ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލް އަތުން 3-2 ގެ ނަތީޖާއަކުން ޗެމްޕިއަން ބާސެލޯނާ ބަލިވިއިރު، ސެވިއްޔާ އަތުން 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.
ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ހަތަރުވަނަ މިނިޓުގައި ވިޔަރެއާލްގެ އަޔޯޒޭ ޕެރޭޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް މެޗުގެ 38 ވަނަ މިނިޓުގައި މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންދާ އުމުރުން 17 އަހަރުގެ ލަމީން ޔަމާލް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފާރމިން ލޯޕޭޒް ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ފުރަތަމަ ފަހަރަށް ބާސެލޯނާއަށް ކުރި ހޯދަދީފަ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި ވިޔަރެއާލްގެ ސަންޓި ކޮމެސާނާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އަދި މި މެޗުން ވިޔަރެއާލް މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބުޗަނަން އެވެ.
ބާސެލޯނާ އާއި އެންމެ ވާދަވެރި ރެއާލް މެޑްރިޑް ވަނީ ރޭ ސެވިއްޔާ އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.
މި ސީޒަނުގައި އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާ ސެވިއްޔާ ރެލިގޭޓް ވެފައިވާއިރު އެ ޓީމުގެ ސަޕޯޓަރުން ވަނީ ދާދި ފަހުން ކުޅުންތެރިންނަށް ހަމަލާ ދީފައެވެ. އަދި އެކަމާއި ގުޅިގެން ޓީމުގެ ޓްރެއިންނިންގ ދަނޑުގައި މުޅި ޓީމުގެ ކުޅުންތެރިން ވަނީ އެއް ރޭ ނިދާފަ އެވެ.
އަމިއްލަ ދަނޑުގައި ރޭ ސެވިއްޔާ ކުޅުނު މި މެޗުގެ 12 ވަނަ މިނިޓުގައި އެ ޓީމުގެ ލޮއިކް ބޭޑް އަށް ރެފްރީ ވަނީ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ސެވިއްޔާގެ އިސާކް ރޮމޭރޯ ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށްވެސް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. އެހެންކަމުން ސެވިއްޔާއިން މެޗު ނިންމާލާފައިވަނީ 9 ކުޅުންތެރިންނާއި އެކުގައެވެ.
މި މެޗުގައި ރެއާލް މެޑްރިޑަށް ލީޑު ނަގައިދީފައިވަނީ މެޗުގެ 75 ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް ޖޫޑް ބެލިންހަމް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
މިއީ ކާލޯ އެންޗެލޮޓީގެ އިރުޝާދުގެ ދަށުން ރެއާލް މެޑްރިޑް ރަށުން ބޭރުގައި ކުޅޭނެ ފަހު މެޗެވެ. މި ސީޒަނަށްފަހު ރެއާލް މެޑްރިޑްގެ ކޯޗު ކަމުން ދުރަށް ދާން ނިންމާފައިވާ އެންޗެލޮއްޓީގެ ފަހު މެޗަކީ މި މަހުގެ 25 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭ މެޗެވެ.
ކާލޯ އެންޗެލޮޓީ ދެން ހަވާލުވާނީ ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗު ކަމުގެ މަގާމާ އެވެ.