ވިލާތުގެ އިއްތިހާދު، ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ރަސްމީކޮށް ވަކިވިތާ ނުވަ އަހަރު ފަހުން، އެ އިއްތިހާދާ އެކު ދިފާޢީ އަދި ވިޔަފާރީގެ ރޮނގުން ގުޅުން ފުޅާކުރުމުގެ އެންމެ ބޮޑު އެއްބަސްވުމުގައި އިނގިރޭސިވިލާތުން ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ވިލާތުގެ އިއްތިހާދާއި އިނގިރޭސިވިލާތް ގުޅިގެން ޕްރޮކިޔުމަންޓް މަޝްރޫޢުތައް ކުރިއަށް ގެންދިޔުމާއި އިނގިރޭސިވިލާތުގެ ރައްޔިތުންނާއި ކާބޯތަކެތި އީޔޫގެ ޤައުމުތަކަށް ފަސޭހައިން އެތެރެވެވޭނެ މަގު ފަހިކުރުން ހިމެނެއެވެ.
އެމެރިކާއަށް އީޔޫ އާއި އިނގިރޭސިވިލާތް ވެސް ހިމެނޭ ގޮތަށް އެތެރެކުރާ މުދަލުން ޑިޔުޓީ ބޮޑުކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމުގެ ސަބަބުން، ގިނަ ޤައުމުތަކަށް ވަނީ ވިޔަފާރީގެ އައު ގުޅުންތައް ޤާއިމުކޮށް އަދި ފުޅާކުރަން މަޖުބޫރުވެފައެވެ.
އިނގިރޭސިވިލާތުގެ މިހާރުގެ ބޮޑުވަޒީރި ކީރް ސްޓާމަރ އަކީ، އީޔޫއިން ވަކިވުމާ އެންމެ ފާޅުގައި ދެކޮޅު ހެއްދެވި އެއް ބޭފުޅެވެ.
އީޔޫ އާއެކު ހެދި މި އެއްބަސްވުމުގެ ދަށުން، ކާބޯތަކެއްޗާއި ދަނޑުވެރި އުފެއްދުންތައް މިހާރަށް ވުރެ ފަސޭހަކަމާއެކު އީޔޫއަށް އެތެރެކޮށް، 2040 ވަނަ އަހަރާ ހަމައަށް 12.1 ބިލިއަން ޑޮލަރު އިޤްތިޞާދަށް އިތުރުވެގެންދާނެކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުންޏެވެ.
މިއީ ވިޔަފާރީގެ ގޮތުން އިނގިރޭސިވިލާތުން ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ޤާއިމުކުރި ތިން ވަނަ އެއްބަސްވުމެވެ. މީގެކުރިން އިނގިރޭސިވިލާތުން ވަނީ އިންޑިޔާގެ އިތުރުން އެމެރިކާ އާއެކު ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމުކޮށްފައެވެ.
ސްޓާމަރ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއީ ސިޔާސީ ޚިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، ޤައުމަށާއި ރައްޔިތުންގެ ފާގަތިކަމާއި ލާބައަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.
އީޔޫ އާއެކު އިނގިރޭސިވިލާތުން ޤާއިމުކުރި އެއްބަސްވުންތަކުގެ ތެރޭގައި މަސްވެރިކަމާބެހޭ އެއްބަސްވުމެއް ވެސް ހިމެނޭއިރު، އެ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 12 އަހަރު، މަސްވެރި އުޅަނދުތަކަށް އެއްވެސް ހުރަހެއް ނެތި ދެ ފަރާތުގެ ކަނޑުތަކުގައި މަސް ބޭނުމުގެ މަގުފަހިވެގެންދާނެއެވެ.
ދިފާޢީ އެއްބަސްވުމުގެ ދަށުން، ވިލާތުގެ ޤައުމުތަކަށް ހަތިޔާރު ފޯރުކޮށްދިނުމަށް ފަށާފައިވާ މަސައްކަތުގައި އިނގިރޭސިވިލާތުގެ ކުންފުނިތަކަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.