ލިވަޕޫލް އާއި އެސްޓަން ވިލާގެ ކުރީގެ ގޯލު ކީޕަރު ޕެޕޭ ރެއިނާގެ ދިގު ކެރިއަރުގައި ކުޅުނު ފަހު މެޗުގައި ރަތް ކާޑު ދައްކައިފި އެވެ.
އިޓަލީގެ ސެރިއާގެ ކްލަބް ކޯމޯއަށް މިހާރު ކުޅެމުންދާ އުމުރުން 42 އަހަރުގެ ރެއިނާ ވަނީ މި ސީޒަނަށްފަހު އޭނާ ކުޅުން ހުއްޓާލާނެކަން ކުރިން އިއުލާން ކޮށްފަ އެވެ. އަދި ލީގުގެ ފަހު މެޗުގައި ރޭ އިންޓަރ މިލާނާއި ދެކޮޅަށް ކޯމޯ ކުޅުނު މެޗުގެ 45 ވަނަ މިނިޓުގައި ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
ކޯމޯ އަތުން އިންޓަރ މިލާން 2-0 ގެ ނަތީޖާއަކުން މޮޅުވި މި މެޗުގައި ރޭނާއަށް ރަތް ކާޑު ދައްކާފައިވަނީ ޕެނަލްޓީ އޭރިޔާ ބޭރުން އިންޓަރ މިލާނުގެ މަހްދީ ތަރޭމީއަށް ފައުލް ކުރުމާއި ގުޅިގެންނެވެ.
އިންޓަރ މިލާން މި މެޗުން މޮޅުވި ނަމަވެސް ލީގު ޗެމްޕިއަންކަން ހޯދާފައިވަނީ ނަޕޮލީ އިންނެވެ. ނަމަވެސް އަންނަ ހޮނިހިރު ދުވަހުގެ ރޭ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ފްރާންސްގެ ޕީއެސްޖީ އާއި ދެކޮޅަށް އިންޓަރ މިލާން ކުޅޭނެ އެވެ.
2010 ވަނަ އަހަރު ސްޕެއިން އިން ވޯލްޑްކަޕް ކާމިޔާބުކުރި ޓީމުގައިވެސް ހިމެނުނު ރޭނާ ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތް ދެ ފަހަރު ސްޕެއިން އާއިއެކު ހޯދާފަ އެވެ. އަދި ރޭނާގެ ދިގު 25 އަހަރުގެ ފުޓްބޯޅަ ހަޔާތުގައި އޭނާ ވަނީ ލިވަޕޫލް އާއި އިޓަލީގެ ނަޕޮލީގެ އިތުރުން ޖަރުމަނުގެ ބަޔާން މިއުނިކާއިއެކު ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ.
ބާސެލޯނާގެ އެކަޑަމީ އިން ފުޓްބޯޅަ ހަޔާތް ފެށި ރޭނާ ވަނީ ލިވަޕޫލް ގައި ހޭދަކުރި ނުވަ ސީޒަނުގެ ތެރޭގައި އެފްއޭ ކަޕާއި ލީގް ކަޕްގެ އިތުރުން ޔޫއެފާ ސުޕަރ ކަޕް ކާމިޔާބުކޮށްފަ އެވެ.
އިޓަލީގެ ލާޒިއޯ އާއި ސްޕެއިންގެ ވިޔަރެއާލްއަށް ކުޅުމަށްފަހު ރޭނާ ކޯމޯ އާއި ގުޅިފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.