ޚަބަރު

ފަހުގެ ތާރީޚެއްގައި ތެލަސީމިއާގެ ކަންކަން ރަނގަޅުކުރަން ސިޔާސަތުގައި ހިމަނައިގެން މަސައްކަތްކުރަނީ މި ސަރުކާރުން: ސިއްޙީ ވަޒީރު


  • ތެލަސީމިއާ ފަރުވާގައި ހާސިލްކުރަންޖެހިފައިވާ ކަންކަން ވަރަށް ގިނަ

  • ތެލަސީމިއާ ފަރުވާގައި ގިނަ ކާމިޔާބީތަކެއް ވަނީ ލިބިފައި

ފަހުގެ ތާރީޚެއްގެ ތެލަސީމިއާގެ ކަންކަން ރަނގަޅު ކުރުމަށް ސިޔާސަތުގައި ހިމަނައިގެން މަސައްކަތްކުރަނީ މި ސަރުކާރުގައި ކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޠިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް ބްލަޑް ސަރވިސްގެ ޚިދުމަތާއި ތެލަސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ސިއްޙީ ވަޒީރު ޢަބްދުﷲ ނާޠިމް އިބްރާހިމް ވިދާޅުވީ ރާއްޖޭގައި ބައްޔެއްގެ ގޮތުގައި ތެލަސީމިއާ ދެނެގަނެވުނުއިރުއްސުރެ އެ ބައްޔަށް ފަރުވާ ހޯދުމުގައި ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އެކަމުން އަރައިގަތުމަށް އެކި ދުވަސްވަރު އެކި ސަރުކާރުތަކުން ސިޔާސަތުތައް ތަންފީޒު ކުރެވި ގިނަ ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މޯލްޑިވްސް ބްލަޑް ސަރވިސް ފުޅާކުރުމަށް އެކި ސަރުކާރުތަކުން މަސައްކަތް ކުރެއްވި ނަމަވެސް ފަހުގެ ތާރީޙެއްގައި ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމަނުއްވައިގެން ވެރިޔަކު އަމިއްލަފުޅަށް އިރުޝާދުދެއްވައި މުއައްސަސާތައް ޒިންމާދާރުކުރުވަމުންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ކަމަށެވެ. މިއީ މި ޚިދުމަތް ފުޅާކުރުމަށް ލިބޭ ކާމިޔާބީއެއް ކަމަށްވެސް ސިއްޙީ ވަޒީރު ވިދާޅުވިއެވެ.

"ސަރުކާރުގެ މައިގަނޑު ސިޔާާސަތުގެ ތެރޭގައި ނުވަތަ މެނިފެސްޓޯގެ ތެރޭގައި ހިމެނިގެން މި ބައްޔަށް ޝިފާ ހޯދުމާއި މިކަމުގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ތަރުތީބުކުރެވިގެން އައިސްފައިވަނީ މިފަހުގެ ތާރީހެއްގައި ހަމައެކަނި މިއަދުގެ އެޑްމިނިސްޓްރޭޝަންގައި،" ސިއްޙީ ވަޒީރު ވިދާޅުވިއެވެ.

ސިއްޙީ ވަޒީރު ވިދާޅުވީ ތެލަސީމިއާ ފަރުވާގައި ހާސިލްކުރަންޖެހިފައިވާ ކަންކަން ވަރަށް ގިނަ ކަމަށެވެ. އަދި މިހާތަނަށް މި މަސައްކަތުގައި ގިނަ ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މޯލްޑިވްސް ބްލަޑް ސަރވިސް 30 އަހަރުވަންދެން ހިންގަމުން އައި އިމާރާތުގައި އެ ޚިދުމަތް ދިނުމުގައި އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި އެ ޚިދުމަތްތައް އޮރެންޖު ހިޔާ ބަދަލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަސައްކަތްޕުޅެއްގެ ގޮތުގައި ދިވެހި ސިފައިންނާ ހަވާލުކޮށްގެން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެ މަސައްކަތުގައި އެހީތެރިވި ސިފައިންނާއި ސަރުކާރުގެ މުވައްސަސާތަކާއި މޯލްޑިވްސް ބްލަޑް ސަރވިސްގެ މުވައްޒަފުން އަދި ތެލަސީމިއާ އާއިލާތަކަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޠިމް އިބްރާހިމް ޝުކުރު އަދާކުރެއްވިއެވެ.