ޚަބަރު

ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުވުމުން ސްކޭމާ ދެކޮޅަށް ކުރާ މަސައްކަތަށް ބޮޑު އެހީތެރިކަމެއް ލިބޭނެ: ސީޕީ ނަވީން


  • ސްކޭމް ހިންގަނީ މުޖުތަމަޢުގައި ރައްޔިތުންގެ ހުންނަ އެކި ކަންބޮޑުވުންތަކަށް އަމާޒުކޮށްގެން

  • ސްކޭމްތައް ހުއްޓުވުމަށް އެކި ފަރާތްތަކާ ގުޅިގެން ދަނީ މަސައްކަތް ކުރަމުން

ރާއްޖޭގެ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް ގާއިމުވުމުން ސްކޭމާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް، އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.

ނަވީން މިހެން ވިދާޅުވީ، ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ މީޑިއާކަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ، ރާއްޖޭގައި ޓެކްނޮލޮޖީ ކުރިއަރައިގެންގޮސް، އެކި ގޮތްގޮތުން ސްކޭމްތައް ހިންގުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. މުޖުތަމަޢުގައި ރައްޔިތުންގެ ހުންނަ އެކި ކަންބޮޑުވުންތަކަށް އަމާޒުކޮށްގެން ސްކޭމްތައް ހިންގާކަމަށާއި މިއަހަރުގެ މާރިޗު މަހު އުފެއްދި އެންޓި-ސްކޭމް ސެންޓަރަކީވެސް ސްކޭމްގެ މައްސަލަތައް ކަންބޮޑުވާވަރަށް އިތުރުވެ، އެކަން ހުއްޓުވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އުފައްދާފައިވާ ސެންޓަރެއް ކަމަށް ވިދާޅުވިއެވެ.

ސްކޭމްތައް ހުއްޓުވުމަށް ސަރަހައްދީ ގޮތުންނާއި ބައިނަލްއަގުވާމީ ގޮތުންވެސް އެކި ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވަމުންދާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ސްކޭމްގެ މައްސަލަތަކުގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިލިޔަނުން ފައިސާ ގެއްލޭކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ އެ ފައިސާ އަނބުރާ ހޯދުމުގައި ވަރަށް ގިނަ ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެގޮތުން، ސްކޭމް ކުރާ ފަރާތްތަކުން ފައިސާ އެކައުންޓުތަކުގައި ދައުރު ކުރުމަށްފަހު ނަގަނީ އޭޓީއެމްތައް މެދުވެރިކޮށް ކަމަށާއި އެކަން ކުރަނީ ރަށްރަށުގައި ހުންނަ އޭޓީއެމްތައް މެދުވެރިކޮށް ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެ މަސައްކަތް ނިމުމުން ސްކޭމްގެ މައްސަލަތަކުގައި އަވަސް ފިޔަވަޅުތަކެއް ނެގޭނެ ކަމަށް ވިދާޅުވިއެވެ.

"މި ފައިސާ (ސްކޭމް ކޮށްގެން ގެއްލޭ ފައިސާ) ރިކަވަރ ކުރުމަކީ ވަރަށް ބޮޑު ޗެލެންޖެއް. އެއީ ރާއްޖޭގައި ނަގާ ރަށަކުންނެއް ނޫން އެ ފައިސާ ވިތުޑްރޯކޮށް އެ ބޭނުންކޮށް ސްކޭމަރުންނާ ހަމައަށް އެ ފައިސާ ދަނީ. މާލެއިން ނަގައިފިކަމަށްވަންޏާ އެ ފައިސާ ނަގާފާނެ މާލެއާ ވަރަށް ދުރުގައި އޮންނަ ރަށަކުން. އޭޓީއެމެއް ހުންނަ ތަނަކުން އެ ފައިސާ ނެގުމުގެ ކަންކަން ސްކޭމަރުން ދަނީ ކުރަމުން،" ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވިއެވެ.

ސްކޭމްގެ ކަންކަމުގައި ޖަލު ބަންދުގައި ތިބޭ ފަރާތްތަކުންވެސް ބައިވެރިވާކަން ފާހަގަކުރައްވައި ސީޕީ ނަވީން ވިދާޅުވީ އެފަދަ ކަމެއް ފާހަގަކުރެވުމުން މިހާރުވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ގުޅިގެން ޖަލުތައް ސްކްރީންކޮށް އެ މައްސަލަ ތަހުގީގު ކުރާ ކަމަށެވެ.

ނަވީން ވިދާޅުވީ ސްކޭމް ކުރާ ފަރާތްތަކުން އާންމުކޮށް ޓާގެޓް ކުރަނީ ވަޒީފާގައި އުޅޭ މީހުންނާއި ވިޔަފާރިވެރިން ކަމަށެވެ. އެގޮތުން، ރާއްޖެއަކީ ކުޑަ މުޖުތަމަޢެއްކަމަށްވުމުން ވަޒީފާ އާއި ވިޔަފާރިއާ ބެހޭ މައުލޫމާތު ދެނެގަންނަން ފަސޭހަކަމަށް ވިދާޅުވިއެވެ.

ސީޕީ ނަވީން ވަނީ ސްކޭމަރުންގެ އަމަލުތައް ހުންނަ ގޮތުން އެއްވެސް މީހެއްގެ އެކައުންޓަށް ގޮތް ނޭނގޭ ފައިސާއެއް ޖަމާވެއްޖެނަމަ ވަގުތުން އެކަމެއް ފުލުހުންނާއި ބޭންކަށް ރިޕޯޓް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ކިތަންމެ ގާތް މީހަކު ގޮތް ނޭނގޭ ފައިސާއެއް ޖަމާކުރުމަށްފަހު ފައިސާ ނަގައިދޭން އެދުނު ނަމަވެސް އެ ފައިސާގެ ހަގީގަތް ހޯދުމަށްފަހު ނޫނީ ހަވާލުނުކުރުމަށްވެސް ސީޕީ އިލްތިމާސްކުރެއްވިއެވެ.

ރާއްޖޭގައި މިފަހުން ސްކޭމްގެ މައްސަލަތައް ވަނީ ވަރަށް ބޮޑުވެފައެވެ. އެގޮތުން، އެކި ކުންފުނިތަކާއި މުއައްސަސާތަކުގެ ނަމުގައި ގިނަ ބައެއްގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ދަނީ ނަގަމުންނެވެ. ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި އެފަދަ މެސެޖުތައް ރިޕޯޓް ކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ.