ޚަބަރު

ކައުންސިލަރުންނަށް ޚާއްސަ ޚަޠީބުކަމުގެ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


  • ފުރަތަމަ ބުރުގައި 50 މީހުންނަށް ފުރުޞަތު ދެވޭނެ

  • މި ކޯހުގެ މުއްދަތަކީ 15 ހަފްތާ

  • ހަފްތާއަކު 5 ދުވަހު ކުލާސްތައް ކުރިއަށް ދާނެ

ކައުންސިލަރުންނަށް ކުރިއަށް ގެންދާ ޚަޠީބުކަމުގެ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ފުރަތަމަ ބުރުގައި 50 މީހުންނަށް ފުރުޞަތުދިނުމަށް ވަނީ ނިންމާފައެވެ.

ކައުންސިލަރުންނަށް ކުރިއަށް ގެންދާ ޚަޠީބުކަމުގެ ތަމްރީނު ޕްރޮގްރާމްއަކީ އަތޮޅުތަކުގައި ޚުޠުބާ ކިއުމަށް ހުރި ދަތިތައް ޙައްލުކުރުމުގެ މަޤުޞަދުގައި، ކައުންސިލަރުންނަށް ޚުޠުބާ ކިޔުމުގެ ހުއްދަ ދިނުމަށް، ކައުންސިލަރުންގެ ތެރެއިން އެކަމަށް ޝައުގުހުރި ފަރާތްތަކަށް ފުރުޞަތު ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްއެކެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ އެ ފުރުޞަތުދެވޭނީ ޤުރުއާން މަރުކަޒު މެދުވެރިކޮށް ކުރިއަށްގެންދާ ޚަޠީބުކަމުގެ 3 މަސް ދުވަހުގެ ކޯހެއް ފުރިހަމަ ކުރުމުންކަމަށެވެ. އެގޮތުން އެ ވުޒާރާއިން މިހާރު ވަނީ ކޯހުގެ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މި ކޯހުގެ ޝަރުތުތަކުގެ ތޭރޭގައި ބައިވެރިވާ މީހަކީ ކައުންސިލަރެއްކަމުގައި ވުމާއި ފިރިހެނެއްކަމުގައިވުން ހިމެނެއެވެ. އަދި ކޯހަށް ހޮވުމަށް ބަލައި މިންގަނޑުތަކުގެ ތެރޭގައި ކީރިތި ޤުރްއާން ފަރިތަކަމާއެކު ކިޔަން އެނގުމާއި ދިވެހިބަހާއި ޢަރަބިބަހުގެ ކިޔުމުގެ ފަރިތަކަމަށް ބަލާނެކަމަށް އެ ވުޒާރާއިން ވިދާޅުވެ.

ކޯހުގައި ބައިވެރިވުމަށް ސީވީ، އައިޑީ ކާޑުގެ ކޮޕީ، އެންމެ މަތިން ހޯދާފައިވާ ތައުލީމީ ސެޓްފިކެޓް، އަދި ވަޒީފާ އަދާކުރަމުންދާ ކަމުގެ ލިޔުމެއް ހުށަހަޅަން ޖެހޭނެކަމަށް އިސްލާމީ ކަންތައްތަކާ ބޭހޭ ވުޒާރާއިން ވިދާޅުވެ. މި ކޯހުގެ މުއްދަތަކީ 15 ހަފްތާއެވެ. އަދި ހަފްތާއަކު 5 ދުވަހު ކުލާސްތައް ކުރިއަށް ދާއިރު މި ކުލާސްތައް ކުރިއަށްދާނީ އޮންލައިންކޮށް ރޭގަނޑު 20:30 އިން 22:30އަށެވެ.

ޚަޠީބުން މަދުވުމުގެ މައްސަލައަށް ހައްލު ހޯދުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ އެންމެ ބޮޑު އެއް މަސައްކަތަކީ ޒުވާން ޚަޠީބުން ޕްރޮގުރާމެވެ. މި ޕްރޮގުރާމުގެ 2 ބުރެއް މިހާތަނަށް ކުރިއަށް ގެންގޮސްފައިވާއިރު، 270 އަށްވުރެ ގިނަ ޚަޠީބުން މިހާތަނަށް ސަނަދު ޙާސިލްކޮށްފައިވެއެވެ. އަދި މި ޕްރޮގުރާމުގެ ތިން ވަނަ ބުރަށް ހުޅުވާލި ފުރުޞަތުގައި 338 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައިވެއެވެ.

ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިސްނެންގެވުމާއެކު ދައުރުގެ ތެރޭގައި ކުރިއަށް ގެންދާ އެންމެ ކާމިޔާބު އެއް ޕްރޮގުރާމުކަމަށް އިސްލާމީ ކަންތައްތަކާ ބޭހޭ ވުޒާރާއިން ވިދާޅުވެއެވެ.