ޚަބަރު

އެކުގައި ޙައްޖަށް ނުދެވުނަސް ދަރިފުޅު ވަކިވެގެންދިޔައީ މަންމަ އެންމެ ބޭނުންވި ހަދިޔާ ދިނުމަށްފަހު


  • ޙައްޖުގެ އަޅުކަން އަދާކުރުމަށް މިދިޔަ އަހަރުވެސް ފުރުސަތުނުލިބުނު

ފ.ނިލަންދޫ، މޯނިންގވިލާ، ހައްވާ މޫސާ މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މާތްވެގެންވާ މައްކާގެ ބިމަށް އައީ ކުރިން އުންމީދުކޮށްގެން ހުރި ގޮތަކަށް ނޫނެވެ. ހައްވާ މޫސާ ރާވާފައި އޮތީ އޭނާގެ ފިރިހެން ދަރިފުޅާއެކު ޙައްޖުގެ އަޅުކަން އަދާކުރުމަށް އައުމަށެވެ. ނަމަވެސް ކަންދިމާކުރިގޮތުން އުމުރުން 61 އަހަރުގެ ހައްވާ މޫސާ މިފަހަރު ޙައްޖަށް ދާންޖެހުނީ އެކަންޏެވެ.

އުމުރުން 5 އަހަރުގައި މަންމަޔާ ބައްޕަ ނިޔާވެ ހިތްދަތި ދިރިއުޅުމެއް އުޅަމުންއައި ހައްވާ މޫސާ ޒަވާޖީ ހަޔާތެއް ފެށީ ދިރިއުޅުން ކޮޅަށް ޖެހުމަށެވެ. އެގޮތުން ކުރި ކައިވެންޏަށް 7 ކުދިން ލިބުނެވެ. އުމުރުން 41 އަހަރުގެ އެންމެ ދޮށީ ދަރިފުޅަކީ ތަންމަތީގައި އޮންނަ ބަލި ކުއްޖެކެވެ. ނިކަމެތި ހާލެއްގައި ހަތް ކުދިން ބޮޑުކުރީ އަޚުލާޤު ރަނގަޅު މަސައްކަތްތެރި ތައުލީމީ ކުދިންތަކަކަށް މި ކުދިން ހަދައިދިނުމަށެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމުގެ އުންމީދު ހައްވާ މޫސާގެ ހިތުގައި އަބަދުވެސް އޮވެއެވެ. ރަށު މީހުން ޙައްޖުގެ އަޅުކަމަށް ފުރާތަން ފެންނަ ކޮންމެ ފަހަރަކު ހިތުގައި އަޒުމް ކަނޑައަޅަނީ ހަޔާތުގެ ކޮންމެވެސް ދުވަހަކު ޙައްޖުވުމަށް މައްކާއަށް ދިޔުމަށެވެ.

"މީހުން ޙައްޖަށްދާތަން ފެންނަން ފެށީއްސުރެ ހައްޖުވުމުގެ އުންމީދު ހިތުގަ އޮވޭ. ދެން އެކަމަކު އޭރު ކުދިންކޮޅުވެސް ކުޑަވެފައި އުޅޭލެއް ނިކަމެތިކަމުން އެ ނަސީބު ލިބިފައި ނެތް". ޙައްޖުގެ އަޅުކަން އަދާކުރުމަށް ހައްވާ މޫސާ ކުރަމުން އައި އުންމީދު ހިއްސާކުރަމުން ކިޔައިދިނެވެ.

ކުދިން ބޮޑުވެ އަމިއްލަ ފައިމައްޗަށް ތެދުވެ، ދިރިއުޅުމައިގެން ކުރިއަށްދާން ފެށިއެވެ. ހައްވާ މޫސާގެ ދަރިންގެ ތެރެއިން ފިރިހެން ދަރިފުޅު އެއްދުވަހު ގުޅާފައި ދިން ޚަބަރަކީ މަންމަ ޙައްޖަށް ދިޔުމަށް ފައިސާ ދެއްކި ވާހަކައެވެ. އުފާވެރިކަމުގެ ކަރުނަ ލޮލުން އޮހޮރުނީ އެއަޅުކަމެއް އަދާކުރުމަށް އުންމީދުކޮށްގެން ހުރި ޙައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދެއްކީ އަމިއްލަ ދަރިއަކަށް ވީމެވެ. އެއީ 2018ވަނަ އަހަރެވެ.

ކޮންމެއަކަސް 2024ވަނަ އަހަރު ޙައްޖަށް ދިޔުމަށް ހައްވާ މޫސާގެ ނަން ލިސްޓުގައި ހިމެނިގެން އެ ފުރުޞަތު ލިބުނެވެ. ނަމަވެސް ޙައްޖަށް ދިޔުމަށް ފައިސާ ދެއްކި ދަރިފުޅު ކުއްލިއަކަށް ބަލިވުމާއެކު އެދުނީ އޭނަޔާއެކު މިއަހަރު ޙައްޖަށް ދާން މަންމަ މަޑުކޮށްލުމަށެވެ.

"ދަރިފުޅު ބުނީ މަޑުކުރާށޭ ތިމަންނަ ރަނގަޅުވެއްޖެއްޔާ ތިމަންނަ މަންމަ ގޮވައިގެން [ހައްޖަށް] ދާނަމޭ. ދަރިފުޅު އެގޮތަށް ބުނީމަ މިދިޔަ އަހަރުވެސް މަޑުކުރީ" ހައްވާ މޫސާ ވަރަށް އަސަރާއެކު ކިޔައިދިނެވެ.

ދަރިފުޅުގެ ފަރުވާގެ ކަންކަން ކުރިއަށްގެންދިޔުމަށް މަސައްކަތް ފެށިނަމަވެސް ކަންތައްވީ އެ ދެމައިން އުންމީދުކޮށްގެން ތިބި ގޮތަކަށް ނޫނެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ 18ވަނަ ދުވަހު ހައްވާ މުސާގެ ލޯބިވާ ދަރިފުޅު އުމުރުން 37 އަހަރުގައި އަބަދުގެ އަބަދަށް ދުނިޔެއާ ވަކިވީއެވެ. މަންމައާއެކު ޙައްޖުގެ އަޅުކަން އަދާކުރުމަށް ކުރި އުންމީދު ހާސިލުނުވި ނަމަވެސް މަންމަ ދެކެމުން އައި ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްފަހުއެވެ.

1446ވަނަ އަހަރު ޙައްޖަށް ދިޔުމުގެ ފުރުސަތު ލިބުނު މީހުންގެ ތެރޭގައި ނަން ހިމެނި މިހާރު ހައްވާ މޫސާ ހުރީ މާތްވެގެންވާ މައްކާގެ ބިމުގައެވެ.

"ވަރަށް ފޮނި އުންމީދުކޮށްގެން ހުރީ ދަރިފުޅާއެއްކޮށް [ހައްޖަށް] އައުމަށް. އެކަމަކު އެ ނަސީބެއް މިއަދަކު ނުލިބުނު" އެކުގައި ދަރިފުޅު ނެތުމުގެ ހިތާމައިގައި ރޮމުން ހައްވާ މޫސާ ވާހަކަދެއްކިއެވެ.

ދަރިފުޅު ދުނިޔޭގައި ނެތްކަމުގެ ފަޅުކަން ހައްވާ މޫސާއަށް އިންތިހާޔަށް ކުރެވެއެވެ. މި ޙައްޖު ދަތުރުގެ ކޮންމެ ހިނދުކޮޅެއްވެސް ހަނދާންކޮށްދެނީ ދަރިފުޅު މަންމަޔަށް ވީވަޢުދު ފުއްދައިދިނުމަށް ކުރި މަސައްކަތެވެ. ދަރިންނާ ވަކިން މިހާ ދިގު ދަތުރަށް ކުރަންޖެހިފައިވާތީ ހައްވާ މޫސާގެ ހިތުގައި ނުތަނަވަސްކަމެއް އޮތީ އުފެދިފައެވެ. ނަމަވެސް ޙައްޖުގެ އަޅުކަން އަދާކުރުމަށް ލިބުނު ފުރުޞަތުގައި ދަތުރަށް ތައްޔާރުވަމުން އައީ ދިމާވެދާނެ ކޮންމެ އުނދަގުލަކާވެސް ކުރިމަތިލުމުގެ ޢަޒުމުގައެވެ.

ދަރިންނާ އާއިލާ މީހުންނާ ވަކިން މިހާ ދިގުދަތުރެއް ފަށަން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ތެރެއަށް ވަނީވެސް ނުތަނަވަސް ހިތަކައިގެންނެވެ. ނަމަވެސް އެއަރޕޯޓުގެ ފުރާމީހުންގެ ޓަރމިނަލަށް ވަނުމަށްފަހު، ކަންކަން އިންތިޒާމުކޮށް ޚިދުމަތް ފޯރުކޮށްދޭންތިބި ފަރަތްތަކުން ލިބުނު ލުއިފަސޭހަ ޚިދުމަތްތަކުގެ ސަބަބުން ހިތުގައި އޮތް ނުތަނަވަސްކަން ބަދަލުވެގެންދިޔައެވެ.

"ރަށުން ފެށިގެން މި ހިސާބަށް އައި އިރު އިންތިޒާމުތައް ވަރަށް ރަނގަޅު" މައްކާގައި ހުރެ ހައްވާ މޫސާގެ ޝުޢޫރުތައް ޕީއެސްއެމް ނިއުސްއާ ހިއްސާކުރިއެވެ.

ކޮންމެއަކަސް ދެމައިން އެކުގައި ޙައްޖަށް ދާން ރޭވިނަމަވެސް ހައްވާ މޫސާ ޙައްޖުގެ އަޅުކަން އަދާކުރުމަށް އަންނަން ޖެހުނީ އެކަންޏެވެ.

"އެދެނީ އެ ދަރިފުޅަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުމަށް. ދަރިފުޅުގެ ކަށްވަޅުގައި ނޫރެއް ލެއްވުމަށް. އެދަރިފުޅު ޖަންނަތުލް ފިރުދައުސްގައި ލެއްވުމަށް ދުޢާކުރެވެނީ." ހައްވާ މޫސާގެ ވާހަކަ ނިންމާލަމުން ދަރިފުޅާމެދު ހިތުގައި އުފެދޭ ޝުޢޫރުތައް ހާމަކުރިއެވެ.

ޙައްވާ މޫސާގެ އަބަދުވެސް އޮންނަ ހިތްހަމަޖެހުމަކީ ހުރިހާ ދަރިންނަކީވެސް އަޚްލާގު ރަނގަޅު، އަދި މަންމައަށް އަޅާލާ އޯގަތެރި ކުދިންނަށް ވީތީއެވެ. ޙައްވާ މޫސާގެ މިހާރުގެ އެންމެ ބޮޑު އުންމީދަކީ ފިރިމީހާއާއި ހުރިހާ ދަރިން ގޮވައިގެން ރަމަޟާންމަހުގެ ޢުމްރާގެ އަޅުކަމަކަށް މައްކާއަށް އައުމެވެ.