ޔަހޫދީންނާއި އީރާނާ ދެމެދު ބަދަލު ކުރަމުންދާ ވަރުގަދަ ޙަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެއެވެ.
ތެލުގެ ބާވަތްތަކުގެ ތެރެއިން ސާފުނުކުރާ ބްރެންޓް ތެލުގެ އަގު ވަނީ 2.03 އިންސައްތައިން އުފުލިފައެވެ. އެއާއެކު އެ ތެޔޮ މިހާރު ލިބެން ހުރީ ފީފާއެއް 74.72 އެމެރިކާ ޑޮލަރަށެވެ. އޭގެ އިތުރުން ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވެސް ވަނީ 1.78 އިންސައްތައިގެ އިތުރުވުމަކާއެކު 73.05 އެމެރިކާ ޑޮލަރަށް އިތުރުވެފައެވެ.
ޙަމަލާތަކުގެ ސަބަބުންތެޔޮ ލިބުމުގައި ދަތިކަމެއް ހުރި ކަމަށް މިހާތަނަށް ފާހަގަވެފައެއް ނުވެއެވެ. ނަމަވެސް ޖޫން މަހުގެ 14ވަނަ ދުވަހު ޔަހޫދީން ދިން ޙަމަލާއެއްގައި އީރާނާއި ޤަޠަރުނުން ޙިއްޞާ ކުރާ ސައުތު ޕަރސް ގޭސް ފީލްޑުގައި ރޯވުމުން އެ މަރުކަޒުގައި ގޭސް އުފެއްދުމުގެ މަސައްކަތް ވަނީ ކޮންމެ ވެސް ވަރަކަށް މަޑުޖައްސާލައިފައެވެ. ޔަހޫދީން ވަނީ އިރާނުގެ ޝަހްރާމް ތެޔޮ މަރުކަޒަށް ވެސް ޙަމަލާ ދީފައެވެ.
ބާޒާރުގެ ކަންބޮޑުވުން އޮތީ ތެޔޮ ފޯރު ކޮށްދިނުމަށް ބޭނުން ކުރާ މައި ވިޔަފާރި މަގު ކަމުގައިވާ ސްޓްރެއިޓް އޮފް ހޯރމޫޒުގައި ދަތުރުފަތުރު ކުރުމަށް ބުރޫއެރުމެވެ. ނަމަވެސް މަޝްރަހު ދިރާސާ ކުރާ ތަޖުރިބާކާރުން ޤަބޫލު ކުރާ ގޮތުގައި މިއީ ވުން ނާދިރު ކަމެކެވެ. އެ މަގު ބަންދުވެއްޖެނަމަ ނުވަތަ އެ މަގު ބޭނުން ކުރުމަށް ބުރޫ އަރާނަމަ އީރާނަށް ލިބޭ އާމްދަނީއަށް ވެސް އަސަރު ކުރާނެެއެވެ. އެމެރިކާއިން ވެސް ބޭނުން ވަނީ ތެލުގެ އަގުތައް ތިރިކޮށް، ތަކެތީގެ އަގުތައް އުފުލުނަ ނުދީ ބެހެއްޓުމަށެވެ.
ޔަހޫދީންނާއި އީރާނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކުގައި މިހާތަނަށް އެއްވެސް މައި ތެޔޮ އަދި ގޭސް މަރުކަޒަކަށް ގެއްލުން ލިބިފައި ނުވެއެވެ.