ޚަބަރު

ޝަރުޢީ ދާއިރާއަށް އަޅުގަނޑު ނުފޫޒު ފޯރުވާފައެއް ނޯންނާނެ: ބަންޑާރަ ނައިބު އުޝާމް


  • ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާކަމަށް ދެކެވޭ ވާހަކަތައް ބަންޑާރަ ނައިބު ވަނީ ދޮގުކުރައްވާފައި

  • މިކަމަށް ޖަވާބުދާރީ ވެވޭނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ބަނޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ބަނޑާރަ ނައިބު މިހެން ވިދާޅުވީ އަހާ ފޯރަމުގައި ބަންޑާރަ ނައިބުގެ މައްޗަށް ކުރެވޭ މި ތުހުމަތާއި ގުޅިގެން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތު މީސްމީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ކޮށްފައެވެ. މި ތުހުމަތުތައް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނު ސުޢޫދުވެސް ވަނީ ކުރައްވާފައެވެ.

މި ތުހުމަތުތަކަށް ޖަވާބުދާރީވެވަޑަގެން ބަންޑާރަ ނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވަނީ އެފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އެ ގޮތަށް ތުހުމަތު ކުރެއްވި ކުރީގެ ފަނޑިޔާރު ހުސްނުސުޢޫދަކީ ސިޔާސީ ގޮތުން މަސައްކަތް ކުރައްވަމުންދާ ބޭފުޅެއް ކަމަށް އުޝާމް ވިދާޅުވިއެވެ.

އޭގެ ބަދަލުގައި މި ސަރުކާރު އައުމަށް ފަހު، އެކި ގޮތްގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާފައިވާ މެސެޖުތަކާއި އަދި އެކި ތަންތަނުން ބައްދަލުވެ ދައްކަވާފައި ހުރި ވާހަކަތަކަށް ބަލާއިރު ނޫފުޒު ފޯރުވުމަށް މަސައްކަތް ކޮށްފައިވަނީ ހުސްނުސުޢޫދުކަމަށް ދެކެވަޑައިގަންނަވާކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާފައި ހުންނަވާނީ އެ ބޭފުޅާ. ޖުޑީޝަރީއަށް ނުފޫޒު ފޯރުވާފައި ހުންނަވާނީވެސް އެ ބޭފުޅާ. އަޅުގަނޑު ވަރަށް ޔަޤީންކަމާއެކު މިދަންނަވަނީ. އެއްވެސް ޒަމާނެއްގައި ތަހުޤީޤެއް ކުރައްވައިފިއްޔާ އަޅުގަނޑަށް ޖަވާބުދާރީ ވެވޭނެ." ބަންޑާރަ ނައިބު ވިދާޅުވިއެވެ.

އަހާ ފޯރަމުގައި ވާހަކަފުޅުދައްކަވަމުން، ބަންޑާރަ ނައިބު ވަނީ އެމަނިކުފާނާއި ގުޅޭގޮތުން ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރެއް ކަމަށް ޑރ. އަޒްމިރަލްދާ ޒާހިރު ކުރައްވާފައިވާ ތުހުމަތައްވެސް ޖަވާބުދާރީވެވަޑައިގެންފައެވެ. ފަނޑިޔާރު ޑރ. އަޒްމިރަލްދާ ވަނީ ބަންޑާރަ ނައިބު މީހަކު މެދުވެރިކޮށް އިންޒާރު ދެއްވި ކަމަށް ތުހުމަތު ކުރައްވާފައެވެ. ފަނޑިޔާރު ހުސްނުސުޢޫދު ފަދައިން ޑރ. އަޒްމިރަލްދާވެސް ތުހުމަތު ކުރެއްވީ ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލަތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމެވެ.

ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ، މި ތުހުމަތު އަމާޒުވީ އެމަނިކުފާނު ރައްޓެއްސަކާއި ދެކެވުނު ވާހަކައެއްގެ އަސްލު އޮޅުވާލައިގެން ކަމަށެވެ. ނަމަވެސް މިކަމުގައި އެ ތުހުމަތު ކުރާ ގޮތަށް ކަންވެފައިނެތް ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

"އެ ކަމެއް ހިނގައިދިޔައީވެސް ސުޕްރީމް ކޯޓުގެ މައްސަލައިގެ މާކުރިން. އެ ބޭފުޅުން ވަރަށް ކޮންވީނިއެންޓްލީ ނުދައްކާ ވާހަކައެއް. އަޅުގަނޑާއި ރަހުމަތްތެރިޔާއާއި ދެކެވުނު ވާހަކަ ދެކެވުނީ މިއަހަރު ފެބްރުއަރީ މަހުގެ ކުރީކޮޅު. އޭރަކު ސުޕްރީމް ކޯޓުގައި މައްސަލައިގެ އަޑުއެހުމެއް ތާވަލެއްވެސް ނުކުރޭ. އޭގެ ފަހުން މައްސަލައިގެ ދެ އަޑުއެހެން ބާއްވައިފި، ތި ވިދާޅުވާ ދެ ފަނޑިޔާރުން (ހުސްނުސުޢޫދު އަދި ޑރ. އަޒްމިރަލްދާ) އެ ބެންޗުގައި ތިއްބެވި. އެވަރުގެ ތުހުމަތެއް އަޅުގަނޑާއި ރައީސުލްޖުމްހޫރިއްޔާ ކުރައްވާއިރު ކީއްވެތޯ ދެ އަޑުއެހުން ބޭއްވުނު އިރު އެވާހަކަ ވިދާޅުނުވީ " ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ބަންޑާރަ ނައިބު ވަނީ، މި ތުހުމަތުތައް އަމާޒުވާން ފެށީ، ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ދިމާވެ ބަލަން ފެށުމަށްފަހުކަން ފާޙަގަކުރައްވާފައެވެ. އަދި މިއިން އެއްވެސް ފަރާތަކުން މިކުރާ ތުހުމަތަކީ ހަޤީޤަތެއް ނެތް ތުހުމަތުތުތަކެއް ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.