ފީފާ ކުލަބު ވޯލްޑް ކަޕުގައި ރޭ ލޮސް އެންޖެލެސް އެފްސީއާ ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވެއްޖެއެވެ.
އެމެރިކާގެ އެޓްލާންޓާގެ މާސެޑޭޒް ބެންޒް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބަލަން 22 ހާސް މީހުން ވަންއިރު މި ދަނޑަކީ ޖުމްލަ ހަތްދިހަ އެއް ހާސް މީހުންގެ ޖާގައިގެ ސްޓޭޑިއަމް އެކެވެ.
ޗެލްސީ އިން މެޗު ޑޮމިނޭޓް ކޮށްގެން ކުޅެފައިވާ މި މެޗުގެ 34 ވަނަ މިނިޓުގައި ޗެލްސީ އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ނިކޮލަސް ޖެކްސަންގެ އެސިސްޓަކުން ޕެޑްރޯ ނެޓޯ އެވެ.
މި މެޗުގެ ދެވަނަ ހާފުގައި ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ދާދި ފަހުން އެ ޓީމާއި އަލަށް ގުޅުނު ފޯވަޑް ލިއާމް ޑެލަޕް ކުޅެން އަރުވާފަ އެވެ. އަދި އޭނާ ކުޅުނު 30 މިނިޓުގައި ވަނީ ރަގަޅު ކުޅުމެއް ދައްކާފަ އެވެ.
ޗެލްސީ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ ޑެލަޕް ނަގައިދިން ހުރަހަކުން އެންޒޯ ފެނާންޑޭޒް ކާމިޔާބު ކޮށްދީފައިވާ ލަނޑެކެވެ.
ފްރާންސް އާއިއެކު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ އޮލިވިއާ ޖިރޫ އާއި ހޫގޯ ލޮރިސް ކުޅެމުންދާ ލޮސް އެންޖެލެސް އަށް މި މެޗުގައި ރަގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ޓީމަށް ވަނީ އެ ފުރުސަތުތަކުގެ ބޭނުން އެންމެ ރަގަޅު ގޮތުގައި ހިފޭ ގޮތް ނުވެފަ އެވެ.
މި މެޗަށް މަދު އަދަދެއްގެ ސަޕޯޓަރުން ވަދެފައިވާތީ ބައެއް ފަރާތްތަކުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ވަކިން ހާއްސަކޮށް ވޯލްޑްކަޕް ފެށެން އަހަރަކަށް ވެފައިވަނިކޮށް ކުޅޭ މިފަދަ ބޮޑު މުބާރާތެއްގެ މެޗެއް ބެލުމަށް މަދު އަދަދެއްގެ ސަޕޯޓަރުން ވަދެފައިވާ އެންމެ ބޮޑު އެއް ސަބަބަކީ މެޗު ކުޅުނު ގަޑި ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. މި މެޗު ފަށާފައިވަނީ އެމެރިކާގެ ގަޑިން ހަވީރު ތިނެއް ޖެހި އިރުއެވެ.
މި މުބާރާތުގައި ޗެލްސީ އަންނަ ހުކުރު ދުވަހު ނިކުންނާނީ ބްރެޒިލްގެ ފްލެމިންގޯ އާއި ދެކޮޅަށެވެ. އަދި ގްރޫޕުގެ ފަހު މެޗުގައި ނިކުންނާނީ ތޫނިސް އާއި ދެކޮޅަށެވެ.