ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް އިންޑިޔާގައި ބޮޑު ރޯޑް ޝޯއެއް


  • ރޯޑްޝޯ އިންޑިއާގެ ހަތަރު ސިޓީއެއްގައި ބޭއްވުމަށްވަނީ ހަމަޖެހިފަ

  • ޝޯ ކުރިއަށްދާނީ މިމަހުގެ 12 އިން 16 އަށް

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް އިންޑިޔާގައި ބޮޑު ރޯޑް ޝޯއެއް ފަށައިފިއެވެ. ޓާޓާބައި މޯލްޑިވްސް ރޯޑްޝޯގެ ނަމުގައި ބާއްވާ މި ރޯޑް ޝޯ، މޯލްޑިވްސް މަރކެޓިންގ އެންޑު ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީއިން ވަނީ އެންޑޯޒްކޮށްފައެވެ.

ޓާޓާބައި މޯލްޑިވްސް ރޯޑްޝޯ އަކީ ރާއްޖޭގެ މަޝްހޫރު ޑެސްޓިނޭޝަން މެނޭޖްމަންޓް ކޮމްޕެނީއެއްކަމަށްވާ ޓާޓާބައި މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ރޯޑްޝޯއެކެވެ. މި ރޯޑްޝޯ އިންޑިއާގެ ހަތަރު ސިޓީއެއްގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ރޯޑްޝޯގެ އަމާޒަކީ، މަތީ ފަންތީގެ ޚިދުމަތްތައް ލިބޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިސްތިހާރުކުރުން
ކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

މިރޯޑް ޝޯ ކުރިއަށްދާނީ މިމަހުގެ 12 އިން 16 އަށް އިންޑިއާގެ ހަތަރު ސިޓީއެއްގައެވެ. އެގޮތުން، މިމަހުގެ 12 ވަނަ ދުވަހު ކޮޗިންގައި ރޯޑް ޝޯ ބާއްވާފައިވާއިރު، 13 ވަނަ ދުވަހު ކޮއިމްބަތޫރު ގައި ވަނީ މި ރޯޑް ޝޯ ބާއްވާފައެވެ. އަދި މިމަހުގެ 15 ވަނަ ދުވަހު ހައިދަރުއާބާދުގައި ރޯޑް ޝޯ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މިމަހުގެ 16 ވަނަ ދުވަހު ބެންގަލޫރުގައި ރޯޑް ޝޯ ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މިއިން ކޮންމެ ރޯޑްޝޯއަކަށްވެސް 100އަށްވުރެ ގިނަ އެޖެންޓުންނަށް ދަޢުވަތުދީ، ރާއްޖޭގެ މަޝްހޫރު 22 ޕްރޮޕަޓީ މަންދޫބުންނާ މުޢާމަލާތްކުރުމުގެ ފުރުސަތު ފަހިކޮށްދެއްވާނެކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

މި ރޯޑް ޝޯއާ ގުޅޭގޮތުން އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ، މިއީ އިންޑިޔާގެ ބޮޑެތި ސިޓީތަކުގެ ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުންނާ ގުޅުން ބަދަހިކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

"މި ރޯޑްޝޯގެ ސަބަބުން ލަގްޒަރީ ވެޑިންގް އަދި ވިޔަފާރީގެ ދަތުރުތަކަށް ޝައުޤުވެރިވާ އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެއަކީ އެންމެ ކަމުދާ އަދި އެންމެ އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި މާކެޓް ކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ". ޝިއުރީ ވިދާޅުވިއެވެ.

ޓާޓާބައި މޯލްޑިވްސް ރޯޑްޝޯއަކީ ޑީއެމްސީއަކުން އިންޑިއާގެ މާކެޓުގައި ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އެއް ރޯޑްޝޯއެވެ. މި ހަރަކާތުގައި ރާއްޖޭގެ މަޝްހޫރު 22 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.

އިންޑިޔާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިއްމު ޤައުމެވެ. އެގޮތުން މިއަހަރުގެ މެއި މަހުގެ 11ގެ ނިޔަލަށް އިންޑިއާއަކީ ރާއްޖެއަށް 6 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިޔާއިންނެވެ. މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 5.3 އިންސައްތައެވެ.