ޚަބަރު

ދެމެހެއްޓެނިވި ތަރައްޤީ ޙާސިލްކުރުމަށް ގުޅުން ބަދަހިކުރުމަށް ރާއްޖެއާއި ކުވައިތާ ދެމެދު މަޝްވަރާކުރައްވައިފި


  • މަޝްވަރާކުރެއްވި ދާއިރާތަކުގެތެރޭގައި އިޤްތިޞާދީ، ވިޔަފާރި، ސިއްޙީ، އިޔާދަކުރަނިވި ދާއިރާ ހިމެނޭ

  • ކުވައިތާ ދެމެދު އުފެދިފައިވާ ޒަމާންވީ އަޙްވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވި

ދެމެހެއްޓެނިވި ތަރައްޤީ ޙާސިލްކުރުމުގެ ދާއިރާ ހިމެނޭހެން މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ.ޢަބްދުالله ޚަލީލާއި، ކުވައިތުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޢަލީ އަލް ޔަހްޔާ ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ. މިމަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ޚާރިޖީ ވަޒީރު ޑރ.ޢަބްދުالله ޚަލީލް މިހާރު ކުވެއިތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ޚާރިޖީ ވަޒީރު ޑރ.ޢަބްދުالله ޚަލީލް ކުވެއިތަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން އެޤައުމުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޢަލީ އަލް ޔަހްޔާއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ކުވެއިތާ ދެމެދު އުފެދިފައިވާ ޒަމާންވީ އަޙްވަންތަ ގުޅުމުގެ މައްޗަށް ދެބޭފުޅުން ވަނީ އަލިއަޅުވާލައްވާފައެވެ. އަދި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށްވަނީ މަޝްވަރާ ކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައިވަނީ އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އިޤްތިޞާދީ ރޮނގުންނާއި، ވިޔަފާރީގެ ދާއިރާއާއި، ސިއްޙީ ނިޒާމް ހަރުދަނާކުރުމަށާއި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ރާއްޖޭގެ ޚާރިޖީވަޒީރާއި، ކުވެއިތުގެ ޚާރިޖީ ވަޒީރު މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުންވެސް ދެ ޤައުމުގެ މަޞްލަޙަތު ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލްކުރެއްވުމަށް އޮތް ޢަޒުމް ދެ ވަޒީރުންގެ މަޝްވަރާތަކުން ހާމަވެގެންދިޔައެވެ.

ދިވެހިރާއްޖޭގެ ތަރައްޤީގެ ތަފާތު އެކި މަޝްރޫޢުތަކަށް ކުވެއިތު ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ކުވެއިތު ސަރުކާރުގެ އިސްވެރިންނަށް ދިވެހި ޚާރިޖީ ވަޒީރު ޝުކުރުއަދާކުރެއްވިއެވެ. ހާއްސަގޮތެއްގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ކުވެއިތު ފަންޑް ފޯ އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އެހީތެރިކަމާއި، ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ދެއްވާ އެހީތެރިކަން ޚާރިޖީ ވަޒީރު ފާހަގަކޮށްލެއްވިއެވެ. މީގެ އިތުރުން ޚާރިޖީ ވަޒީރު ޑރ.ޢަބްދުالله ޚަލީލްވަނީ ކުވެއިތުން ރާއްޖެއަށް ފޯރުކޮށްދެމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މި ދަތުރުފުޅަށްފަހު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނޭކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.