ޔޯގާ ދުވަހު ހިންގި ހަރަކާތުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާގޮތުން ބައިވެރިވިކަމަށް ހެކި ހުރި ފަރާތްތައް ފިޔަވައި ދެން ތިބި މީހުންނަށްކުރި ދައުވާތައް ކުރިއަށްނުގެންދަން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ނިންމައިިފިއެވެ.
މީގެ ތިން އަހަރުކުރިން 2022ވަނަ އަހަރު ޖޫން މަހުގެ 21ވަނަ ދުވަހު ހިންގި ޔޯގާ ޑޭގެ ހަރަކާތުގެ ތެރެއިން ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން 18 މީހަކާށް ދައުވާކުރަން ޕީޖީން ކޯޓަށް ހުށަހެޅިއެވެ.
ގަލޮޅު ދަނޑުގައި ހިނގި އެ ހަރަކާތާއި ދެކޮޅަށް ބަޔަކު ކުރި މުޒަހަރާގައި ހަމަނުޖެހުން ހިންގުމާއި ގުޅިގެން އެ މައްސަލައިގައި ގިނަ ބަޔަކު ހައްޔަރުކޮށްފައިވެއެވެ. އަދި އެކަމުގައި ޝާމިލްވި މީހުންނަށް ފިޔަވަޅު އަޅަން ނިންމިއެވެ.
މިމައްސަލާގައި 18 މީހުންގެ މައްޗަށް 8 ދައުވާއެއް ވަނީ އުފުލާ މައްސަލަ ކްރިމިނަލް ކޯޓަށް އޭރު ހުށަހެޅިއެވެ.
މިމައްސަލައާއި ގުޅިގެން ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ވިދާޅުވީ، އެދުވަހު ހިންގި ކަންކަމާއި ގުޅިގެން ދައުވާ އުފުލާފައިވާ ފަރާރާތްތަކުން ދައުވާތައް މުރާޖަޢާ ކޮށްދިނުމަށް އެދި ވަނީ ހުށަހަޅާފައިވާ ކަމަށެވެ. ޕީޖީ އޮފީހުން ވިދާޅުވީ، ދަޢުވާތައް މުރާޖަޢާކުރުމަށްފަހު، ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، މީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާގޮތުން ބައިވެރިވިކަމަށް ހެކި ޤަރީނާ ލިބިފައިވާ މީހުން ފިޔަވައި، އެހެން މީހުންގެ މައްޗަށް ކޮށްފައިވާ ދަޢުވާތަށް އިތުރަށް ކުރިއަށް ނުގެންދިއުމަަށް ނިންމާފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުއާއި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި، ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ކޮށްފައިވާ ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށްވެސް ޕީޖީން ނިންމާފައިވެއެވެ.
މި ނިންމުމުގެ ނަތީޖާއެއްގެ ގޮތުން މި މައްސަލާގައި ދެން ކޯޓުގައި ކުރިއަށްދާނީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާތަކެވެ.
ޢަބްދުﷲ ރިފާޢު، ތ. ތިމަރަފުށި، ނަރުގިސްވިލާ
އަބޫބަކުރު ފާރިޢު، ނ. މިލަދޫ، ކާރނޭޝަންމާގެ
އަޙްމަދު އަކްސަމް، ރ. ކަނދޮޅުދޫ، އަލަމާގެ
އަޙްމަދު ނަޞޫޙް، ގއ. މާމެންދޫ، އަސްރަފީވިލާ
ޙަސަން ޝިފާޒު، މ. ކުދެހިގެ
ޝަބިމް އާދަމް، ފ. ދަނބުރުދޫ، އާބާދީގުލްޝަން
މުޙައްމަދު ޛިލިއަން، މއ. ކަނުހުރާ
ދަޢުވާތަށް މުރާޖަޢާކުރުމުގައި، ކުށުގެ އަމަލު ހިނގައިދިޔައީ ޔޯގާ ދުވަހުގެ ހަރަކާތް ހިންގުމާމެދު އުފެދުނު ޖަޒުބާތުތަކެއްގެ ތެރެއިންކަމަށްވުމާއި، މި މައްސަލަ ކޯޓުގައި ކުރިއަށް ނުގެންދެވި އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވެފައިވާކަން ޕީޖީން ފާހަގަކުރެއެވެ. އަދި ދަޢުވާލިބޭ ފަރާތްތަކަކީ ކުށުގެ ވެށީގައި އުޅޭ ބަޔަކަށް ނުވުމާއި، ދަޢުވާލިބޭ ފަރާތްތަކުން މުޖުތަމަޢުގައި އަދާކުރާ ދައުރަށް ރިޢާޔަތްކޮށްފައިވާނެ ކަމަށް ޕީޖީން ވިދާޅުވެއެވެ.
މިއާއެކު، ދެން ކުރިއަށްދާނީ ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެމީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާގޮތުން ބައިވެރިވިކަމަށް ހެކި ޤަރީނާ ލިބިފައިވާ މީހުން މައްޗަށް ކޮށްފައިވާ ދައުވާއާއި ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާތަކެވެ.