ޚަބަރު

ރައީސުލްޖުމްޙޫރިއްޔާ ބްރޯޑްކާސްޓިން ކޮމިޝަނަށް ޒަމްޢަތު އައްޔަން ކުރައްވައިފި


  • ޒަމްޢަތު ވަނީ އިސްލާމިކް ޔުނިވަރސިޓީން މާސްޓަރސް ހާސިލް ކުރައްވާފައި

  • ޒަމްޢަތު ވަނީ މީޑިއާ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، "މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން"ގެ މެންބަރުކަމަށް ގދ. ތިނަދޫ، މަލަ ޒަމްޢަތު އަޙްމަދު ވަޙީދު ޢައްޔަންކުރައްވައިފިއެވެ.

ޒަމްޢަތު އަޙްމަދު ވަޙީދު މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރު އައިމިނަތު އަމީނާގެ މަގާމުގެ މުއްދަތު މި މަހުގެ 14ވަނަ ދުވަހު ހަމަވުމާ ގުޅިގެން އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމުކޮށް ހުޅުވާލިއެވެ. އެ ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 6 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވިއެވެ.

ރައީސް ފޮނުއްވެވި ނަންތަކުގެ ތެރޭގައި މިދިޔަ މަހު މަޖިލީހުން ރުހުން ދީގެން ކޮމިޝަނަށް އައްޔަން ކުރެވުނު މޫސާ ރިޟްވާންގެ ނަންވެސް ހިމެނޭތީ އޭނާގެ ނަން ކޮމިޓީ މަރުހަލާގައި އުނިކުރުމަށްފަހު ބާކީ 5 ބޭފުޅުންނާ އިންޓަވިއު ކުރިއެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ 3 ބޭފުޅަކަށް %75 އަށްވުރެ މަތިން މާކްސް ދީފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމުން ވޯޓު ދެއްވި 56 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވަނީ ޒަމްޢަތު އެ މަގާމަށް އައްޔަން ކުރެއްވުމަށެވެ. އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރައްވަނީ 5 އަހަރުގެ ދައުރަކަށެވެ.

ޒަމްޢަތު ވަނީ 2022 ވަނަ އަހަރު އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އިން މާސްޓަރ އޮފް އާޓްސް އިން ޖަރނަލިޒަމް ޙާޞިލްކުރައްވާފައެވެ. އޭނާއަކީ މީޑިއާގައްޔާއި މީޑިއާ ހިންގުމުގައި 2006 ވަނަ އަހަރުން ފެށިގެން ޢަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް ޒަމްޢަތު އައްޔަން ކުރެއްވުމާއެކު އެ ކޮމިޝަނުގައި މިހާރު 7 މެންބަރުން ތިއްބަވާނެއެވެ. އެއީ ކޮމިޝަނުގެ ރައީސް ޞަފާ ޝަފީޤާއި، ނައިބު ރައީސް ޝިފްލާ އިބްރާހީމާއި، މެންބަރުންކަމަށްވާ، އާމިނަތު ނުޒުހާއާއި، މުޙައްމަދު އަބްދުﷲ އާއި މޫސާ ރިޟްވާނާއި އާމިނަތު ޞަރާޙަތު ޢިއްޒަތުގެ އިތުރުން ޒަމްޢަތު އަޙްމަދު ވަޙީދެވެ.