ޚަބަރު

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ 2 ފަނޑިޔާރުންގެ މަޤާމަށް ކުރިމަތިލާން ހުޅުވާލައިފި


  • މި މަޤާމަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 22 ވަނަ ދުވަހުގެ މެންދުރު 12:00 ހަމަޔަށް ވަނީ ހުޅުވާލާފައި

  • ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ނުވަތަ ހާޑް ކޮޕީ ހުށަހަޅައިގެން

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.

7 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމް ކޯޓުގެ ބެޗުން ދެ މަޤާމެއް ހުސްވެފައިވަނީ ސުލޫކީ މައްސަލައެއްގައި އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް ޢަލީ މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމެވުމާގުޅިގެންނެވެ.

ޖޭއެސްސީން ވިދާޅުވީ މި މަޤާމަށް ކުރިމަތިލެވެނީ އުމުރުން 30 އަހަރު ފުރިފައިވާ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައި ހުރި ފަރާތަކަށް ވާންޖެހޭނެއެވެ.

މި މަޤާމަށް ކުރިމަތިލުމުގެ މުއްދަތު 22 މޭ 2025 ވަނަ ދުވަހުގެ މެންދުރު 12:00 ހަމަޔަށް ވަނީ ހުޅުވާލާފައެވެ.

ޖޭއެސްސީގެ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ނުވަތަ ހާޑް ކޮޕީ ހުށަހަޅައިގެންނެވެ.

ފަނޑިޔާރުންގެ ޤާނޫނުގައިވާގޮތުން، ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ޢައްޔަންކުރުމުގެ އިޖުރާއާތުތަކުގެ ތެރޭގައި ހިމެނެނީ، ކުރިމަތިލާ ފަރާތްތަކާ ޖޭއެސްސީން އިންޓަވިއުކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމާއި، ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ނަމެއް ނުވަތަ ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމެވެ. މަޖިލީހުން ފާސްކުރުމުން، 7 ދުވަހުގެ ތެރޭގައި އެ ފަރާތެއް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވަން ޖެހެއެވެ.