ޚަބަރު

ގްލޭޝިއަރތައް ރައްކާތެރިކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ނައިބު ރައީސް ގޮވާލައްވައިފި


  • ގްލޭޝިއަރތައް ނެތިދިއުމުން ނިކުންނަ ނަތީޖާއާމެދު ރާއްޖެއިން ކަންބޮޑުވާކަން ހާމަކުރެއްވި

  • މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިނަލްއަޤުވާމީ އެހީތެރިކަން މުހިންމުކަމަށް ނައިބު ރައީސް ވިދާޅުވި

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގައްޔާއި ގްލޭޝިއަރތައް ނެތިދިއުމުގެ މައްސަލައިގައި، ބައިނަލްއަޤުވާމީ ފެންވަރުގައި، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މި މިގޮތަށް އިލްތިމާސްކުރައްވާފައިވަނީ، "ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ގްލޭޝިއަރސް ޕްރިޒަރވޭޝަން" ގެ އިފްތިތާޙީ ސެޝަންގައި އިއްވެވި ބަޔާނެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ގްލޭޝިއަރތައް ނެތިގެންދާ ހަލުވިދުވެއްޔާއި އެކަމުގެ ސަބަބުން ނިކުންނާނޭ ނަތީޖާއަކީ ދިވެހިރާއްޖެއިން އިންތިހާއަށް ކަންބޮޑުވާ ކަންތައްތަކެއް ކަމަށެވެ.

ވިލުންތެރިކަމާއި، ލޯ-ކާބަން ތަރައްޤީއަށް މަގުދައްކައިދޭ ގޮތަށް ދިވެހިރާއްޖެއިން ހުށަހެޅި ތިންވަނަ ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އެން.ޑީ.ސީ) މި އަހަރު ހުށަހަޅާފައިވާކަން އެމަނިކުފާނުގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި ބައިނަލްއަޤުވާމީ އެހީތެރިކަމާއެކު، 2035 ވަނަ އަހަރު އަންނަން ވާއިރަށް، ކާބަން ބޭރުކުރާ މިންވަރު 1.52 މިލިޔަން ޓަނަށް މަދުކޮށް، 2028 ވަނަ އަހަރު އަންނަ އިރު ދިވެހިރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތަ އަކީ އިއާދަކުރަނިވި ވަޞީލަތްތަކުން އުފައްދާ ހަކަތަ ކަމުގައި ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ޢަޒުމު އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ބަޔާނުގައި، ކޮޕް-30 ގެ ކުރިން ހުރިހާ ޤައުމަކުންވެސް އެން.ޑީ.ސީ ހުށަހެޅުއްވުމަށާއި، މި މަސައްކަތުގައި ޢަޒުމު ވަރުގަދަކުރައްވައި، ކަމުގެ ހައްސާސްކަން ދަނެގެން، ދެފުށްފެންނަ ގޮތަކަށް މަސައްކަތް ކުރެއްވުމަށް ޤައުމުތަކަށް ގޮވާލެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި އެދެވޭ ޙައްލުތަކެއް ހޯދަން އެދޭނަމަ، ބައިނަލްއަޤުވާމީ ޢަހުދުތަކަކީ ހަމައެކަނި ރަމްޒީ ކަންތައްތަކަކަށް ވުމުގެ ބަދަލުގައި އެއީ ބަދަލުގެނުވަނިވި އިލްތިޒާމުތަކަކަށް ވާންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައިވަނީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އަމާޒުކޮށްގެން މޫސުމީ ބަދަލުތަކަށް ޚާއްޞަ ފަންނިއްޔާތާއި ޤާބިލުކަން އިތުރުކުރުމާއި، ދިމާވާ ގޮންޖެހުންތަކުން އަރައިގަންނަން ބޭނުންވާ ފަދަ އެހީތެރިކަމަށް ސީދާ އަމާޒުކޮށްގެން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިނަލްއަޤުވާމީ އެހީތެރިކަން މުހިންމުކަން ފާހަގަކުރައްވާފައެވެ.

އެމަނިކުފާނުގެ ބަޔާން ނިންމަވާލައްވާފައިވަނީ، ގަނޑުފެން ވިރި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގައި އެއްބާރުލުން އިތުރުކުރުމަށް ގޮވާލައްވައި، ގްލޭޝިއަރ ނެތިދިއުމުގެ ނުރައްކަލާ ކުރިމަތިލުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢާއެކު ގާތުން މަސައްކަތްކުރުމުގައި ދިވެހިރާއްޖެ ދެމިއޮންނާނޭކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.