ޚަބަރު

ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތެެއް ދެވޭތޯ ޔަޤީންކުރުމަށް ވަޒީރު އެދިވަޑައިގެންފި


  • ޙައްޖުވެރިންނާއި ގާތުން މަސައްކަތް ކުރެއްވުމަށް ވަނީ އިލްތިމާސްކުރައްވާފައި

  • ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26ގައި

ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތެެއް ދެވޭތޯ ޔަޤީން ކުރެއްވުމަށް ޙައްޖު މިޝަންގެ މެންބަރުންގެ ކިބައިން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެދިވަޑައިގެންފިއެވެ. ވަޒީރު މިކަމަށް އެދިވަޑައިގެންނެވީ، ޙައްޖު މިޝަންގެ މެމްބަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުން އޮތީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ދެއްކެވި ވާހަކަފުޅުގައި ޙައްޖު މިޝަންގެ މެމްބަރުންގެ ޒިންމާ ވީހާވެސް ފުރިހަމައަށް އަދާކުރެއްވުމަށާއި، ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތެެއް ދެވޭތޯ ޔަޤީން ކުރުމަށް ވަނީ ނަސޭޙަތްތެރިވެވަޑައިގެންފައެވެ.

އަދި ދިވެހި ޙައްޖުވެރިންނަށް ދަތިވާ ކަންތައްތަކަށް ޙައްލު ހޯދެއްވުމަށް މަސައްކަތް ކުރެއްވުމަށާއި ޙައްޖުވެރިންނާއި ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށްވެސް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖޭގެ ޙައްޖާއި ޢުމްރާގެ ނިޒާމް ހަރުދަނާކޮށް ރައްޔިތުންނަށް ލުއި ފަސޭހަކަން ހޯދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަށް ސަޢޫދީ ސަރުކާރުން ވަނީ ނިންމަވާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން، ދެ ޤައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ޤައުމުގެ އެއަރޕޯޓްގައި ތިބެ ފުރިހަަމަކުރެވޭނެކަމަށެވެ. އަދި މިކަމުގެ ސަބަބުން ޖިއްދާގެ އެއަރޕޯޓްގެ އިމިގްރޭޝަންގައި ޙައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިއުމަށް ފަސޭހަވާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ޙައްޖުވެރިންގެ ކަންކަން ވީހާވެސް ގާތުން ބެލުމަށް ސަޢުދީ ޢަރަބިއްޔާގައި ހަރަކާތްތެރިވާ ދިވެހި ޙައްޖު މިޝަންގައި ޙައްޖު ކޯޕަރޭޝަންގެ ބޭފުޅުންނާއި، މެޑިކަލް ޑޮކްޓަރަކާއި، ދީނީ ޢިލްމުވެރިން ހިމެނެއެވެ. އަދި މިއަހަރުގެ ހައްޖު ކަވަރޭޖް ޕީއެސްއެމް ނިއުސްއިން ގެނެސްދޭނެއެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.