ޚަބަރު

އިރާނާއި ޔަހޫދީ ދައުލަތް: ދެބައިމީހުންގެ އަސްކަރީ ޤާބިލުކަމުގައި ހުރީ ކިހާވަރެއްގެ ތަފާތެއް؟


އީރާނާއި ޔަހޫދީ ދައުލަތަކީ އެތައް ޒަމާނެއް ވަންދެން ހަތުރުންގެ ގޮތުގައި އޮތް ދެ ޤައުމެވެ. ދެ ޤައުމުން ވެސް ނުސީދާކޮށް އެއް ބަޔަކު އަނެއް ބަޔަކަށް ޙަމަލާދޭތާ އެތައް އަހަރެއް ވަނީ ވެފައެވެ. ނަަމަވެސް ފަހަކަށް އައިސް ދެ ޤައުމުން ދެމުންދާ ޙަމަލާތައް ވަނީ ސީދާ ކުރިމަތިލުންތަކާ ދިމާލަށް މިސްރާބު ޖަހާފައެވެ. އީރާނާއި ޔަހޫދީ ދައުލަތާ ދެމެދު ޙަމަލާތަކެއް ބަދަލުކުރަމުންދާ މި ދަނޑިވަޅުގައި ދެ ޤައުމުގެ އަސްކަރީ ޤާބިލުަކަމަށް ބަލައިލުމަކީ މުހިންމު ކަމެކެެވެ.

ސިފައިންގެ ޢަދަދު

އިނގިރޭސިވިލާތުގެ އިންޓަނޭޝަނަލް އިންސްޓިޓިއުޓް ފޮރ ސްޓްރެޓީޖިކް ސްޓަޑީޒް (އައިއައިއެސްއެސް)ން ޝާއިޢު ކޮށްފައިވާ ދަ މިލިޓަރީ ބެލެންސް 2023ގައި ބުނީ އީރާނުގެ އަސްކަރީ ޚިދުމަތުގައި 610،000 ސިފައިން ތިބިކަމަށެވެ. އޭގެ ތެރެއިން 350،000 ސިފައިންނަކީ އީރާނުގެ އިންޤިލާބީ ފައުޖުގެ ސިފައިންނެވެ. ކަނޑުމަތީގެ ސިފައިންގެ ގޮތުގައި 18،000 ސިފައިން ޙަރަކާތްތެރިވާއިރު ވައިގެ ސިފައިންގެ ގޮތުގައި 37،000 ސިފައިން އުޅެއެވެ. އޭގެ އިތުރުން ވައިގެ ދިފާޢުގައި އިތުރު 15،000 ސިފައިން އުޅެއެވެ. އަދި ރިޒާވް ސިފައިންގެ ގޮތުގައި ވެސް 350،000 ދަފްތަރު ކޮށްފައިވެއެވެ. 18 އަހަރު ފުރިފައިވާ އީރާނުގެ ކޮންމެ ފިރިހެނަކަށް އަސްކަރިއްޔާގައި ޚިދުމަތްކުރުން ލާޒިމުވެއެވެ. އަސްކަރިއްޔާގައި ޚިދުމަތްކުރުމުން އިސްތިސްނާވަނީ މަދު ޙާލާތްތަކެއްގައެވެ.

ޔަހޫދީ ދައުލަތުގެގެ އަކްސަރީ ޚިދުމަތުގައި 169،500 ސިފައިން ޙަރަކާތްތެރިވެއެވެ. އެއީ އަސްކަރީ ފައުޖުގައި 126،000 ސިފައިންނާއި، ކަނޑުގެ ސިފައިންގެ ގޮތުގައި 9،500 ސިފައިންނާއި ވައިގެ ސިފައިންގެ ގޮތުގައި 34،000 ސިފައިންނެވެ. ރިޒާވް ސިފައިންގެ ގޮތުގައި 465،000 މީހުން ޙަރަކާތްތެރިވާއިރު ޔަހޫދީ ދައުލަތުނ ވެސް 18 އަހަރުން މަތީގެ އަންހެނުންނާއި ފިިރިހެނުން އަސްކަރިއްޔާގައި ޚިދުމަތް ކުރުން ލާޒިމު ކުރެއެވެ. އަސްކަރިއްޔާގައި ޚިދުމަތްކުރުމުން އިސްތިސްނާވަނީ މަދު ޙާލާތްތަކެއްގައެވެ.

އަސްކަރީ ޚަރަދު

2024ވަނަ އަހަރުގެ އޭޕްރިލް މަހު ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސަރޗް އިންސްޓިޓިއުޓް (ސިޕްރީ)އިން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2023ވަނަ އަހަރު އީރާނުން ވަނީ އަސްކަރީ ޚަރަދުގެ ގޮތުގައި 10.3 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކޮށްފައެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 0.6 އިންސައްތައިގެ އިތުރުވުމެކެވެ. 2024ވަނަ އަހަރު ޔަހޫދީ ދައުލަތުން ޚަރަދު ކޮށްފައި ވަނީ 27.5 ބިލިއަން އެމެރިކާ ޑޮލަރެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 24 އިންސައްތަ އިތުރު ޢަދަދެކެވެ. ޔުަހޫދީން އަސްކަރިއްޔާއަށް ކުރާ ޚަރަދު އިތުރުވި އެއް ސަބަބަކީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ފަށާފައިވާ އުދުވާނީ ޙަމަލާތަކެވެ.

އަސްކަރީ އެއްގަމު އުޅަނދު

ދަ މިލިޓަރީ ބެލެންސް 2023ގައިވާ ގޮތުން އީރާނުގެ އަސްކަރިއްޔާގައި 10،513 ހަނގުރާމަމަތީ ޓެންކަރާއި ދުރަށް ޙަމަލާދެވޭ އާޓިލަރީ ބަޑީގެ 6،789 ބަޑިއާއި ހަނގުރާމައިގެ މައިދާނުގައި ރައްކާތެރިކަމާއެކު ސިފައިންނަށް ދަތުރުކުރެވޭ ފަދަ، ހަތިޔާރު ހުންނަ 640 އުޅަނދު ނުވަނަ އާމޯޑް ޕާސަނަލް ކެރިއަރ ހިމެނެއެވެ. އޭގެ އިތުރުން 50 ހެލިކޮޕްޓަރު އަސްކަރިއްޔާގައި އޮންނައިރު، އިންޤިލާބީ ފައުޖުން ވެސް އިތުރު 5 ހެލިކޮޕްޓަރު ގެންގުޅެއެވެ. އޭގެ ބަދަލުގައި ޔަހޫދީންގެ އަސްކަރިއްޔާގައި 400އެއްހާ ހަނގުރާމަމަތީ ޓެންކަރާއި، 530 އާޓިލަރީ ބަޑިއާއި 1،190 އާމޯޑް ޕާސަނަލް ކެރިއަރ ހިމެނެއެވެ.

ވައިގެ ސިފައިން

ދަ މިލިޓަރީ ބެލެންސް 2023ގައިވާ ގޮތުން އީރާނުގެ އަސްކަރިއްޔާގައި 312 އަސްކަރީ މަތިންދާބޯޓު އޮވެއެވެ. އޭގެ އިތުރު 23 މަތިންދާބޯޓު އިންޤިލާބީ ފައުޖުން ވެސް ގެންގުޅެއެވެ. ވައިގެ އަސްކަރިއްޔާގައި ޙަމަލާ ދިނުުގެ ޤާބިލުކަން ލިބިފައިވާ ދެ ހެލިކޮޕްޓަރު އޮންނައިރު އިންޤިލާބީ ފައުޖުން ވެސް އެ ފަދަ އިތުރު ފަސް ހެލިކޮޕްޓަރު ގެންގުޅެއެވެ. ޔަހޫދީ ދައުލަތުގެ އަސްކަރިއްޔާގައި ވެސް 345 ހަނގުރާމަމަތީ މަތިންދާބޯޓުގެ އިތުރުން ޙަމަލާ ދޭން ބޭނުން ކުރާ 43 ހެލިކޮޕްޓަރު ގެންގުޅެއެވެ.

ކަނޑުގެ ސިފައިން

އީރަނުގެ އަސްކަރިއްޔާގައި 17 ޓެކްޓިކަލް ސަބްމެރީނާއި 68 ކޯސްޓު ގާޑާއި ކުދި އަސްކަރީ ބޯޓު އޮވެއެވެ. އޭގެ އިތުރުން 11 ލޭންޑިންގ ކްރާފްޓާއި ތަފާތު އެކި ބޭނުންތަކަށް ގެންގުޅޭ 18 އިތުރު ބޯޓު އޮވެއެވެ. ޔަހޫދީންގެ އަސްކަރިއްޔާގައި ފަސް ސަބްމެރިންނާއި 49 ކޯސްޓު ގާޑު އޮވެއެވެ.

ވައިގެ ދިފާޢީ ނިޒާމު:

ދަ މިލިޓަރީ ބެލެންސް 2023ގައިވާ ގޮތުން ވައިގެ ދިފާޢުއަށް ޔަހޫދީން ބަރޯސާ ވަނީ އެ ޤައުމުގެ އަޔަން ޑޯމް ނިޒާމަށެވެ. ޔަހޫދީ ދައުލަތަށް އަމާޒު ކޮށް ދޭ ގިނަ ވައިގެ ޙަމަލާތައް ހުއްޓުވަނީ މި ނިޒާމު ބޭނުން ކޮށްގެންނެވެ. އެ ނިޒާމުގައި ޔަހޫދީ ދައުލަތާ ދިމާލަށް މިސްރާބު ޖަހާ މިސައިލްތަކާއި ޑްރޯންތައް ދެނެގަނެ، އެ ޙަމަލާތައް ދަތުރު ކުރާ ބާރުމިނާއި މަގު ދެނެގައެެވެ. މި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، އެ ޙަމަލާއަކީ ޔަހޫދީންގެ އަވަށްތަކަށް ނުރައްކާތެރި ޙަމަލާއެއްތޯ ބަލަނީ އަޔަން ޑޯމްގެ ކޮންޓްރޯލު ސެންޓަރުންނެވެ. އެއްވެސް ޙަމަލާއަކީ ޔަހޫދީންނަށް ނުރައްކާވާ ޙަަމަލާއެއް ކަމަށް ކޮންޓްރޯލް ސެންޓަރުން ދެނެގައިންފި ނަމަ ވައިގެ ދިފާޢީ ނިޒާމުން މިސައިލުތައް ޖަހައި އެ އެއްޗެއް ވައްޓާލައެވެ. ވައިގެ ދިފާޢު ނިޒާމުގައި ހިމެނޭ މިސައިލު ފޮނުވާ ޔުނިޓުތަކުގައި 20 މިސައިލު ހިމެނެއެވެ.

ޔަހޫދީ ދައުލަތުގެ އެކި ސަރަޙައްދުތަކުގައި އަޔަން ޑޯމުގެ 20 ބެޓެރީ ބަހައްޓާފައިވެއެވެ. މި ނިޒާމުގެ އިތުރުން ތަފާތު ވައްތަރުގެ މިސައިލް ހުއްޓުވުމަށް ތަފާތު ނިޒާމުތައް ބޭނުން ކުރެއެވެ. އެ ގޮތުން 40 ކިލޯމީޓަރާއި 300 ކިލޯމީޓަރުގެ ސަރަޙައްދަކަށް ދަތުރު ކުރެވޭ މިސައިލް ހުއްޓުވުމަށް ބޭނުން ކުރަނީ ދަ ޑޭވިޑްސް ސްލިންގެވެ. 2،400 ކިލޯމީޓަރާ ހަމައަށް ދަތުރުކުރެވޭ މިސައިލް ހުއްޓުވަނީ ދަ އެރޯ ސިސްޓަމް ބޭނުން ކޮށްގެންނެވެ.

2024ވަނަ އަހަރުގެ ފެބްރުވަރީ މަހު އީރާނުން ވަނީ އިންފްރާރެޑް ވައިގެ ދިފާޢީ ނިޒާމެއް ބޭނުން ކުރަން ފަށާފައެވެ. އެއީ އަޒަރަޚްޝް ކިޔާ ނިޒާމެކެވެ. ތިރިން އުދުހޭ ޑްރޯނާއި ހެލިކޮޕްޓަރާއި މަތިންދާބޯޓު މި ނިޒާމުން ވައްޓާލައެވެ. މިއީ އުޅަނދުތަކުގައި ވެސް ހަރުކުރެވޭ ފަދަ ނިޒާމެކެވެ. މި ނިޒާމުން ނުރައްކާ ދެނެގަތުމަށް ރާޑަރުތަކާއި ކެމެރާތައް ހަރުކޮށްފައި ހުރެެއެވެ. މި ނިޒާމުގެ އިތުރުން ރަޝިޔާއިން އުފައްދާފައިވާ އެސް-2000ގެ 42 ނިޒާމާއި އެސް-300 ނިޒާމާއި އިރާނުގައި އުފައްދާފައިވާ ބަވާރު-373އާއި އެމެރިކާގައި އުފައްދާފައިވާ އެމްއައިއެމް-23 ހޯކްގެ 59 ނިޒާމާއި، އެޗްކިއު-2ޖޭއާއި ޚުރުދާދް-15އާއި ޗައިނާގައި އުފައްދާފައިވާ ސީއެޗްއެސްއޭ-4 އާއި 8ކޭ331 ޓޯ-އެމް1ގެ 279 ނިޒާމު ވެސް އެ ޤައުމުން ކުރެއެވެ.

ބެލިސްޓިކް މިސައިލް:

އެމެރިކާގެ ސެންޓަރ ފޮރ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް، ސީއެސްއައިއެސުން ހިންގި މިސައިލް ޑިފެންސް ޕްރޮޖެކްޓުން ހާމަވި ގޮތުގައި އީރާނުން 12 ވައްތަރެއްގެ މިސައިލް ގެންގުޅެއެވެ. އޭގެ ތެރޭގައި 150 ކިލޯމީޓަރަށް ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ ޓޮންޑަރ 69 މިސައިލްއާއި ޚުއްރަމްޝަހްރު އާއި ސެއްޖިލް މިސަައިލް ހިމެނެއެވެ. މި ދެ މިސައިލަށް 2،000 ކިލޯމީޓަރަށް ދަތުރު ކުރެވެއެވެ.

ޔަހޫދީން ވެސް މަދުވެގެން ހަތަރު ވައްތަރެއްގެ މިސައިލް ގެންގުޅެއެވެ. އޭގެ ތެރޭހާއި 280 ކިލޯމީޓަރަށް ދަތުރު ކުރެވޭ ލޯރާ މިސައިލާއި 4،800 ކިލޯމީޓަރާއި 6،500 ކިލޯމީޓަރާ ދެމެދުގެ ދުރުމިނަށް ދަތުރު ކުރެވޭ ޖެރިކޯ-3 މިސައިލް ހިމެނެއެވެ.

ނިއުކްލިޔަރ ޤާބިލުކަން:

ޔަހޫދީ އަސްކަރިއްޔާގައި 90 ނިއުކްލިޔަރ ހަތިޔާރު ހުރި ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ އާމްސް ކޮންޓްރޯލް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އީރާން އަތުގައި ނިއުކްލިޔަރ ހަތިޔާރު ހުރި ކަމަށް ނުބެލެވޭ ނަމަވެސް އެ ޤައުމުގެ ވަރުގަދަ ނިއުލްލިޔަރ މަޝްރޫޢުގެ ދަށުން ނިއުކްލިޔަރ މަރުކަޒުތަކާއި ރިސާޗު މަރުކަޒުތައް ހިންގައެވެ.