ޚަބަރު

ރާއްޖެއާ އިންޑިއާގެ ގުޅުން ބިނާވެފައިވަނީ އިތުބާރާއި ޔަގީންކަމުގެ މައްޗަށް: ސަފީރު ބާލަސުބްރަމާނިއަން


  • ސިޔާސީ އަދި އިގްތިސާދީ ގުޅުން ރަނގަޅު ކަމަށް ވިދާޅުވި

  • ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް ކުރެއްވީ ތާރީޚީ ދަތުރުފުޅެއް

ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުން ބިނާވެފައިވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް އިތުބާރާއި ޔަގީންކަމުގެ މައްޗަށް ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ ބާލަސުބްރަމާނިއަން ވިދާޅުވެއްޖެއެވެ. ސަފީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޖީ ބާލަސުބްރަމާނިއަން ވިދާޅުވީ ރާއްޖެއާއި އިންޑިއާ ދެމެދު އޮންނަނީ ވަރަށް ގާތް އެކުވެރި ގުޅުމެއް ކަމަށެވެ. އަދި އެ ގުޅުމަކީ ދެ ޤައުމުގެ ދެމެދުގައި އޮންނަ އިތުބާރާއި ޔަގީންކަމުގެ މައްޗަށް އުފެދިފައިވާ ގުޅުމެއް ކަމަށާއި ދެގައުމުގެ ދެމެދުގެ ސިޔާސީ ގުޅުންވެސް ވަރަށް ހަރުދަނާ ކަމަށް ސަފީރު ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު ސަގާފީގޮތުން އެއްގޮތަ ކަންކަންވެސް ހުންނަކަމަށާއި ދެ ޤައުމުގެ އިގްތިސާދީ ގުޅުންވެސް ވަރުގަދަ ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ތަރައްގީގައި އިންޑިއާއަކީ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫއަކީ ފާހަގަކޮށްލެވޭ މަޝްރޫއެއް ކަމަށެވެ. އެގޮތުން، ތިލަމާލެ ބްރިޖަކީ މިވަގުތު ކުރިއަށްދާ އެންމެ މުހިންމު އެއް މަޝްރޫއުކަމަށާއި ތާވަލާއެއްގޮތަށް އެ ބްރިޖުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަަނާކުރުމަށް ގިނަ މަސައްކަތްތައް ފެށިގެންދިޔަ ތާރީޚީ ދަތުރުފުޅެއް ކަމަށެވެ. އެ ދަތުރުފުޅުގައި އެމަނިކުފާނާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސޮއިކުރެއްވި ވިޝަން ޑޮކިއުމަންޓުތައް ހަގީގަތަކަށް ހެދުމުގެ މަސައްކަތްތައް މިހާރު ކުރެވެމުންދާ ކަމަށްވެސް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްގީގައި އުމްރާނީ ވަސީލަތްތަކުގެ އިތުރުން އިންސާނީ ވަސީލަތްތައްވެސް ހަރުދަނާކުރުމަށް އިންޑިއާއިން އެހީތެރިވަމުން އަންނަކަން ސަފީރު ފާހަގަކުރެއްވިއެވެ. އެގޮތުން، އެކި ދާއިރާތަކުން އިންސާނީ ވަސީލަތްތައް ހަރުދަނާކުރުމަށް 300 ސްކޮލަރޝިޕްގެ ފުރުޞަތު ފަހިކޮށްދެމުންދާކަމަށް ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ ބާލަސުބްރަމާނިއަން ވަނީ ކުރިއަށް އޮތްތަނުގައިވެސް އެ ޤައުމާއި ރާއްޖެއާ ދެމެދުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.