ޚަބަރު

"ބޭރު ފައިސާގެ ތާށިކަމުން އަރައިގަތުމަށް ކަަރަންސީ ސްވޮޕް މުހިންމު ދައުރެއް އަދާކުރުމަކީ ލިބުނު ހިތްހަމަޖެހުމެއް"


  • އިންޑިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހަމަޖައްސައިދިނީ މިދިޔަ އޮކްޓޫބަރުމަހު

ރާއްޖެއަށް ދިމާވި ބޭރު ފައިސާގެ ތާށިކަމުން އަރައިގަތުމަށް އިންޑިއާއިން ހަމަޖައްސައިދިން ކަަރަންސީ ސްވޮޕް ފެސިލިޓީގެ ސަބަބުން، ރާއްޖޭގެ ރިޒާވް އިތުރުވުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށް އިންޑިއާއިން ބުނެފިއެވެ.

މި ކަަރަންސީ ސްވޮޕް ފެސިލިޓީ އިންޑިއާއިން ދީފައިވަނީ މިދިޔަ އޮކްޓޯބަރ މަހުގެ ތެރޭގައެވެ.

ދުނިޔޭގެ ކްރެޑިޓް ރޭޓިންގ ފާމް، ފިޗުން ރާއްޖެއަށް ދީފައިވާ "ސީސީ" ރޭޓިންގ ދެމެހެއްޓުމާއި ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ތާށިކަމުން އަރައިގަތުމަށް، އިންޑިއާ ސަރުކާރުން ހަމަޖައްސައިދިން 400 މިލިއަން ޑޮލަރުގެ ކަަރަންސީ ސްވޮޕް ފެސިލިޓީގެ ސަބަބުން، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރުވެފައިވުމަކީ ލިބިގެންދިޔަ އުފަލެއްކަމަށެވެ.

ފިޗުން ރާއްޖެއަށް ދީފައިވާ ރޭޓިންގ ދެމެހެއްޓި މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ފަތުރުވެރިކަމުގެ ދާއިރާގެ ހަރުދަނާކަމާއި، ފައިސާއާ ގުޅޭ އިސްލާހުތަކާ ގުޅިގެން ބޭރު ފައިސާގެ ރިޒަރވް އިތުރުވެފައިވުމާއި، އިންޑިއާގެ ރިޒަރވް ބޭންކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭއާ ދެމެދު ހެދިފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީ ހަރުދަނާ ގޮތެއްގައި ބޭނުންކުރުން ވަނީ ފިޗްގެ ރިޕޯޓުގައި ފާހަގަކޮށްފައެވެ.

މިކަމާއި ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރުވުމުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އާރުބީއައި މެދުވެރިކޮށް ހަމަޖައްސައިދިން ކަރަންސީ ސްވޮޕް ފެސިލިޓީގެ މުހިންމުކަން ފިޗުން ފާހަގަކޮށްފައިވާއިރު ރާއްޖެ އަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމަށް ލުޔެއް ހޯދައިދީ، ރިޒާވް އިތުރުވުމުގައި އިންޑިއާ އިން ފޯރުކޮށްދިން އެހީތެރިކަމަކީ، އެ ގައުމަށް ލިބުނު ހިތްހަމަޖެހުމެއްކަމަށެވެ.

ފިޗްގެ ރޭޓިންގ ދެމެހެއްޓުމާއި ގުޅިގެން މާލީ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވީ، މިދިޔަ އަހަރާއި އަޅާ ބަލާއިރު މިއަހަރު މިހާތަނަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 9.4 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. މިއީ 2025ވަނަ އަހަރަށް ފިޗްއިން ލަފާކުރާ ޤައުމީ އުފެއްދުންތެރިކަމުގެ ކުރިއެރުން ކަމުގައިވާ 4.8 އިންސައްތައަށް ބާރުއަޅާ ކަމެއްގެ ގޮތުގައި މާލީ ވުޒާރާއިން ފާހަގަކުރެއެވެ. މިއާއެކު ވެލާނާ އެއަޕޯޓުގެ އައު ޓާމިނަލް ހުޅުވުމުން، ސަރުކާރުން 2026 ވަނަ އަހަރު ޖީ.ޑީ.ޕީ.ގެ ކުރިއެރުން 6.0 އިންސައްތައަށް އަރާނެކަމަށް ލަފާކުރާކަމަށް މާލީ ވުޒާރައިން ވިދާޅުވެއެވެ.

ބޭރު ފައިސާއާ ގުޅޭ ޤާނޫނުގެ ދަށުން ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރުމަށް ލާޒިމުކުރުމުގެ ނަތީޖާއެއްގެ ގޮތުން ބޭރު ފައިސާގެ ރިޒަރވް އިތުރުވެފައިވާކަން ފިޗްގެ ރޭޓިން އެކްޝަނުގައި ދައްކުވައިދެއެވެ. މި މާލީ އިސްލާހުތަކުގެ ސަބަބުން، އޭޕްރީލް 2025ގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒަރވް 856.3 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާކަން މާލީ ވުޒާރާއިން ފާހަގަކުރެއެވެ. އަދި މެދުރާސްތާގައި ބޭރު ފައިސާގެ ރިޒާވް ދެމެހެއްޓެނިވި ގޮތެއްގައި އިތުރުވާނެކަމަށް ބެލެވޭ ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.