ސަރުކާރުގެ ޞިއްޙީ ސިޔާސަތަކީ ބަލިވުމުގެ ކުރިން ދުރާލާ ފިޔަވަޅު އެޅުމުގެ ސިޔާސަތެއްކަން މިއަދު ފެންނަމުންދާ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ޞިއްޙީ ވަޒީރު މިހެން ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވީ، ދިވެހިންގެ ޞިއްޙަތާއި ގުޅޭ ކަންކަން ތަންފީޒުކޮށް ނަތީޖާ ނެރުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަަބަދުވެސް ބާރުއަޅުއްވާ ކަމަށެވެ.
ކޮންމެ އަހަރެއްގެވެސް އެޕްރީލް މަހުގެ 7 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ގޮތުގައިއެވެ. މިއަހަރު މިދުވަހުގެ ޝިޢާރު ބިނާވަނީ ދުޅަހެޔޮ ސިއްޙަތެއްގައި ކުއްޖަކު އުފަންކޮށް އެކުއްޖާ ދުޅަހެޔޮ ޞިއްޙަތެއްގައި ހެދިބޮޑުވުމަށް ކަމަށާއި ސަރުކާރުން ކުރަމުންދާ މަސައްކަތަކީ މި ޝިޢާރަށް ބާރުލިބިދޭ މަސައްކަތެއްކަން ޞިއްޙީ ވަޒީރު ފާހަގަކުރެއްވިއެވެ.
ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިކަމަށްޓަކައި މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގައި ފާޓިލިޓީ ސެންޓަރެއް ޤާއިމްކޮށް ޚިދުމަތްދޭން ފެށުމާއި، ތުއްތު ކުދިންގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކާބޯތަކެތީގެ ޤާނޫނެއް ތަޢާރަފްކޮށް އަމަލުކުރަން ފެށުން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ދުންފަތް ކޮންޓްރޯލް ކުރުމަށް ހަރުދަނާ އެތައް ފިޔަވަޅުތަކެއް އަޅުއްވާފައިވާކަމަށް ޞިއްޙީ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުގެ ޞިއްޙީ ސިޔާސަތުތަކަކީ ދިމާވެދާނެ މައްސަލަތަކަށް ދުރާލާ ހައްލު ހޯދޭނެ ގޮތަށް ބައްޓަން ކުރެވިފައިވާ ސިޔާސަތުތަކެއް ކަމަށެވެ.
" ވަރުބަލި ޞިއްޙީ ނިޒާމެއްގެ ފަހަތުން އަބަދު ދުވެ ދުވެ ތިބެވޭކަށް ނެތްކަން މި ސަރުކާރުގެ ޞިއްޙީ ސިޔާސަތުތަކުން ދަނީ ދައްކަމުން. އެތައް ލޯވަޅެއް އެޅިފައިވާ ބާލިދީއެއް ފުރާލަން މަސައްކަތް ކުރާ ބީދައިން ޞިއްޙީ ނިޒާމަށް އެހީވުމަށް މަސައްކަތް ކުރުމަކީ ފޫނެއް ފަޔަށް ފެން ފުރުން. އެކަން ފޫބެއްދުމަށް މިއަދުގެ ސަރުކާރުގެ ޞިއްޙީ ސިޔާސަތުތަކުން ފޫބެއްދުމަށް ދަނީ މަސައްކަތް ކުރަމުން. މިކަންކަން ހައްލުކޮށް އުއްމީދީ މަންޒިލަކަށް ދިއުމަށް ވަރުބަލިނުވެ ﷲ އިރާދަފުޅުން ދެމި ތިބޭނަން. " ވަޒީރު ނާޒިމް ވިދާޅުވިއެވެ.
ޞިއްޙީ ވަޒީރު ނާޒިމް ވިދާޅުވީ ވޭޕް މަނާކޮށް 24 ގަޑިއިރު ޚިދުމަތްދޭ ކުއިކް ލައިނެއް ޤާއިމްކުރެވިފައިވާއިރު މިހާރު ރާއްޖޭގެ ކޮންމެ ރަށަކުންވެސް ދުންފަތް ހުއްޓުވުމަށް އެހީވުމުގެ ޚިދުމަތް ފެށިފައިވާ ކަމަށެވެ. މިއާއެކު ޕްރައިމަރީ ހެލްތު ކެއަރ ވަރުގަދަ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މިކަންކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ޞިއްޙީ ސިޔާސަތު ވަރަށް ކުޑަ މިންވަރެއް ކަމަށެވެ.
ޞިއްޙީ ވަޒީރު ވިދާޅުވީ ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން އިސްވެ ކުރަމުންދާ މަސައްކަތުގެ ނަތީޖާއަކީ ވަގުތުން ފެންނާނެ ނަތީޖާއެއް ނޫންކަމަށެވެ. އަދި އެކަންކަމުގެ ނަތީޖާ ރައްޔިތުންނަށް ފެންނަން ވަގުތު ނަގާއިރު މިކަމުގެ ފައިދާ ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.