ފާއިތުވެދިޔަ ދެ ހަފްތާގެ ތެރޭ ސްކޭމްކޮށްގެން 8 ލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންޓި ސްކޭމް ސެންޓަރުން ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 18 އިން 30 އާ ދެމެދު އޮޅުވާލައިގެން ފައިސާ ހޯދުމުގެ 44 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.
މި 44 މައްސަލާގައި ޖުމްލަ 899،348.43 ރުފިޔާ ފޭރިގެންފައިވާއިރު، އޭގެ ތެރެއިން 147,132.00 ރުފިޔާ އަނބުރާ ހޯދާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން އަށް މައްސަލައެއްގައި ގެއްލުނު ޖުމްލަ ފައިސާ އަނބުރާ ހޯދާފައިވާއިރު ތިން މައްސަލައެއްގައި ގެއްލުނު ފައިސާގެ ވަކިވަރެއް އަނބުރާ ހޯދިފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
އީ-ކޮމާސް - 25 މައްސަލަ
ބޭރު ފައިސާ މާރުކުރުން - 10 މައްސަލަ
ފޯނުން ގުޅައިގެން - 4 މައްސަލަ
ފިޝިންގ ލިންކް ބޭނުންކޮށްގެން - 2 މައްސަލަ
އެހެނިހެން - 3 މައްސަލަ
ފޭސްބުކް މާކެޓްޕްލޭސް - 18 މައްސަލަ
ވައިބަރ - 11 މައްސަލަ
ފޯންކޯލް - 4 މައްސަލަ
އައިބޭ - 4 މައްސަލަ
އެހެނިހެން ޕްލެޓްފޯމްތައް - 7 މައްސަލަ
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ ހާއްސަ އިރުޝާދުތަކެއް ދީފައެވެ. މީގެ ތެރޭގައި އެއްވެސް ލިންކަކަށް ނުފިއްތުމާއި، ވެރިފިކޭޝަން ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުން، އަދި ދަންނަ މީހެއްގެ ފަރާތުން އައި މެސެޖެއް ކަމުގައިވިޔަސް ސަމާލުވުމަށް އިރުޝާދު ދީފައިވެއެވެ.
މީގެ އިތުރުން ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް އެ ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.