ރާއްޖޭގައި ދިރިއުޅޭ ސްރީ ލަންކާ ރައްޔިތުންނަށް އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "ސްރީ ލަންކާ ސްޕޯޓްސް ފެސްޓިވަލް 2025" ފެށުމުގެ ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގެންފިއެވެ.
ރާއްޖޭގައި ދިރިއުޅޭ ލަންކާ ރައްޔިތުންގެ އެސޯސިއޭޝަނާއި، ލަންކާ ހައިކޮމިޝަން ގުޅިގެން ކުރިއަށްގެންދިޔަ މި ފެސްޓިވަލް ފެށީ މިއަދު ހެނދުނު މާލޭ ހެންވޭރު ބޯޅަ ދަނޑުގައެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރުގެ އިތުރުން ލަންކާގެ ކުޅިވަރާ ބެހޭ ވަޒީރުވެސް ބައިވެރިވެޑައިގެންނެވިއެވެ. އަދި މާލޭގައި ދިރިއުޅޭ ލަންކާ ރައްޔިތުންނާއި އާއިލާތަކުން ބައިވެރިވިއެވެ.
މި ފެސްޓިވަލަކީ ލަންކާގެ އާސާރީ އަދި ސަގާފީ ކުޅިވަރުތައް ހިމެނޭހެން ރާއްޖޭގައި ދިރިއުޅޭ ލަންކާގެ ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދިޔަ ފެސްޓިވަލެކެވެ.
މި ފެސްޓިވަލް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު ވަނީ މި ކުޅިވަރުތައް ބައްލަވާލައްވައި، ލަންކާގެ ރައްޔިތުންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައެވެ. މި ރަސްމިއްޔާތުގައި ވަޒީރުގެ އަރިހުގައި ލަންކާގެ މިނިސްޓަރ އޮފް ސްޕޯޓްސް އެންޑް ޔޫތު އެފެއާޒް ސުނިލް ކުމާރަ ގަމަގެ އާއި ލަންކާގެ އެކްޓިން ހައި ކޮމިޝަނަރު ތިމުތު ޑިސާންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގައި 9000 ވުރެ ގިނަ ލަންކާ ރައްޔިތުން ދިރިއުޅެއެވެ. އޭގެތެރެއިން އެކި ކަހަލަ ވަޒީފާތައް އަދާކުރާ މީހުންނާއި، އެމީހުންގެ އާއިލާތައް ގިނައިން ދިރިއުޅެނީ ވެރިރަށް މާލޭގައިކަން ފާހަގަކުރެވެއެވެ. ލަންކާ ކޮމިއުނިޓީން ރާއްޖޭގައި ކުޅިވަރު މުބާރާތްތަކާއި، ސަގާފީ ކަންކަމާއި، މިއުޒިކް ފެސްޓިވަލްތައްވެސް ދޭތެރެ ދޭތެރެއިން ބާއްވައެވެ.