ސީ އެމްބިއުލާންސް ޚިދުމަތަށް މިއަހަރު އިތުރު 10 އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ދިފާޢީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ސީ އެމްބިއުލާންގެ ޚިދުމަތަށް ބޭނުންކުރާ އުޅަނދުތައް އޮޕަރޭޓްކުރަނީ ދިވެހި ސިފައިންގެ އެހީތެރިކަމާއެކުއެވެ.
މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ދިފާޢީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވީ ސީ-އެމްބިއުލާންސްގެ ޚިދުމަތަކީ، ސިފައިން ޚާއްސަ އިސްކަމެއްދީގެން ދޭ ޚިދުމަތެއްކަމަށެވެ. ވަޒީރު ވިދާޅުވީ، އާސަންދައިން އެޕްރޫވަލްލިބުމާއެކު، އެކަމަށް އެންމެ ފުރިހަމައަށް އިޖާބަދެމުންދާކަމަށެވެ.
ޣައްސާން މައުމޫނު ވިދާޅުވީ މި ޚިދުމަތުގައި މިހާރު ބޭނުންކުރަމުންދާ އުޅަނދުތަކުގެ އަދަދު، ރާއްޖެއަށް ބޭނުންވާ މިންވަރަށްވުރެ މަދުކަމަށެވެ. މިއީ މުޅި ރާއްޖެއަށް ދޭ ޚިދުމަތަކަށްވުމާއެކު، މިހާރު އުޅަނދުތައް މަދުވުމުން، ބޭނުންވާ އަވަސްކަންމަތީގައި ޚިދުމަތް ދިނުމުގައި ދަތިކަން ހުރިކަމަށެވެ.
"އުޅަނދުތައް ބޭނުންވާ މިންވަރަށްވުރެ މަދުވުމާއި ބައެއް އުޅަނދު ބާވުމުގެ ސަބަބުން އެބަހުރި ޚިދުމަތް ދިނުމުގައި ގޮންޖެހުން. ނަމަވެސް އާސަންދައިގެ އެޕްރޫވަލް ލިބޭއިރަށް އަޅުގަނޑުމެން ދޭންޖެހޭ ޚިދުމަތް އެބަ ދެމުންދަން. މި ގޮންޖެހުންތައް ކުޑަކުރުމަށް މިއަހަރުގެތެރޭގައި އިތުރު 10 ލޯޗު ހޯދުމުގެ މަސައްކަތް ޑިފެންސްއިން ދަނީ ކުރަމުން." ދިފާޢީ ވަޒީރު ޣައްސާން ވިދާޅުވިއެވެ.
ސީއެމްބިއުލާންސްގެ ޚިދުމަތަކީ 24 ގަޑިއިރުގެ ޚިދުމަތެކެވެ.
މި ޚިދުމަތަށް ދެއްވާ އިސްކަމުގެ ސަބަބުން ސަރުކާރުން މިދިޔަ އަހަރު ވަނީ އެއަރ އެމްބިއުލާންގެ ޚިދުމަތްވެސް ތަޢާރަފުކޮށްފައެވެ. މި ޚިދުމަތަށް އަހަރެއްވިއިރު، 780 އަށްވުރެ ގިނަ ދަތުރު، ބަލިމީހުން އުފުލުމަށްޓަކާ ކޮށްފައިވެއެވެ.