ޚަބަރު

ޣައްޒާގައި އެހީ ބެހުމުގެ ކޮންޓުރޯލު ނެގުމަށް ޔަހޫދީންނާއި އެމެރިކާ ތައްޔާރު ވަނީ


ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ޔަހޫދީންނާއި އެމެރިކާގެ ބާރުގެ ދަށަށް ގެންދިޔުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. އެމެރިކާއާއި ޔަހޫދީން ގުޅިގެން ރާވާފައިވާ ރޭވުމެއްގެ ދަށުން، ޣައްޒާގައި އެހީގެ ސާމާނު ބެހުމުގެ މަސައްކަތް ވިލަރެސް ކުރުމަށް 'ޣައްޒާ ހިއުމެނިޓޭރިޔަން ފައުންޑޭޝަން' (ޖީއެޗްއެފް)ގެ ނަމުގައި ފެބުރުވަރީ މަހު ވަނީ ޖަމުޢިއްޔާއެއް އުފައްދާފައެވެ. މި ހިނގާ މޭ މަހުގެ ފަހުކޮޅު، ޣައްޒާގައި ހަރަކާތްތެރިވާން ފެށުމަށް އެ ޖަމުޢިއްޔާއިން ތައްޔާރުވަމުންދާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ.

ޣައްޒާގައި އެހީ ބެހުމުގެ މަސައްކަތް އެމެރިކާއާއި ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ނުރުހުމާއި ފާޑުކިޔުންތައް އޮތީ އަމާޒުވެފައެވެ. މަޞްދަރުތަކުން ބުނީ، ޖީއެޗްއެފްގެ މަސައްކަތްތައް ހިނގައިގަންނަން ދެން، ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ފުރުޞަތު އެކުވެރި ދައުލަތްތައް (އދ)އާއި ބައިނަލްއަޤުވާމީ އެހެން ޖަމުޢިއްޔާތަކަށް ފުރުޞަތު ދޭނެ ކަމުގައެވެ.

ޔަހޫދީ ފައުޖުގެ ޣައްޒާގެ ފުރަބަންދު ހަރުކަށި ކޮށްފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. އެ ކަން ކޮށްފައި ވަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރިހަމަ ތާޢީދާއި އެހީތެރިކަމާ އެކުގައެވެ. އެ ދުވަހުން ފެށިގެން ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކޮށްފައެއް ނުވެއެވެ. އަދި، ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނުގެ އިތުރުން އިންޖީނުގެތަކާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާނެ ތެޔޮ އެތެރެ ކުރުމަށް ވެސް ޔަހޫދީ ފައުޖުން އޮތީ ހުރަސް އަޅާފައެވެ. މިއާ އެކު، ޣައްޒާގައި އެތަކެއް ސަތޭކަ ހާސް ބަޔަކު ހައިހޫނުގައި ޖެހިފައިވާ ކަމުގެ އިންޒާރު އދއާއި އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ ޖަމުޢިއްޔާތަކުން ވަނީ ކޮށްފައެވެ.

ޔަހޫދީންނާއި އެމެރިކާއިން ރާވާފައި ވަނީ، ޣައްޒާގައި ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ބެހުމުގެ ހުރިހާ މަސައްކަތެއް ޖީއެޗްއެފްގެ ދަށުން ކުރިއަށް ގެންދިޔުމަށެވެ. މި ވަގުތު، ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދެމުން ދަނީ އދއާއި އެހީދޭ ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުގެ ބެލުމުގެ ދަށުންނެވެ. ޖީއެޗްއެފަކީ ޓްރަމްޕްގެ ސަރުކާރުން އަޑީގައި އޮވެގެން އުފައްދާފައިވާ ޖަމުޢިއްޔާއެއް ކަމުގައި ރިޕޯޓުތައް ބުނެއެވެ.

ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރުކޮށް، ޣައްޒާގައި ދެކުނުގައި ބިނާ ކުރުމަށް ހަމަޖެހިފައިވާ ބޮޑެތި ކޭމްޕުތަކެއް ނުވަތަ ޖަލުތަކަކަށް ބަދަލު ކުރުމަށް ޔަހޫދީން އޮތީ ރާވާފައެވެ. ޣައްޒާގެ ދެކުނުގައި މި ފަދަ ހަ ޖަލެއް ބިނާ ކުރުމަށް ރާވާފައިވާއިރު، އެއިން ކޮންމެ ތަނެއްގައި 5,000އާއި 6,000އާ ދެެމެދުގެ އަދަދެއްގެ ޢާއިލާތައް ބަންދު ކުރާނެ ކަމުގައި ޔަހޫދީން ބުންޏެވެ. އަދި، ޣައްޒާގެ ދެކުނުގައި އެހީ ބެހުމަށް ޚާއްޞަކޮށް ހަތަރު މަރުކަޒެއް ޤާއިމު ކުރުމަށް ނިންމާފައިވާއިރު، އެ ތަންތަނުން އެހީ ދޫކުރާނީ ކޮންމެ ޢާއިލާއަކުން ވެސް އެންމެ މެންބަރަކަށެވެ.

ޣައްޒާގައި ބިނާ ކުރުމަށް ހަމަޖައްސާފައިވާ ޖަލުތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ޔަހޫދީ ސިފައިންނެވެ. އަދި، އެހީ ބަހާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ މަތިކުރުމަށް ނިންމާފައި ވަނީ އެމެރިކާގެ ދެ ކުންފުންޏަކާއެވެ. އެއީ، ޔޫޖީ ސޮލޫޝަންސް އަދި ސޭފް ރީސަރޗް ސޮލޫޝަންސެވެ. އެއީ، އެމެރިކާގެ ދެ ކުންފުންޏެވެ.

ޖީއެޗްއެފަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އެ ޖަމުޢިއްޔާއަށް އެއްބާރުލުން ދިނުމަށް އެމެރިކާއިން ވަނީ އދއަށް އަންގާފައެވެ. ނަމަވެސް، އދގެ އިދާރާތަކުން ބުނީ، ޔަހޫދީންނާ ގުޅިގެން އެމެރިކާއިން ރާވާފައިވާ ރޭވުމަކީ އެއްވެސް ގޮތަކުން ހަމަޖެހޭ ރޭވުމެއް ނޫން ކަމުގައެވެ. އަދި، އެ ކަން ތަންފީޒު ކޮށްފި ނަމަ، ޣައްޒާއިން އިތުރު ބަޔަކަށް ބަނޑުފުރާނަ މުއްތި ކުރެވޭނެ ގޮތެއް ނެތި، ހައިހޫނުގައި ޖެހި، ބަނޑަށް މަރުވާނެ ކަމަށް ބުނެ އދގެ އިދާރާތަކާއި އެހީދޭ ޖަމުޢިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

"އެހީ ބެހުމުގެ ކަންކަން ވިލަރެސް ކުރުމަށް ހުށަހަޅާފައިވާ ރޭވުމާ މެދު އޮތް ކަންބޮޑުވުންތައް އަޅުގަނޑުމެން ވާނީ ސާފުކޮށްދީފައި،" އދގެ ތަރުޖަމާނުގެ ނައިބު ފަރްޙާން ޙައްޤު ވިދާޅުވިއެވެ. އިންސާނީ އެހީގެ ކަންކަން ވިލަރެސް ކުރާ އދގެ މައި އިދާރާ (އޯސީއެޗްއޭ)ގެ ވެރިޔާ ޓޮމް ފެލްޗަރ ވެސް ވަނީ ޔަހޫދީންނާއި އެމެރިކާގެ ހުށަހެޅުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، އެ ހުށަހެޅުމަށް ފާޑުވިދާޅުވެފައެވެ.

ޔަހޫދީންގެ ރޭވުމާ މެދު އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދި ރެޑް ކްރޮސް (އައިސީއާރްސީ)ން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. "އިންސާނީ އެހީ ބެހުމުގެ ކަންކަން ސިޔާސީ ކޮށްގެން، ނުވަތަ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންގޮސްގެން ނުވާނެ. ޣައްޒާގެ ރައްޔިތުން އެހީއަށް ޖެހިފައިވާ މިންވަރު ވަރަށް ބޮޑު، އަދި އެއްވެސް ހުރަހެއް ނެތި ޣައްޒާއަށް އެހީގެ ސާމާނު އެތެރެ ކުރުމުގެ ހުޅުވައިލަން ޖެހޭ،" އައިސީއާރްސީގެ ތަރުޖަމާނު ސްޓީވް ޑޯސީ ވިދާޅުވިއެވެ.