ޚަބަރު

އެމެރިކާއިން ބުނަނީ ހަމަލާތައް ހުށްޓައިލި އިރު ހޫޘީން ތިބީ ހަނގުރާމަ ނުކުރާ ގޮތަށް ކަމަށް


މެއި މަހުގެ ހަތްވަނަ ދުވަހު އެމެރިކާއާއި ޔަމަނުގެ ހަތިޔާރުއެޅި ޖަމާޢަތެއް ކަމަށްވާ ޙޫޘީންނާ ދެމެދު ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް ޤާއިމު ކޮށްފައެވެ. ކުއްލި ގޮތަކަށް މި އެއްބަސްވުން އިޢުލާނު ކުރުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ފެށިގެން ޙޫޘީ ހަނގުރާމަވެރިން ތިބީ ޙަމަލާ ބަދަލުކުރުން ހުއްޓައިލެވޭނެ މަގެއް ހޯދުމަށް ބޭނުންވެފައި ކަމުގެ ނިޝާންތައް ފެންނަމުން ދިޔަ ކަމަށް އެމެރިކާއިން ބުނެއެވެ. އެެެއީ ވިދިވިދިގެން ހަތް ހަފްތާ ވަންދެން ޙޫޘީންނަށް އަމާޒުކޮށް އެމެރިކާއިން ހުއްޓުމެއްނެތި ދެމުންދިޔަ ވައިގެ ޙަމަލާތަކުގެ ސަބަބުންނެވެ.

2023ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޙޫޘީން ދިޔައީ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް އިސްރާއީލުން ދެމުންދާ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން، ޔަމަނުގެ ރަައްޔިތުން ތިބީ ފަލަސްޠީނުގެ ރައްޔިތުންނާއެކު ކަމަށް ދެއްކުމަށްޓަކައި ރަތް ކަނޑުގައި ދަތުރުކުރާ ޔަހޫދީންނާއި އެމެރިކާއާ ގުޅުންހުރި ބޯޓުފަހަރަށް ޙަމަލާ ދެމުންނެވެ. އޭގެ ބަދަލުގައި އެމެރިކާއިން ޙޫޘީންނަށް އަމާޒު ކޮށް ޔަމަނަށް ޙަމަލާތައް ދިނުން ވަރުގަދަ ކޮށްފައި ވަނީ މި އަހަރުގެ ކުރީކޮޅު އެމެރިކާގެ ރައީސްގެ މަޤާމާ ޑޮނަލްޑް ޓްރަމްޕް ޙަވާލުވެވަޑައިގެންނެވި ފަހުންނެވެ. އެމެރިކާއިން ޔަމަނަށް ދެމެންދިޔަ ޙަމަލާތައް މުޅި އަހަރަށް ދެމިގެންދާނެ ކަމަށް ކުރިން ބެލެވިފައި އޮތް ނަމަވެސް އެންމެ 52 ދުވަހަށް ފަހު، ކުއްލިގޮތަކަށް އެމެރިކާއިން ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށް އިޢުލާނު ކޮށްފައެވެ. އެއާއެކު ޓްރަމްޕް މި ވަގުތު މެދުއިރުމައްޗަށް ކުރައްވަމުންދާ ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން، ޙޫޘީންގެ މައްޗަށް ކާމިޔާބު ހޯދިފައިވާ ކަމަށް އިޢުލާނު ކުރުމަށް މަގުފަހިވެގެން ދިޔައެވެ.

އެމެރިކާގެ ސަރުކާރަށް ނިޞްބަތްވާ ބައެއް މަސްދަރުތަކުން ބުނީ މެއި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ޙޫޘީން ދިޔައީ އެމެރިކާއާ ގުޅުންބަދަހި މެދުއިރުމަތީގެ ޤައުމުތަކާ މުއާމަލާތް ކުރަމުން ކަމަށެވެ. އެ ހިސާބުން ޙޫޘީން އިތުރަށް ޙަމަލާ ބަދަލުކުރަން ބޭނުން ނުވާކަން ހާމަވާން ފެށި ކަމަށް އޭނާ ވިދާޅުވިއެވެ. މެއި މަހުގެ ކުރީކޮޅު ޙޫޘީން ޙަމަލާ ބަދަލުކުރުން ހުއްޓައިލަން ބޭނުންވާކަމުގެ އިޝަރާތްތައް ފެންނަން ފެށުމުން، އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތުގެ އިސްނެންގެވުމުގެ މަތިން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ބައްދަލުވުންތަކެއް ބޭއްވެވިއެވެ. އެ ބައްދަލުވުންތަކުން ހާމަވެގެން ދިޔައީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ފުރުޞަތެއް ފަހިވެފައިވާ ކަމެވެ.

އިތުރު ދެ މަސްދަރަކުން ބުނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޙޫޘީންނަށް ވާގިވެރިވާ އީރާނުން އެ ޖަމާޢަތަށް ވަރަށް ބޮޑަށް ބާރުއަޅަމުންދިޔަ ކަމަށެވެ. އީރާނުން މި ފަދަ ގޮތަކަށް ޙޫޘީންނަށް އިރުޝާދު ދީފައި ވަނީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު ވެސް ޢުމާން މެދުވެރިވެ މަޝްވަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޙޫޘިންނާއި އެމެރިކާއާ ދެމެދު އެއްބަސްވުމެއް ކުއްލި ގޮތަކަށް ޤާއިމު ކުރުމުން ދަައްކުވައިދެނީ އެމެރިކާ ސަރުކާރުގެ މަސައްކަތް ހަލުވި މިންވަރެވެ. ދަނޑިވަޅެއް ލިބުމުން އޭގެ ބޭނުން ހިފަައި އުނދަގުލުން ނޫނީ ޙާޞިލް ނުކުރެވޭނެ ކަމަށް ބެލެވިފައި އޮތް ކަމެއް ކާމިޔާބުކަމާއެކު ޙާޞިލް ކުރިއެވެ. އެ ކަން ޙާޞިލް ކުރުމަށް ޓްރަމްޕް ބޭނުން ކުރެއްވި އުކުޅުތަކުގެ ތެރޭގައި އެ ޤައުމާ ގާތް ގުޅުމެއް އޮންނަ އިސްރާއީލަށް ޙަމަލާ ދިނުން ހުއްޓަންޖެހޭ ކަމަށް ޙޫޘީންނާއެކު ވީ އެއްބަސްވުމުގައި ހިިމަނާފައި ނުވުން ހިމެނެއެވެ. އެނގިފައިވާ ގޮތުގައި ޙޫޘީންނާއެކު އެމެރިކާއިން އެއްބަސްވުމަކާހަމައަށް އައީ އިސްރާއީލާއެކު އެ ކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެއް ނެތިއެވެ.

ޙޫޘީންނާއެކު ޙަމަލާ ބަދަލުކުރުމުން ގެއްލުން ލިބެމުން ދިޔައީ ހަމައެކަނި އެ ޖަމާޢަތަކަށް ނޫނެވެ. އެމެރިކާއަށް ވެސް ދިޔައީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ. ޙޫޘީންނަށް ޙަމަލާ ދިނުމަށްޓަކައި އެމެރިކާއިން ވެސް ބޮޑެތި ޚަރަދުތައް ކުރަން ޖެހުނެވެ. އެމެރިކާއަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ގިނަ ޢަދަދެއްގެ ހަތިޔާރު ބޭނުންކުރަން ޖެހުމާއި ދެ ވައިގެ އުޅަނދެއް ވެއްޓުމާއި އެތައް ޑްރޯނުތައް ވައްޓައިލުން ހިމެނެއެވެ.

ޓްރަމްޕްގެ މެދުއިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު، ސްޓީވް ވިޓްކޮފް ޢުމާން މެދުވެރިކޮށް ޙޫޘީންނާ ބައްދަލު ކުރައްވައި ނުސީދާ މަޝްވަރާތަކެއް ވަނީ ބާއްވަަވައިފައެވެ. އޭނާއަކީ އެމެރިކާ-އީރާން މަޝްވަރާތައް ކުރިއަށް ގެންދިޔުމުގައި ވެސް އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ އެމެރިކާގެ މަންދޫބެވެ. ވިޓްކޮފް ނުސީދާ މަޝްވަރާތައް ކުރެއްވީ ޙޫޘީންގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް ޙަރަކާތްތެރިވާ އެ ޖަމާޢަތުގެ ތަރުޖަމާނު، މުޙައްމަދު އަބްދުއްސަލާމްއާއެކުގައެވެ. އަބްދުއްސަލާމް ވަގުތުން ވަގުތަށް މުއާމަލާތް ކުރަމުން ދިޔައީ ޙޫޘީންގެ އެންމެ އިސް ލީޑަރު ކަމަށްވާ ޢަބްދުލް މާލިކް އަލްޙޫޘީއާއެވެ. މެއި މަހުގެ 5ވަނަ ދުވަހު ބޭއްވި މަޝްވަރާތަކުގައި ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމަކާ ހަމައަށް ވަނީ އާދެވިފައެވެ. ޖެހިގެން އައި ދުވަހު، ޓްރަމްޕް ވަނީ އެ އެއްބަސްވުން އިޢުލާނު ކުރައްވައި އެމެރިކާއިން ޙޫޘީންގެ މައްޗަށް ކުރި ހޯދާފައިވާ ކަަމަށް ވިދާޅުވެފައެވެ. ޓްރަމްޕް ވިދާޅުވީ ޙޫޘީންނާ ދެކޮޅަށް ބޮން ނޭޅުމަށް އެ ޖަމާޢަތުން އެދިފައިވާ ކަމަށާއި އޭގެ ބަދަލުގައި އެމެރިކާގެ ބޯޓުފަހަރަށް ޙާމަލާ ނުދޭނެ ކަމަށް އެ ޖަމާޢަތުން ބުނެފައިވާ ކަމަށެވެ.

ޢަބްދުލްސަލާމް ބުނީ ހުރިހާ މަޝްވަރާއެއް ވެސް ކުރިއަށް ދިޔައީ ޢުމާން މެދުވެރިކޮށް ކަމަށެެވެ. އޭނާ ބުނީ ޙޫޘީން ދެމުންދިޔަ ޙަމަލާތަކަކީ އެެމެރިކާއިން ދެމުންދިޔަ ޙަމަލާތަކުގެ ބަދަލުގައި ދެމުންދިޔަ ދިފާޢީ ރައްދުތަކެއް ކަމަށެވެ. އެހެންކަމުން އެމެރިކާއިން ޔަމަނާ ދެކޮޅަށް ޢުދުވާނީ ޙަމަލާ ނުދޭނަމަ ޙޫޘީން ވެސް އެމެރިކާއަށް ބަދަލުގައި ޙަމަލާ ދޭން ނުޖެހޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ދެ ފަރާތަށް ވެސް އެއްބަސްވުމުގެ ސަބަބުން ފައިދާ

އެމެރިކާއާއި ޙޫޘީންނާ ދެ ފަރާތަށް ވެސް އެއްބަސްވުމަކާ ހަމައަށް އައުމުގެ ފައިދާތައް ހުއްޓެވެ. އެ ގޮތުން ޙަމަލާ ބަދަލު ކުރުން ހުއްޓާލުމުން ޙޫޘީންނަށް އެ ޖަމާޢަތް ބަލިކަށިވެފައިވާ ޙާލަތެއްގައި ވަރުގަދަ ކުރުމަށް ފުރުޞަތު ލިބިގެންދާނެއެވެ. އެމެރިކާގެ ޙަމަލާތައް ގިނަ ދުވަހަށް ދެމިގެންދިޔަ ނަމަ އެ ޖަމާޢަތަށް އޮތް ހިރާސްތައް ވަރަށް ބޮޑުވީހެވެ.

މާރިޗު މަހުގެ 15ވަނަ ދުވަހު ހޫޘީންނާ ދެކޮޅަށް ދޭ ޙަމަލާތައް އެމެރިކާއިން ވަރުގަދަ ކުރުމުން އެ ޖަމާޢަތުން ބުނަމުން ދިޔައީ ކިތަންމެ ގިނަ ޙަމަލާއެއްް އެމެރިކާއިން ދިން ނަމަވެސް އެމެރިކާއިން ޔަމަނަށް ޙަމަލާ ދެމުންދާ ނަމަ ރަތް ކަނޑުގައި ދަތުރުކުރާ އެމެރިކާގެ ބޯޓުފަހަރަށް އެ ޖަމާޢަތުން ޙަމަލާ ދިނުން ހުއްޓައިނުލާނެ ކަމަށެވެ. އެމެރިކާއިން ވެސް ބުނަމުން ދިޔައީ ހޫޘީންގެ ޙަމަލާތައް ނުހުއްޓާނަމަ ޔަމަނަށް އެމެރިކާއިން ދެމުންދާ ޙަމަލާތައް ވެސް ނުހުއްޓާނެ ކަމަށެވެ.

އޭރު ބެލެވިފައި އޮތީ، ހިތްވަރު އެލުވާލުމެއްނެތި ފަހަތަށް ޖެހުމެއް ނެތި މަސައްކަތްކުރާ ޙޫޘީންނާ ދެކޮޅަށް އެމެރިކާއިންދޭ ޙަމަލާތައް ދިގުލައިގެން ދިޔުމަކީ އެެމެރިކާގެ އަތުން ބޮޑު ޚަރަދެއް ހިންގާނެ ކަމެއްގެ ގޮތުގައެވެ. އެމެރިކާއިން ވަނީ ޙޫޘީންނާ ދެކޮޅަށް ދިން 1،100އަށްވުރެ ގިނަ ޙަމަލާގައި ގިނަ ޢަދަދެއްގެ ހަތިޔާރު ބޭނުންކޮށްފަައެވެ. ޓްރަމްޕް ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން ވެސް ޙޫޘީން ވަނީ އެމެރިކާގެ ހަތް އެމްކިޔު-9 މަރުކާގެ ޑްރޯން ވައްޓާލައިފައެވެ. އެއިން ކޮންމެ ޑްރޯނެއްގެ އަގު އެތައް މިލިޔަން ޑޮލަރަށް އަރައެވެ. އޭގެ އިތުރުން އެމެރިކާގެ ހަނގުރާމަމަތީ މަނަވަރެއްގެ ދެ ފައިޓަރ ޖެޓު ވެސް ވަނީ ޙޫޘީންގެ ސަބަބުން ގެއްލިފައެވެ.

ޙޫޘީންގެ ބާރު ކުޑަ ކުރުމަށް މާރިޗު މަހުގެ ތެރޭގައި ޓްރަމްޕް ފެއްޓެވި މަސައްކަތަކީ އޭނާގެ ކުރިން ވެރިކަމުގައި ހުންނެވި ޖޯ ބައިޑެންގެ ސަރުކާރުން ޙޫޘީންގެ ބާރު ކުޑަކޮށް އަގުވައްޓައިލުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވެފައި ވަނިކޮށް ފައްޓަވާފައިވާ މަސައްކަތެކެވެ. އޭރު ވެސް އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް ޙޫޘީން ދެމުން ދިޔައީ ދިހަ އަހަރެއްހާ ދުވަސް ވަންދެން ސަޢުދީ ޢަރަބިއްޔާ އިސްވެ ހިންގާ އަސްކަރީ ފައުޖުގެ ޙަމަލާތަކާ ވެސް އެ ޖަމާޢަތުން ކުރިމަތިލަމުންނެވެ. ޙޫޘީންނާ ދެކޮޅަށް ދޭ ޙަމަލާތައް އަށް މަސް ދުވަހަށް ބަހާލައިގެން ދިިނުމަށް އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން އޮތީ ހުށަހަޅާފައެވެ.

ޔަމަނަށް ބޮން އެޅުމަށް އެއް ބިލިޔަން ޑޮލަރަށްވުރެ ބޮޑު ޢަދަދެއް އެމެރިކާއިން މިހާތަނަށް ހޭދަ ކޮށްފައިވެއެވެ. އެ ޙަމަލާތަކުގައި ޙޫޘީ ހަނގުރާމަވެރިންގެ ތެރެެއިން މެދު ފަންތީގެ ގިނަ ޢަދަދެއްގެ ހަނގުރާމަވެރިން މަރާލާފައިވެއެވެ. އަދި ހޫޘީންގެ ކޮމާންޑު މަރުކަޒުތަކާއި ވައިގެ ދިފާޢީ ނިޒާމުތަކާއި ހަތިޔާރު ހަދައި ރައްކާކުރާ މަރުކަޒުތައް ސުންނާފަތި ކޮށްފައިވެއެވެ. އޭގެ އިތުރުން ޙޫޘީންގެ ބެލިސްޓިކް މިސައިލާއި ކުރޫޒު މިސައިލާއި ޑްރޯންތަކަަށް ވެސް ބޮޑެތި ގެއްލުންތައް ދީފައިވެއެވެ. ނަމަވެސް މި ޙަމަލާތަކުގެ ސަބަބުން ޙޫޘީންގެ ބޮޑުންނަށް މާ ބޮޑު ގެއްލުމެއް ދެވިފައެއް ނުވެއެވެ. ހަތިޔާރާއި ހަނގުރާމަވެރިން ވެސް މަދުވެފައެއް ނުވެއެވެ. ކޮންމެ ޙަމަލާއެއް ދިނުމުން ޙޫޘީން އަނެއްކާ ވެސް ތެދުވެ ބަދަލުގައި ޙަމަލާތައް ދެމުން ދިޔައެވެ. އެއިން ދައްކުވައިދެނީ އެ ޖަމާޢަތުގެ ބާރުގަދަކަމާއި ވަޞީލަތްތައް ހުރި މިންވަރެވެ.

ބައެއް ތަޖުރިބާކާރުން ޤަބޫލު ކުރައްވައި ގޮތުގައި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ޙޫޘީން އެއްބަސްވުމަށް މަގުފަހިވީ އެމެރިކާއިން ޔަމަނުގެ މުހިންމު ބަނދަރެއް ކަމަށްވާ ރައުސު ޢީސާ ބަނދަރަށް އޭޕްރިލް މަހުގެ 17ވަނަ ދުވަހު ޙަމަލާ ދިނުމުންނެވެ. އެ ޙަމަލާގައި 74 މީހުން މަރުވެފައިވެއެވެ. އެ ބަނދަރަށް ދިން ޙަމަލާގެ ސަބަބުން ޙޫޘީން ވަރަށް ބޮޑަށް ބަލިކަށިވި ކަމަށާއި މަޝްރޫޢުތައް ހިންގައި ފައިސާ ހޯދޭނެ މަގުތައް އެ ޖަމާޢަތަށް ބަންދުވި ކަމަށް ޤަބޫލު ކުރެވެއެވެ.

އެމެރިކާއާ ދެކޮޅަށް ހޫޘީން ދެމުންދިޔަ ޙަމަލާތައް ހުއްޓާލާފައިވާ ނަމަވެސް އެ ޖަމާޢަތުން އިސްރާއީލާ ދެކޮޅަށް ދެމުންދާ ޙަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ. އެކަމުން ވެސް ދައްކުވައިދެނީ އެމެރިކާއިން ޙަމަލާތައް ދިނުމުން އެ ޖަމާޢަތް ކޮންމެވެސް ވަރަކަށް ބަލިކަށިވެފައިވާ ނަމަވެސް ޙޫޘީންގެ ބާރު އަދިވެސް ގަދަކަމެވެ. އިސްރާއީލުން ވެސް ދަނީ ޙޫޘީންނަށް އަމާޒު ކޮށް ޙަމަލާތައް ދެމުންނެވެ. މި ޙާލަތުގައި އެމެރިކާއާއި ޙޫޘީން ޙަމަލާ ބަދަލުކުރުން ހުއްޓާލާފައި އޮންނާނީ ކިހާ ދުވަހަކަށް ކަމާމެދު ސުވާލު އުފެދެއެވެ. އިސްރާއީލުން ހިންގާ ޖަރީމާތަކަކީ އެމެރިކާގެ މަދަދުވެރިކަމާއެކު ހިންގާ ޖަރީމާތަކެއް ކަމަށްވާއިރު އެ ނަޒަރިއްޔާތުގެ ދަށުން ޙޫޘީން ވަކި ހިސާބަކުން އަނެއްކާ ވެސް އެމެރިކާއާ ދެކޮޅަށް ޙަމަލާތައް ދޭން ފެށުން އެކަށީގެންވާ ކަމަށް މަސްރަހު ދިރާސާ ކުރައްވާ ތަޖުރިބާކާރުން ޤަބޫލު ކުރައްވައެވެ.