ޚަބަރު

ފާއިތުވި 24 ގަޑިއިރު އެންމެ ވައިބާރުވީ ހުޅުލެއަށާއި ދަރަވަންދޫއަށް


  • ވިލާގަނޑުގައި 54 މޭލު ބާރުމިނުގައި ވައިޖެހިފައިވޭ

  • ކުރިއަށް އޮތް 24 ގަޑިއިރު އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ވަނީ ލަފާކޮށްފައި

ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ވައިބާރުވެފައިވަނީ ހުޅުލެއަށާއި ދަރަވަންދޫއަށް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. އެ ދެ ރަށަށް ވިލާގަނޑުގައި 54 މޭލު ބާރުމިނުގައި ވައިޖެހިފައިވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރައިން ވިދާޅުވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރައިން ވަނީ ވައިގަދަވެ ކަނޑުތައް ގަދަވާނެތީ އުތުރުގެ އަތޮޅުތަކަށް މިއަދު މެންދުރުފަހު 3:15 އާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. އެގޮތުން ހުދު ސަމާލުގެ ވަގުތުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް މޫސުމާ ބެހޭ ޤައުމީ އިދާރައިން ވިދާޅުވިއެވެ.

ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ވައި ބާރުވި ރަށްތައް:

* ހުޅުލެ - 54 މޭލަށް
* ބ.ދަރަވަންދޫ - 54 މޭލަށް
* ރ.އިފުރު - 52 މޭލަށް
* ހދ.ހަނިމާދޫ - 50 މޭލަށް
* ހދ.ކުޅުދުއްފުށި - 49 މޭލަށް
* ހދ.މަކުނުދޫ - 49 މޭލަށް
* ނ.މާފަރު - 47 މޭލަށް
* ށ.ފުނަދޫ - 46 މޭލަށް

ކުރިއަށް އޮތް 24 ގަޑިއިރު އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރައިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު އުތުރުގެ އެކި ހިސާބަށް ވިއްސާރަ ކުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށެވެ. އެގޮތުން އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެއަސަރު ކުރާނެކަމަށްށާއި ދެކުނުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ކަމަށް މެޓުން ވިދާޅުވިއެވެ.

މެޓުން ވިދާޅުވީ ހުޅަނގުދެކުނާއި ހުޅަނގުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަނޑުތައް ގަދަވާނެކަމަށެވެ. އަދި ދިޔަވަރު ބޮޑު ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ، ހއ.ކެލާއަށްށެވެ. އެގޮތުން ކެލާއަށް 33.7 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.

ރާއްޖެއަށް މިހާރު މިކުރާ ވިއްސާރައަކީ، ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.