ގދ. ނަޑެއްލާއިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ ގދ. ނަޑެއްލާއިން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ ހދ. ނޮޅިވަރަން / ސުހާނީ، އުމުރުން 34 އަހަރުގެ އާދަމް އިބްރާހިމް ފެނިފައިވާކަމަށެވެ. އޭނާ ފެނިފައިވަނީ މިއަދު 16:45 ހާއިރު ނަޑެއްލާ ކައިރީ އޮންނަ ފަޅުރަށަކުންކަމަށާއި އެމީހާގެ ހާލު ރަނގަޅުކަމަށް ފުލުުހުން ވިދާޅުވިއެވެ.
އާދަމް އިބްރާހިމް ގެއްލިގެން ހޯދަން ފެށީ މިމަހުގެ 11 ވަނަ ދުވަހުގެ 14:00 އެހާކަންހާއިރު ގދ. ނަޑައްލާއަށް ކައިރިކުރި “އިތުބާރު” ނަމަކަށް ކިޔާ ދޯނިން އެރަށަށް ފޭބުމަށްފަހު އެނބުރި ދޯންޏަށް އައިސްފައިނުވާތީއެވެ. އަދި އޭނާގެ އެއްވެސް ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 22:25 އެހާކަންހާއިރުއެވެ.
މި މަޢުލޫމާތު ލިބުމާއެކު ރޭގެ ވަގުތެއްގައި ފުލުހުންގެ ޓީމެއް ނަޑެއްލާއަށް ގޮސް، ރަށުތެރެއާއި އެރަށް ކައިރީގައިވާ ފަޅު ރަށްތައް ބަލާފައިވެއެވެ.
އެ މީހާ ފެނިފައިވަނީ ފުލުހުންނާއި ނަޑެއްލާގެ ރައްޔިތުންގެ ޓީމަކަށްކަމަށް ފުލުހުން ވިދާޅުވިއެވެ. އދި އެމީހާ ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުންވެސް މިއަދު ހެނދުނުން ފެށިގެން ހަރަކާތްތެރިވާން ފެށިކަމަށާއި ނަޑެއްލާގެ ފަޅުތެރިން 10 ފަޅުރަށް ބެލިކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ފަޅުރަށްތައް ބެލުމުގެ އިތުރަށް ނަޑެއްލާގެ އެކި ސަރަޙައްދުތައްވެސް ބެލިކަމަށެވެ. އެމީހާ ގެއްލުނު މައްސަލަާގައި އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުން ތަޙްޤީގު ކުރުމުގެ މަސައްކަތް ކުރަމުންގެންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.