ޚަބަރު

ޣައްޒާއިން ގިނަ ބޭސްތަކާއި ބޭސްފަރުވާގެ ސާމާނު މުޅިން ހުސްވެއްޖެ: ޑަބްލިޔުއެޗްއޯ


ފަަލަސްޠީނުގެ ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، ކާބޯތަކެއްޗާއި ޒަރޫރީ ސާމާނު އެތެރެ ކުރުމަށް ޔަހޫދީ ފައުޖުން ހުރަސް އަޅާފައި އޮތުމާ އެކު ޞިއްޙީ ފަރުވާއަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު އެ ސަހަރުން ހުސްވެފައިވާ ކަން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ހާމަކޮށްފިއެވެ. ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން އެ ސަހަރުގެ ފުރަބަންދު ހަރުކަށި ކޮށްފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ.

ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީ ފައުޖުން ހުރަސް އަޅާފައި ވަނީ ގަސްދުގައި އެ ސަހަރުގެ 2.1 މިލިޔަނެއްހާ ރައްޔިތުން ހައިހޫނުގައި ޖައްސައި، އެތަކެއް ސަތޭކަ ހާސް ބަޔަކު ބަނޑަށްޖައްސައި ޝަހީދު ކޮށްލުމުގެ ހީލަތްތެރި ނިޔަތުގައި ކަމުގައި އެކުވެރި ދައުލަތްތައް (އދ)ގެ އިދާރާތަކުގެ އިތުރުން ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ވެސް ސިފަކުރެއެވެ. މީގެ އިތުރުން، އިންޖީނުގެތަކާއި ޖަނަރޭޓަރުތައް ހިންގުމަށާއި، އެމްބިޔުލާންސް ފަދަ އެއްގަމު އުޅަނދުފަހަރަށް ބޭނުންވާ ތެޔޮ އެތެރެ ކުރުން ވެސް އޮތީ ހުއްޓުވާފައެވެ.

އިރުމަތީ މެޑިޓެރޭނިޔަން ސަރަޙައްދަށް ޑަބްލިޔުއެޗްއޯން ކަނޑައަޅާފައި ހުންނަވާ މަންދޫބު ޙަނާން ބަލްޚީ ވިދާޅުވީ، އެންމެ ޒަރޫރީ ބޭސްތަކުގެ ތެރޭގައި ހިމެނޭ %42 ބޭސް ޣައްޒާއިން މުޅިން ހުސްވެފައިވާ ކަމުގައެވެ. އޭގެ ތެރޭގައި، ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ބޮޑެތި ޒަޚަމުތަކެއް ދީފައިވާ މީހުންނަށް ބޭނުންވާ ތަދުކަނޑުވާ ބޭސްތައް ހިމެނޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"ބޭސްފަރުވާ ސާމާނުގެ %64 ސާމާނު ވަނީ މުޅިން ހުސްވެފައި، އެންމެ ޒަރޫރީ ބޭސްތަކުގެ ތެރޭގައި ހިމެނޭ ބޭހުގެ %42 ވަނީ މުޅިން ހުސްވެފައި، އަދި ވެކްސިންތަކުގެ ތެރެއިން %42 ވަނީ މުޅިން ހުސްވެފައި،" ބަޚްރީ ވިދާޅުވިއެވެ. ޑަބްލިޔުއެޗްއޯން ޣައްޒާއަށް ފޮނުވާފައިވާ ބޭހާއި ބޭސްފަރުވާގެ ސާމާނު ބަރުކޮށްފައިވާ 51 ލޮރީ މިި ވަގުުތު ވެސް ޣައްޒާގެ ސަރަޙައްދީ ރޮނގު ކައިރީގައި ހުއްޓުވާފައި އޮތް ކަން ވެސް އޭނާ ހާމަކުރެއްވިއެވެ.

"ހޭނައްތާ ބޭހާއި ނުލައި ބިނދިފައިވާ ކަށިތަކެއް ފަސޭހަ ކުރުމަށް އޮޕަރޭޝަން ޑޮކްޓަރަކު މަސައްކަތް ކުރާ މަންޒަރު އިހުސާސް ކުރެވޭތޯ؟ [ބަލިމީހުންނާއި ޒަޚަމު ކޮށްލާފައިވާ މީހުންނަށް] ބޭނުންވާ މިންވަރަށް އައިވީއާއި، އިންޖެކްޝަނާއި ބެންޑޭޖެއް ވެސް ނެތް،" ބަލްޚީ ވިދާޅުވިއެވެ. މީގެ އިތުރުން، ތަދުކަނޑުވާ ބޭސްތަކާއި، އެންޓިބަޔޮޓިކްސްގެ އިތުރުން ދިގުމުއްދަތުގެ ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުންވާ ބޭސްތައް ހަލުވިކަމާ އެކު ހުސްވަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"ސައިސަމުސަލެއްހާ" މަދު އަދަދެއްގެ ކާބޯތަކެތި އެތެރެ ކުރުން

11 ހަފުތާއަށް ފަހު، ޔަހޫދީ ފައުޖުން ވަނީ ވަރަށް މަދު އަދަދެއްގެ ކާބޯތަކެއްޗާއި އެހީގެ ސާމާނު ޣައްޒާއަށް އެތެރެ ކުރުމުގެ ފުރުޞަތު ހުސްވި ހަފުތާގައި ދީފައެވެ. މި ގޮތުން، އެ ސަހަރަށް އެތެރެ ކުރުމަށް ހުއްދަ ދީފައި ވަނީ ތުއްތުކުދިންގެ ކާނާއާއި، ގޮދަންފުށާއި، ބޭހާއި ބޭސްފަރުވާގެ ސާމާނު ބަރު ކޮށްފައިވާ އެންމެ 100 ލޮރީއެވެ. އެއީ، ހައިހޫނުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ތަކެތީގެ އެންމެ "ސައިސަމުސަލެއްހާ" ކުޑަކުޑަ މިންވަރެއް ކަމުގައި ވިދާޅުވެ، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ ޔަހޫދީންނަށް ފާޑުވިދާޅުވެފައެވެ.

ޣައްޒާގެ ރައްޔިތުން އިތުރަށް ނިކަމެތިކޮށް ބިކަކޮށްލުމުގެ ގޮތުން، އެ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ބެހުމުގެ މަސައްކަތްތައް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް ޔަހޫދީން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އެއީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރުހުމާއި ވާތްގާ އެކު ރާވާފައިވާ ހީލަތްތެރި ރޭވުމެއްގެ ތެރެއިންނެވެ. އެހީ ބެހުމުގެ މަސައްކަތްތައް ޙަވާލު ކުރުމަށް އެމެރިކާއިން ވަނީ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ނަމުގައި ޖަމުޢިއްޔާއެއް އުފައްދާފައެވެ.

އެމެރިކާއާ ގުޅިގެން ޔަހޫދީން ރާވާފައި ވަނީ، ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން އެ ސަހަރުގެ ދެކުނުގެ ސަރަޙައްދުތަކަށް ބަދަލު ކުރުމަށެވެ. މަޖުބޫރުން އެ މީހުން ބަދަލު ކުރުމަށް ނިންމާފައި ވަނީ، އެ ސަރަޙައްދުގައި ބިނާ ކުރުމަށް ހަމަޖައްސާފައިވާ ހަ ކޭމްޕު، ނުވަތަ ބޮޑެތި ޖަލުތަކަށެވެ. އެއިން ކޮންމެ ޖަލެއްގައި 5,000އާއި 6,000އާ ދެމެދުގެ އަދަދެއްގެ ޢާއިލާ ބަންދު ކުރުމަށް ޔަހޫދީން އޮތީ ރާވާފައެވެ. އެ ޖަލުތައް ކޮންޓުރޯލު ކުރާނީ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންނެވެ.

އަދި، ޖީއެޗްއެފްގެ ބެލުމުގެ ދަށުން އެ ސަރަޙައްދުތަކުގައި އެހީ ބެހުމަށް މަރުކަޒުތަކެއް ޤާއިމު ކުރުމަށް ވެސް އޮތީ ރާވާފައެވެ. އެ ތަންތަނުން ކާބޯތަކެތި ދޫކުރާނީ ޣައްޒާގެ ކޮންމެ ޢާއިލާއަކުން އެކަކަށެވެ. އެ ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ މަތި ކުރުމަށް ރާވާފައި ވަނީ އެމެރިކާގެ ދެ ކުންފުންޏަކާއެވެ. އދގެ އިތުރުން ޢަރަބި ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ވަނީ އެ ރޭވުމާ ދެކޮޅު ކަން ހާމަކޮށްފައެވެ. ނަމަވެސް، އެއީ ޓްރަމްޕްގެ ރުހުމާ އެކު ރާވާފައިވާ ރޭވުމަކަށް ވުމާ އެކު، އެ ކަން ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް އެޅޭނެ ގިނަ ފިޔަވަޅުތަކެއް ނެތް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.