ކުލަބު ރޭސާސް އާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި، ޔުނިސެފް އަދި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ބޭއްވި "ކިޑްސް އެތުލެޓިކްސް ޑޭ" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. 
މި އިވެންޓް ކުރިޔަށް ގެންދިޔައީ މިއަދު މެންދުރުފަހު ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ. މި އިވެންޓް ފައްޓަވާ ދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބުދުﷲ ރާފިޢުއެވެ. 250 އެތުލީޓުންނާއެކު ކުރިޔަށް ގެންދިޔަ މި އިވެންޓްގައި ތުއްތު ކުދިން ޝައުގުވެރިވާ ކަހަލަ އެކި ކުޅިވަރުތައް ބޭއްވިއެވެ. އޭގެތެރޭގައި ދުވުމާއި، ބޯޅަ އެއްލުމާއި ބޯޅަ ހޮވުން އަދި ރިލޭ މެޗެއް ހިމެނެއެވެ.
		
										
			މި އިވެންޓް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ބައިވެރިންނަށް މެޑެލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. އަދި އެކަމަނާގެ އަރިހުގައި ސްޕޯޓްސް ކޮމިޝަނަރ މުހައްމަދު ޠަލާލް އާއި ސިއްހަތާ ބެހޭ ވަޒީރު އަބުދުﷲ ނާޒިމް އިބްރާހިމް އަދި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު މުޞްތަފާވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެފްރެޒެންޓެޓިވް ޑޮކްޓަރ އެޑްވާޑް އަޑާއީވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ މި އިވެންޓްގެ މަގްސަދަކީ ތުއްތު އުމުރުފުރާއިން ފެށިގެން ކުދިން ފީލްޑް ހަރަކާތްތަކަށް ނެރެ އެކުދިންގެ ހުނަރު ތަރައްޤީކުރުމަށް ހިތްވަރުދިނުމާއެކު ދުޅަހެޔޮ ސިއްހަތެއްގައި ހެދި ބޮޑުވުމަށް އެކުދިންނަށް ބާރު އެޅުން ކަމަށެވެ. 
		
										
			"ހެލްތީ ކިޑްސް ފޯ ފިއުޗަރ" މި ޝިއާރުގެ ދަށުން ކުރިޔަށް ގެންދިޔަ "ކިޑްސް އެތުލެޓިކްސް ޑޭ" އިވެންޓް ފައްޓަވާދެއްވަމުން ކުޅިވަރު ވަޒީރު ރާފިއު ވަނީ، ތުއްތު ކުދިން ހެލިފެލިވެ އުޅުމަށް ބަރުއަޅާ ދުޅަހެޔޮ ސިއްހަތެއްގައި ހެދިބޮޑުވުމަށް މިފަދަ ހަރަކާތްތަކަށް ބެލެނިވެރިންދެއްވާ އެއްބާރުލުން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.  
"ކިޑްސް އެތުލެޓިކްސް ޑޭ 2025" އަކީ އުމުރުން 7 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ އިވެންޓެކެވެ. 
ތުއްތު އުމުރުން ފެށިގެން ހެލިފެލި އުޅުމާއި ދުޅަހެޔޮ ޖީލެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ކުޅިވަރާއި އިޖްތިމާއީ ދާއިރާއިގެ ބައެއް ސިޔާސަތުތަކުގައި ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމެވެ.