ޚަބަރު

ޣައްޒާ ޢުދުވާން ހުއްޓައިލަން ގޮވައިލައި، ޔަހޫދީންނާ ދެކޮޅަށް ހުށަހެޅި ޤަރާރު އެމެރިކާއިން ވީޓޯކޮށްފި


ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމު އެއްވެސް ޝަރުޠަކާ ނުލައި ވަގުތުން ހުއްޓައިލުމަށް ގޮވައިލައި އެކުވެރި ދައުލަތްތައް (އދ)ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރު، ވީޓޯގެ ބާރު ބޭނުން ކޮށްގެން އެމެރިކާއިން ބޭރުކޮށްލައިފިއެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއަކީ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރެކެވެ. އަދި، ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ފަސް މެންބަރުންގެ ތެރެއިން އެއް ޤައުމެވެ. މިއީ، ޔަހޫދީންނާ ދެކޮޅަށް އެ މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރެއް އެމެރިކާއިން ވީޓޯ ކޮށްފައިވާ ފަސްވަނަ ފަހަރެވެ.

ޣައްޒާގެ ޢުދުވާން އެއްވެސް ޝަރުޠަކާ ނުލައި ވަގުތުން ހުއްޓައިލުމަށް ގޮވައިލައި އދގެ ސަލާމަތީ މަޖިލީހަށް ޤަރާރެއް ހުށަހަޅާފައި މި ވަނީ، ޢުދުވާނީ ޙަމަލާތަކުގެ އިތުރުން ޣައްޒާގެ ރައްޔިތުން ބަނޑަށްޖައްސައި ޝަހީދު ކޮށްލުމަށް ޔަހޫދީ ފައުޖުން ނިރުބަވެރި ޖަރީމާތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. އދގެ އިދާރާތަކުން ބުނީ، ޣައްޒާގެ އާބާދީގެ %100 މީހުން މި ވަގުތު ހައިހޫނުގައި ޖެހުމަށް ހުށަހެޅިފައިވާ ކަމުގައެވެ. ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ގޮވައިލައި އދގެ ސަލާމަތީ މަޖިލީހަށް ޤަރާރެއް ހުށަހަޅާފައި މި ވަނީ އެ ސަހަރުގެ އާބާދީގައި ހިމެނޭ 2.1 މިލިޔަނެއްހާ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށެވެ.

ނަމަވެސް، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނިންމުމަކަށްވީ، އެ ޤަރާރު ވީޓޯކޮށް ފޭލުކޮށްލުމަށެވެ. "އެމެރިކާގެ ސިޔާސަތު ވަރަށް ސާފު: [ޣަައްޒާގައި ވެރިކަން ކުރާ މުޖާހިދުންގެ ޖަމާޢަތް] ޙަމާސް ކުށްވެރި ނުކުރާ، އަދި ހަތިޔާރު ބެހެއްޓުމަށް ފަހު ޣައްޒާއިން ފޭބުމަށް ޙަމާސަށް ގޮވައިނުލާ އެއްވެސް ޤަރާރަކަށް ތާޢީދެއް ނުކުރާނަން،" އދއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމު ވަގުތީ ގޮތުން ފުރުއްވަމުން ގެންދަވާ ޑޮރޮތީ ޝެއި ވިދާޅުވިއެވެ. ޔަހޫދީ ފައުޖަށް އެންމެ ގިނަ ހަތިޔާރު ފޯރުކޮށްދޭ ޤައުމަކީ ވެސް އެމެރިކާއެވެ.

ޔަހޫދީންނާ ދެކޮޅަށް ހުށަހެޅި ޤަރާރު އެމެރިކާއިން ބާޠިލު ކޮށްލުވާފައިވީ ނަމަވެސް، އިނގިރޭސިވިލާތުން ވަނީ ޔަހޫދީންނާ ދެކޮޅަށް ބަސް ބުނެފައެވެ. މި ގޮތުން، ޣައްޒާ ޢުދުވާން ފުޅާ ކުރުމަށް ޔަހޫދީ ފައުޖުން ކުރަމުންދާ މަސައްކަތްތައް އިނގިރޭސިވިލާތުން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބާބަރާ ވުޑްވަރޑް ވަނީ ކުށްވެރި ކުރައްވާފައެވެ. ޣައްޒާގެ ރައްޔިތުންނަށް ބަނޑުފުރާނަ މުއްތި ކުރެވެން އޮތް މަގުތަކަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޔަހޫދީންނާ ދެކޮޅަށް ހުށަހަޅާފައިވާ ޤަރާރަށް އެމެރިކާއިން ހުރަސް އެޅުމުން ޙަމާސް ޖަމާޢަތުން ވެސް ވަނީ އެ ކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އެއީ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރުގެ ގޮތުން ވަކި ކޮޅަކަށް ބުރަވެފައިވާ ނިންމުމެއްގެ ގޮތުގައި ޙަމާސުން ސިފަ ކުރިއެވެ. ނަމަވެސް، ޔަހޫދީންނާ ދެކޮޅަށް ހުށަހެޅި ޤަރާރުގައި، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ އަސީރުން މިނިވަން ކުރުމަށް ގޮވައިލާފައިވާ ކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

ޣައްޒާގައި ރައްޔިތުން ހައިހޫނުގައި ޖެއްސުމަށް ޔަހޫދީ ފައުޖުން އެ ސަހަރުގެ ފުރަބަންދު ހަރުކަށި ކޮށްފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. އޭގެ ފަހުން އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް އޮތީ ހުރަސް އަޅާފައެވެ. އަދި، ބޭހާއި ބޭސްފަރުވާގެ ސާމާނާއި އިންޖީނުގެތަކާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެޔޮ އެތެެރެ ކުރުން ވެސް އޮތީ ހުއްޓުވާފައެވެ.

ޣައްޒާގެ ފުރަބަންދަށް ޔަހޫދީ ފައުޖުން ލުއިދީފައި ވަނީ މޭ 19ވަނަ ދުވަހުއެވެ. އަދި، މޭ 26ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް މަދު އަދަދެއްގެ ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު އޮތީ ދީފައެވެ. ނަމަވެސް، އެ ފުރުޞަތު ދީފައިވާ ހަމައެކަނި ޖަމުޢިއްޔާއަކީ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފެ)ވެ. އެއީ، ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ހުރިހާ މަސައްކަތެއް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް ރައީސް ޓްރަމްޕާ ގުޅިގެން އުފައްދާފައިވާ އެމެރިކާގެ ޖައުޢިއްޔާއެކެވެ.

ނަމަވެސް، އެ ޖަމާޢަތް އުފައްދައި، ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ޔަހޫދީންގެ ކޮންޓުރޯލުގެ ދަށަށް ގެންގޮސްފައި ވަނީ، ލާއިންސާނީ އިތުރު ޖަރީމާތަކެއް ހިންގުމުގެ ހީލަތްތެރި ނިޔަތުގައެވެ. ޖީއެޗްއެފުން ކާބޯތަކެތި ބަހަމުންދާ ކަމަށް އިޢުލާނުކޮށް، އެތަކެއް ސަތޭކަ ބަޔަކު އެ ޖަމުޢިއްޔާގެ މަރުކަޒުތައް ކައިރިއަށް ޖަމާ ކުރުވުމަށް ފަހު، ޔަހޫދީ ފައުޖުން ދަނީ އެ މީހުންނަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާތަކެއް ދެމުންނެވެ. އެ ފަދަ ޙަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

މި ވަގުތު ޖީއެޗްއެފުން އޮތީ އެހީ ބެހުމުގެ މަސައްކަތްތައް ވަގުތީ ގޮތުން މެދުކަނޑައިލާފައެވެ. މި ކަމާ ގުޅިގެން، އެހީގެ ކަންކަން ވިލަރެސް ކުރާ އދގެ އިދާރާގެ ވެރިޔާ ޓޮމް ފްލެޗަރ ވަނީ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރު ކޮށްދިނުމުގެ މަސައްކަތް އަލުން އދއާއި ޙަވާލު ކުރުމަށް ގޮވައިލައްވާފައެވެ. އޭނާ ވިދާޅުވީ، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ޤާބިލުކަމާއި ރޭވުންތެރިކަން އދގައި ހުރި ކަމުގައެވެ.