ފަލަސްޠީނުގެ ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީގެ %100 މީހުންނަށް މި ވަގުތު ހައިހޫނު ކަން ތަހައްމަލު ކުރަން މަޖުބޫރުވެފައިވާ ކަން އެކުވެރި ދައުލަތްތައް (އދ)ން ހާމަކޮށްފިއެވެ. މި މޭރުމުން ވިދާޅުވެފައި ވަނީ އިންސާނީ އެހީގެ ކަންކަން ވިލަރެސް ކުރާ އދގެ އިދާރާ (އޯސީއެޗްއޭ)ގެ ތަރުޖަމާނު ޔެންސް ލެޔާކެވެ. ޣައްޒާގައި ރައްޔިތުން ހައިހޫނުގައި ޖައްސައި، ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ބަނޑަށްޖައްސައި ޝަހީދު ކޮށްލުމުގެ ނިޔަތުގައި ޔަހޫދީ ފައުޖުން އެ ސަހަރުގެ ފުރަބަންދު ހަރުކަށި ކޮށްފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ.
ކާބޯތަކެތީގެ އިތުރުން ސާފު ބޯފެނާއި އިންސާނީ އެހީގެ ސާމާނު ޣައްޒާއަށް އެތެރެ ކުރުމަށް ވެސް ޔަހޫދީ ފައުޖުން އޮތީ ހުރަސް އަޅާފައެވެ. އަދި، ޞިއްޙީ ފަރުވާއަށް ބޭނުންވާ ބޭހާއި ބޭސްފަރުވާގެ އެހެނިހެން ސާމާނުގެ އިތުރުން އިންޖީނުގެތަކާއި ޖަނަރޭޓަރުތަކަށް ބޭނުންވާ ތެޔޮ އެތެރެ ކުރުމަށް ވެސް އޮތީ ހުރަސް އަޅާފައެވެ. މި ކަމާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފިއްތުއްތައް ބޮޑުވުމާ ގުޅިގެން ޔަހޫދީން ވަނީ 11 ހަފުތާއަށް ފަހު ޣައްޒާގެ ފުރަބަންދަށް ލުއިތަކެއްދީ، މަދު އަދަދެއްގެ ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ދީފައެވެ.
ނަމަވެސް، ލެޔާކް ވިދާޅުވީ ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް ބޭނުންވާ މިންވަރާ ގާތަށް ވެސް ޔަހޫދީން އެ ސަހަރަށް ކާބޯތަކެތި އެތެރެ ކޮށްދީފައި ނުވާ ކަމުގައެވެ. އދން ބުނީ، މި ވަގުތު ދުނިޔޭގައި ހައިހޫނުގައި ޖެހިފައި ތިބި އެންމެ ގިނަ އަދަދެއްގެ ބަޔަކު ތިބީ ޣައްޒާގައި ކަމުގައެވެ. "ޣައްޒާއަށް އެތެރެ ކުރުމުގެ ފުރުޞަތު ދެމުންދާ މަދު އަދަދެއްގެ [ކާބޯތަކެތި ބަރުކޮށްފައިވާ] ލޮރީގައި ހުރީ ވަރަށްވަރަށް މަދު އަދަދެއްގެ ކާބޯތަކެތި،" ލެޔާކް ވިދާޅުވިއެވެ.
"އެހީ ބެހުމަށް އަޅުގަނޑުމެން ބޮޑު އޮޕަރޭޝަނެއް އޮތީ ތައްޔާރު ކޮށްފައި، ނަމަވެސް އަޅުގަނޑުމެންގެ އަތްފައިގައި ވަނީ ކަސްތަޅު އަޅުވާފައި، މިއީ އެހީ ބެހުމުގެ އޮޕަރޭޝަނަކަށް ދުނިޔޭގައި މި ވަގުތު، އަދި ފަހުގެ ތާރީޚެއްގައި ކުރިމަތި ކޮށްފައި އޮތް އެންމެ ބޮޑު ހުރަސް،" އޭނާ ވިދާޅުވިއެވެ. މި ވަގުތު ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ހަމައެކަނި ދީފައި ވަނީ ޔަހޫދީންނާއި އެމެރިކާއިން އުފައްދާފައިވާ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފަ)ށް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޖީއެޗްއެފަކީ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅިގެން އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ. ޣައްޒާގެ ނިކަމެތީންނަށް ކާބޯތަކެތި ބެހުމުގެ މަސައްކަތް އެ ޖަމުޢިއްޔާއިން ފަށާފައި ވަނީ މޭ 26ވަނަ ދުވަހުއެވެ. ނަމަވެސް، އެހީ ބެހުމުގެ ނަމުގައި ޣައްޒާގައި ހައިހޫނުުގައި ޖެހިފައިވާ އެތަކެއް ސަތޭކަ ބަޔަކު ޖީއެޗްއެފްގެ މަރުކަޒުތައް ކައިރިއަށް ޖަމާ ކުރުމަށް ފަހު ޔަހޫދީ ފައުޖުން ދަނީ އެ މީހުންނަށް ޙަމަލާ ދެމުންނެވެ.
މި ގޮތުން، ޣައްޒާގެ އުތުރާއި ދެކުނު ވަކިކޮށްލުމަށް ޤާއިމު ކޮށްފައިވާ 'ނެޓްޒަރީމް' ޗެކްޕޮއިންޓު ކައިރިއަށް ޖަމާވި މީހުންގެ ތެރެއިން 20 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. މީގެ އިތުރުން، ޣައްޒާގެ އެންމެ ދެކުނުގައި އޮތް ރަފަޙްގައި ޖީއެޗްއެފުން ޤާއިމު ކޮށްފައި އޮތް މަރުކަޒު ކައިރިއަށް ޖަމާވި މީހުންނަށް ޙަމަލާދީ 10 މީހުން ޝަހީދު ކޮށްލާފައިވެއެވެ. އަދި، އިތުރު 46 މީހުން ޒަޚަމު ކޮށްލިއެވެ.
ކާބޯތަކެތީގެ ޙައްޤާ ބެހޭ އދގެ ޚާއްޞަ ރެޕޯޓަރ މައިކަލް ފަޚްރީ ވެސް ވިދާޅުވީ، ޣައްޒާގެ ރައްޔިތުން ހައިހޫނުުގައި ޖައްސާފައިވާ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމުގައެވެ. އަދި، އެހީ ފޯރުކޮށްދިނުމުގެ ނަމުގައި ޔަހޫދީ ފައުޖުން ޣައްޒާގެ ރައްޔިތުން ޖީއެޗްއެފްގެ މަރުކަޒުތަކަށް ޖަމާ ކުރުމަށް ފަހު އެ މީހުން ހައްޔަރުކޮށް، ލާއިންސާނީ އަނިޔާތަކަށް ހުށަހަޅަމުންދާ ކަމުގައެވެ. ޖީއެޗްއެފްގެ މަރުކަޒުތަކަށް އެހީ ބަލައިދިޔުމަށް ފަހު ގިނަ ބަޔަކަށް އެނބުރި ވަޒަނަށް ދަތުރު ކުރުމަށް ޔަހޫދީ ފައުޖުން ހުރަސް އަޅަމުންދާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
ޣައްޒާގައި ނިކަމެތިކޮށް ހާލުގައި ޖައްސާފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ބެހުމުގެ މަސައްކަތް ޖީއެޗްއެފާ ޙަވާލުކޮށްފައި ވަނީ އެ ސަހަރުގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޖަރީމާތަކުގެ ޙަޤީޤަތް ފޮރުވަން ކަމުގައި ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އދން އުފައްދާފައިވާ އިދާރާ (އުންރްވާ)ގެ ވެރިޔާ ފިލީޕް ލެޓްޒަރީނީ ވަނީ ސިފަ ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ޖީއެޗްއެފާ އެހީ ބެހުމުގެ މަސައްކަތް ޙަވާލުކޮށްފައި ވަނީ މި ފަދަ ޖަރީމާތަކާއި، ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ މި ފަދަ އެހެން ޖަރީމާތަކުގެ ޙަޤީޤަތް ފޮރުވުމަށް ކަމުގައެވެ. އެހީ ބެހުމަށް ޖީއެޗްއެފުން އަމަލު ކުރަމުން ދަނީ އެއްވެސް ހަރުދަނާ ކަމެއް ނެތް އުސޫލެއްގެ ދަށުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
"އެހީ ބެހުމަށް އިސްރާއީލުން އަމަލު ކުރަމުން ދަނީ އެއްވެސް އިންސާނިއްޔަތު ކަމެއް ނެތް އުސޫލެއްގެ ދަށުން. އަޅުގަނޑުމެންނަށް އިއްޔެ [މޭ 27ގައި] އެ މަންޒަރުތައް ވަރަށް ސާފުކޮށް ފެނިގެން ދިޔަ، ހައިހޫނުގައި ޖެހިފައިވާ މީހުން ކާބޯތަކެތި ހޯދުމަށް އުޅެން ޖެހުނު ގޮތް. އެެއްވެސް ހަމައެއްލަމައެއް ނެތް، އިންސާނީ ކަރާމާތުގެ ކަންފުޅެއް ވެސް ނެތް، އެއްވެސް ރައްކާތެރިކަމެއް ވެސް ނެތް،" އޭނާ ވިދާޅުވިއެވެ.
ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް އެހީ ބެހުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންގޮސްފައި ވަނީ، އެ ރައްޔިތުން ހައިހޫނުގައި ޖައްސައި، ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ބަނޑަށްޖައްސައި ޝަހީދު ކޮށްލުމުގެ ނިޔަތުގައި ކަމުގައި އދގެ އިދާރާތަކުގެ އިތުރުން އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ވެސް ސިފަ ކުރެއެވެ. "އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި އެއީ ބޭކާރު ޚަރަދެއް، އަދި ޖަރީމާތަކުގެ ޙަޤީޤަތް ފޮރުވަން ކޮށްފައިވާ ކަމެއް،" ލެޓްޒަރީނީ ވިދާޅުވިއެވެ.