މިދިޔަ އޭޕްރީލް މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް 257 މައްސަލަ ރިޕޯޓްކޮށްފައިވާކަމަށާއި މީގެ ތެރޭގައި ގިނައީ ކުޑަކުދިންނަށްކުރާ އެކިބާވަތުގެ އަނިޔާގެ މައްސަލަތައްކަމަށް އެވުޒާރާއިން ހާމަކުރައްވައިފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އާންމުކުރައްވާފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޭޕްރީލް މަހު އެކަނިވެސް ޗައިލްޑް ހެލްޕްލައިން 1412އަށް 1700 އަށްވުރެ ގިނަ ކޯލް ލިބިފައިވެއެވެ. މީގެ ތެރޭގައި ގިނައީ ބޮޑެތި މީހުންގެ ފަރާތުން އައިސްފައިވާ ކޯލްތައް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
އެވުޒާރާއިން ވިދާޅުވީ މިދިޔަ އޭޕްރީލް މަހު އެ ވުޒާރާއަށް ޖުމްލަ 257 މައްސަލަ ރިޕޯޓުކޮށްގެން އެޓެންޑްކޮށްފައިވާކަމަށެވެ. މީގެ ތެރެއިންވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށްކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން މިފަދަ 98 މައްސަލަ އޭޕްރީލް މަހު ވަނީ ރިޕޯޓްކޮށްފައެވެ.
* އިހުމާލުވުމުގެ 32 މައްސަލަ
* ޖިސްމާނީ އަނިޔާގެ 18 މައްސަލަ
* ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 4 މައްސަލަ
* ގަނާގެ ޝިކާރައަކަށްވުމުގެ 3 މައްސަލަ
* ޖިންސީ ހާނިއްކައިގެ 21 މައްސަލަ
* ނަފްސާނީ އަނިޔާގެ 12 މައްސަލަ
* ޗައިލްޑް އެބޭންޑަންޓްމެންޓްގެ 1 މައްސަލަ
* އެހެނިހެން އަނިޔާގެ 7 މައްސަލަ
ތަފާސް ހިސާބުތައް ދައްކާގޮތުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 44 މައްސަލައެއް އޭޕްރީލް މަހު އިޖުތިމާޢީ ވުޒާރާއަށް ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ޖިސްމާނީ އަނިޔާ ކުރުމުގެ 24 މައްސަލައާއި، ނަފްސާނީ އަނިޔާ ކުރުމާއި އަނގަ ބަހުން ކުރެވޭ އަނިޔާގެ 8 މައްސަލައިގެ އިތުރުން ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 5 މައްސަލައެއްވެސް ހިމެނެއެވެ.
އޭޕްރީލް މަހު ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 32 މައްސަލައެއް އިޖުތިމާޢީ ވުޒާރާއަށް ވަނީ ހުށަހަޅާފައެވެ. އޭގެތެރޭގައި ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކުގެ 13 މައްސަލަ، ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 6 މައްސަލަ، ބެލެހެއްޓުންތެރިކަމުގެ 5 މައްސަލަ އަދި ހަޟާނާތުގެ 8 މައްސަލަ ހިމެނެއެވެ.
އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 35 މައްސަލައެއް އޭޕްރީލް މަހު އެ ވުޒާރާއަށް ރިޕޯޓުކޮށްފައިވެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެންވެސް 15 މައްސަލަވެސް އެ ވުޒާރާއަށް ވަނީ ހުށަހަޅާފައެވެ. ހަމައެހެންމެ ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 21 މައްސަލައެއްވެސް ހުށަހަޅާފައިވެއެވެ.
އިޖްތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެ ވުޒާރާގެ ހެލްޕްލައިން ނަންބަރ 1412 އިން ޖުމްލަ 1778 ކޯލަށް ވަނީ އެޓެންޑްކޮށްފައެވެ. މީގެ ތެރޭގައި ބޮޑެތި މީހުންގެ ފަރާތުން އައިސްފައިވާ 1198 ކޯލަކާއި، ނަންހާމަނުކުރާ 514 ފަރާތަކުން ކޮށްފައިވާ ކޯލުތަކުގެ އިތުރުން ކުޑަކުދިންގެ ފަރާތުން އައިސްފައިވާ 66 ކޯލް ހިމެނެއެވެ.
މިދިޔަ އޭޕްރީލް މަހު އެ ވުޒާރާގެ ހެލްޕްލައިން ނަންބަރ 1421 އިން ޖުމްލަ 366 ކޯލަކަށްވެސް ވަނީ އެޓެންޑްކޮށްފައެވެ. މީގެ ތެރޭގައި އަންހެނުންގެ ފަރާތުން އައިސްފައިވާ 186 ކޯލަކާއި، ފިރިހެނުންގެ ފަރާތުން އައިސްފައިވާ 97 ކޯލެއްގެ އިތުރުން ނަންހާމަނުކުރާ 89 ކޯލެއް އައިސްފައިވެއެވެ.
އޭޕްރީލް މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 146 އެވެ. އެމަހު ދައުލަތަށް އަލަށް 1 ކުއްޖަކު ނަގާފައިވެއެވެ. އަދި 6 ކުއްޖަކު ފޮސްޓަރކޮށް، 4 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ނުވަތަ އާއިލާއަށް ޙަވާލު ކުރެވިފައިވެއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޚާއްޞަކޮށްގެން "ކޮންމެ ކުއްޖަކަށް އާއިލާއެއް" ނަމުގައި ޚާއްޞަ ޕްރޮގްރާމެއް އާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން އަންނަނީ ހިންގަމުންނެވެ. މި ޕްރޮގްރާމަކީ ކޮންމެ ކުއްޖަކީވެސް އާއިލީ ލޯތްބާއި އޯގާތެރިކަމުގެ ތެރެއިން ބޮޑުވާ ކުއްޖަކަށްވުމުގެ ފުރުޞަތު ދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެދަށުން އަދުގެ ސަރުކާރުން ފެއްޓެވި މަސައްކަތެކެވެ.