ޚަބަރު

ޕްރޮބިއާޒް ހުއްޓައި ދެން ގައުމީ ޓީމަށް ނުކުޅޭނެ ކަމަށް ލެވަންޑޯސްކީ ބުނެފި


ޕޮލަންޑުގެ ގައުމީ ޓީމުގެ ކޯޗު މިހާލް ޕްރޮބިއާޒް އެ މަގާމުގައި ހުއްޓައި ދެން ގައުމީ ޓީމަށް ނުކުޅޭނެ ކަމަށް އެ ޓީމުގެ ކެޕްޓަން ރޮބަޓް ލެވަންޑޯސްކީ ބުނެފިއެވެ.

ޕޮލެންޑަށް ރެކޯޑް އަދަދަކަށް ގޯލު ޖަހައިދީފައިވާ އުމުރުން 36 އަހަރުގެ ލެވަންޑޯސްކީ އާއި ކޯޗު ޕްރޮބިއާޒް އާއި ދެމެދު މައްސަލަ ޖެހުނީ އޭނާ އަތުން ކެޕްޓަން ބޭންޑް އަތުލުމުންނެވެ.

ޕޮލެންޑްގެ ފުޓްބޯލް އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޯޗު ޕްރޮބިއާޒްގެ ނިންމުން ލެވަންޑޯސްކީ އާއި ހިއްސާ ކޮށްފައިވާނެ ކަމަށާއި އަދި ޓީމުގައި ހިމެނޭ ކުޅުންތެރިންގެ އިތުރުން ކޯޗިން ސްޓާފުންގެ މައުލޫމާތުވެސް ހިއްސާ ކޮށްފައިވާ ކަމަށެވެ.

"ކޯޗުގެ ނިންމުން ވަނީ ލެވަންޑޯސްކީ އާއި ހިއްސާކޮށްފަ. އަދި ޓީމުގައި ހިމެނޭ ކުޅުންތެރިންގެ އިތުރުން ކެޕްޓަންގެ ޒިންމާ އިންޓަރ މިލާނުގެ މިޑްފީލްޑަރ ޕިއޮޓް ޒިއެލެންސްކީ ހަމަޖައްސާފައިވާކަންވެސް ވާނީ އަންގާފަ." އެފްއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް ލެވަންޑޯސްކީގެ އިންސްޓަގްރާމްގައި އޭނާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނި ކޯޗާއިމެދު އިތުބާރު ގެއްލިފައިވާތީ އޭނާ އެ މަގާމުގައި ދެމި ހުރިހާ ދުވަހަކު ދެން ގައުމީ ޓީމަށް ނުކުޅޭނެ ކަމަށެވެ.

"ޕޮލެންޑްގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމުގައި އޭނާ ހުރިހާ ދުވަހަކު އަހަރެން ދެން ގައުމީ ޓީމަކަށް ނުކުޅޭނަން. ކޯޗާއިމެދު އޮތް އިތުބާރު ވަނީ ގެއްލިފަ. އަދިވެސް އުންމީދު ކުރަން ޕޮލެންޑްގެ ޖާޒީގައި ސަޕޯޓަރުންނަށް ފެންނާނެ ދުވަހެއް އަދި ލިބިގެންދާނެ ކަމަށް." ލެވަންޑޯސްކީ ބުންޏެވެ.

ޕޮލެންޑަށް މިހާތަނަށް ކުޅުނު 158 މެޗުގައި ޖުމްލަ 85 ލަނޑު ޖަހާފައިވާ ލެވަންޑޯސްކީ އަށް ޕްރޮބިއާޒް އެންމެ ފަހުން ނެގި ސްކޮޑުން ފުރުސަތު ދީފައެއް ނުވެއެވެ.

2023 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ޕޮލެންޑްގެ ކޯޗު ކަމާއި ހަވާލިވި ޕްރޮބިއާޒްގެ އިރުޝާދުގެ ދަށުން ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކޮށް ގްރޫޕް ސްޓޭޖުން ކަޓާފައިވަނީ ގްރޫޕުގެ ފުލުގައި އޮވެގެންނެވެ.

ނަމަވެސް ވޯލްޑްކަޕްގެ ކޮލިފައިންގައި މިހާތަނަށް އެ ޓީމުން ކުޅުނު ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓާޢެކު އަދި އޮތީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.