކަން ކުރާނީ މަސައްކަތަށް ބިދޭސީން ގެންނަ ޤައުމުތަކާ ސަރުކާރުގެ ކަމާގުޅޭ އިދާރާތައް ގުޅިގެންކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެމްބަސީތައް މެދުވެރިކޮށް ބަލާނަން، ބިދޭސިން ރެކްރޫޓްކުރާ އެޖެންސީތަކަކީ ކޮބާތޯ، އެއީ ރެޖިސްޓްރީކުރެވިގެން ހިންގާ އެޖެންސީތައްކަން ޔަގީންކުރާނަން. ރާއްޖޭގެ ސިސްޓަމްގައިވެސް ރެޖިސްޓްރީކޮށްގެން ކުރެވޭނެ" ދާޚިލީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ބިދޭސީން ގެނައުމަށްފަހު، އެމީހުންލައްވަ މަސައްކަތްކުރުވަނީވެސް ގަވައިދާ އެއްގޮތަށްތޯ ބަލާނެކަމަށެވެ. އެގޮތުން އެންގުމެއްނެތި ރެއިޑްތައް ހިންގުމާއި މަސައްކަތު ސައިޓްތައްވެސް މޮނިޓަރކުރާނެކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ނުދައްކާހުރި ފައިސާގެ ތެރެއިން ބިދޭސީންނާ ގުޅުންހުރި ފީތަކުގެ ގޮތުގައި ކަމާގުޅޭ އިދާރާތަކަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ، މިދިޔަ ދޮޅު އަހަރުގެތެރޭގައި ހޯދާފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

އަދި، ބިދޭސީން ގެނެސް ބަލަހައްޓާ މީހުން ދަޢުލަތަށް ދައްކަންޖެހޭ ފީތައް ހޯދުމުގެ މަސައްކަތްވެސް ފަށާފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މި މައްސަލަ ޙައްލުވުމުގައިވެސް ކުރިއެރުންތައް ލިބިފައިވާކަމަށެވެ.

"ކުރެވުނު އަނެއް އެންމެ ބޮޑު އެއް މަސައްކަތަކީ، ދަޢުލަތަށް ދައްކަންޖެހޭ ފީތައް ހޯދުމުގެ މަސައްކަތް. އެގޮތުން މިހާތަނަށް ކުރި މަސައްކަތުންވެސް، ބިދޭސީންނާ ގުޅޭ އެކިއެކި ފީތަކުގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދަޢުލަތަށް ހޯދާފައިއިވޭ." ދާޚިލީ ވަޒީރު ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރަނގީގެ އިތުރުން ތަފާތު ހަރަކާތްތައް ހޯމް ސެކްޓަރއިން ކުރިއަށްގެންދަނީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤަނޫނާއި ޤަވާއިދުގެ ދަށުންތޯ އޮޕަރޭޝަންތަކުގެ ތެރެއިން ޔަގީންކުރާނެއެވެ.

މިގޮތަށް އިހުމާލުވާ ފަރާތްތައް 50000 ރުފިޔާއިން ޖޫރިމަނާކުރާނެކަމަށް ވިދާޅުވިއެވެ.