ޚަބަރު

ރޮމެނިޔާގެ އިންތިޚާބު ކާމިޔާބު ކުރެއްވީ ޔޫކްރެއިނަށް ތާޢީދު ކުރައްވާ ޑާން


ރެމޮނިޔާގެ ރިޔާސީ އިންތިޚާބުގައި އެ ޤައުމުގެ ވެރިރަށް ބުކުރެޝްތުގެ މޭޔަރު، ނިކޮޝުރް ޑާން ކުރި ހޯއްދަވައިފިއެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި ޑާން ކުރި ހޯއްދަވާފައި ވަނީ ޖޯޖް ސިނިޔޮންގެ މައްޗަށެވެ. ރޮމެނިޔާގެ އިންތިޚާބުތަކާ ބެހޭ އިދާރާއިން ޢާންމު ކޮށްފައިވާ ނަތީޖާއިން ފެންނަ ގޮތުގައި، ޑާން ވަނީ ވޯޓުލާފައިވާ މީހުންގެ ތެރެއިން %54 މީހުންގެ ތާޢީދު ހޯއްދަވާފައެވެ. އޭނާއާ ވާދަކުރެއްވި ސިނިޔޮނަށް ތާޢީދު ކޮށްފައި ވަނީ %46 މީހުންނެވެ.

ވިލާތުގެ އިއްތިޙާދު (އީޔޫ) އަދި ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ގެ މެންބަރު ޤައުމެއް ކަމުގައިވާ ރޮމެނިޔާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ކުރި ހޯއްދަވާފައިވާ ޑާންއަކީ މެދުމިނުގެ ސިޔާސަތުތަކަށް ތާޢީދު ކުރައްވާ ބޭފުޅެކެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި އޭނާއާ ވާދަ ކުރައްވާފައިވާ ސިނިޔޮނަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކަށް ތާޢީދު ކުރައްވާ، ޓްރަމްޕް ގެންގުޅުއްވާ ފަދަ ސިޔާސަތުތައް ކުރިއަރުވަން މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އަދި، ޑާންއާ ޚިލާފަށް ސިނިޔޮނަކީ ޤައުމިއްޔަތު ކުރިއަރުވައި، ކަނާތު ފިޔައިގެ ކޮންޒަރވެޓިވް ފިކުރަށް ތާޢީދު ކުރައްވާ ބޭފުޅެކެވެ.

55 އަހަރުގެ ޑާންއަކީ ހިސާބު ޢިލްމުގެ މާހިރެކެވެ. އޭނާއާ ވާދަ ކުރައްވާފައިވާ ސިމިޔޮނަކީ، އީޔޫގެ ބާރުތައް ފުޅާ ކުރުމާ ދެކޮޅަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. އަދި، ޔޫކްރެއިނަށް ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމާ ދެކޮޅު ބޭފުޅެކެވެ. މޭ 19ވަނަ ދުވަހު ރޮމެނިޔާގައި ބާއްވާފައިވާ ރިޔާސީ އިންތީޚާބަކީ، ފާއިތުވި 25 އަހަރުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މީހުން ވޯޓުލާފައިވާ އިންތިޚާބު ކަމުގައި އެ ޤައުމުގެ އިންތިޚާބުތަކާ ބެހޭ އިދާރާއިން ހާމަކުރިއެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދަވާފައި ވަނީ ސިނިޔޮނެވެ. މީގެ ދެ ހަފުތާ ކުރިން ބޭއްވި ފުރަތަމަ ބުރުގައި އޭނާ ވަނީ %41 މީހުންގެ ތާޢީދު ހޯއްދަވާފައެވެ. އަދި، އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ގުނަން ފެށުމާ އެކު، އޭނާ ވަނީ ދެވަނަ ބުރުގައި ވެސް ކާމިިޔާބީ ލިބިވަޑައިގަންނަވާފައިވާ ކަމުގައި ވިދާޅުވެ، އެ ކަން އިޢުލާނު ކުރައްވާފައެވެ. ނަމަވެސް، އިންތިޚާބީ އިދާރާއިން ވޯޓުގެ ނަތީޖާ ހާމަ ކުރުމާ އެކު އޭނާ ވަނީ ބަލި ޤަބޫލު ކުރައްވާފައެވެ.

އިންތިޚާބުގައި ޑާން ވާދަ ކުރައްވާފައި ވަނީ ކޮރަޕްޝަން ނައްތައިލުމުގެ ވަޢުދާ އެކުގައެވެ. އަދި، ޔޫކްރެއިނަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮތުމަށް ވެސް އޭނާ ވަނީ ވަޢުދުވެ ވަޑައިގަންނަވާފައެވެ. އީޔޫއާއި ނޭޓޯގެ ބާރުތައް ފުޅާ ކުރުމަށް ވަކާލާތު ކުރައްވާ ޑާން ވިދާޅުވީ، ރަޝިޔާގެ ސަބަބުން ވިލާތަށް ކުރިމަތިވަމުންދާ ކަމަށް އީޔޫން ޤަބޫލު ކުރާ ނުރައްކާތަކުން އެ އިއްތިޙާދުގެ މެންބަރު ޤައުމުތައް ސަލާމަތް ކުރުމުގައި ރޮމެނިޔާއިން ދެމިއޮންނާނެ ކަމުގައެވެ.

އިންތިޚާބުގައި ޑާންއަށް ކާމިޔާބީ ލިބުމާ އެކު އޭނާއަށް އެންމެ ފުރަތަމަ މަރުޙަބާ ވިދާޅުވެފައިވާ ބޭފުޅުންގެ ތެރޭގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ހިމެނިވަޑައިގަންނަވައެވެ. ޔޫކްރެއިންގެ ދެމިއޮތުމަށް ރޮމެނިޔާއަކީ މުހިންމު އެކުވެރިއެއް، އަދި ބައިވެރިއެއްގެ ގޮތުގައި ޒެލެންސްކީ ދެކެވަޑައިގަންނަވައެވެ.

އިންތިޚާބުގައި ކާމިޔާބީ ހޯއްދަވާފައިވާ ޑާންގެ ސަރުކާރަށް ކުރިމަތިލާން ޖެހޭނެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރޮމެނިޔާގެ ދަރަނި ބޫފެއްދުމެވެ. އީޔޫގެ މެންބަރު ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑު ބަޖެޓް ޑެފިސިޓެއް ނުވަތަ ދަރަންޏެއް އޮތީ ރޮމެނިޔާގައެވެ. އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން ޑާން ވިދާޅުވީ، ބަޖެޓް ޑެފިސިޓް ފޫބެއްދުމަށް އޭނާގެ ސަރުކާރުން އެކުލަވައިލާ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ބޭފުޅަކު ބޮޑުވަޒީރު ކަމުގެ މަޤާމަށް އިންތިޚާބު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމުގައެވެ.