ކުޅުދުއްފުށި ސިޓީގެ ވިޔަފާޜި ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.
މިއީ ސަރަހައްދީ ބަނދަރުތައް ތަރައްގީކޮށް ދަތުރުފަތުރުގެ ވިއުގައަކުން ރަށްތައް ގުޅާލައި، އަތޮޅުތެރޭގައި ވިޔަފާރި ކުރިއަރުވަން ގެންގުޅޭ ތަސައްވުރުގައި ހިމެނޭ މަޝްރޫއެކެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި މަޝްރޫއުއާ ގުޅޭ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ރިޝްވާނެވެ. ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސައީދުއެވެ.
މި މަޝްރޫއުގެ އަމާޒަކީ، ހއ. ހދ. ށ. އަދި ނ. އަދި ވަށައިގެންވާ ރަށްތަކަށް ހިދުމަތް ދެވޭ ގޮތަށް ކުޅުދުއްފުށީގައި އުތުރުގެ ރަށްތަކަށް ހާއްސަ ލޮޖިސްޓިކަލް ހަބެއް ތަރައްގީކުރުން ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން، ކުޅުދުއްފުށީ ޕޯޓުގެ ކެޕޭސިޓީ އިތުރުކޮށް، ކާގޯ ހެންޑްލިން ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އަވަހަށް ހަލާކުވާ ޒާތުގެ މުދަލުގެ ބާވަތްތައް ރައްކާތެރިކަމާ އެކު ބެހެއްޓޭނެ ނިޒާމުތައް ގާއިމުކުރުން ވެސް ހިމެނެއެވެ.
މި މަޝްރޫއުއަކީ، ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް، ޝެޑިއުލް ކުރެވިގެން ދެމެހެއްޓެނެވި ގޮތެއްގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް މުދާ އުފުލޭނެ ނިޒާމެއް ގާއިމުކުރުމުގެ ފުރަތަމަ ފިޔަވަޅެވެ.
ސަރުކާރުގެ އަމާޒަކީ، އަތޮޅުތެރެއަށް ދެމެހެއްޓެނިވި ގޮތެއްގައި މުދާ އުފުލޭނެ ނިޒާމުތައް ހަރުދަނާކޮށް، މުދާ އުފުލުމުގައި ކުރަންޖެހޭ ހޭދަ ކުޑަކޮށް، އެކަމުގެ މަންފާ މުޅި އިގުތިސާދަށް ކުރާނެ މަގު ފަހިކޮށްދިނުން ކަމަށެވެ.