ކުޑަކުދިންގެ ދުވަހާއި ގުޅުވައި ޕީއެސްއެމްއިން ފާހަގަކުރާ ކުޑަކުދިންގެ ބްރޯޑްކާސްޓްކުރުމުގެ ދުވަސް މާދަމާ ފާހަގަކުރާނެއެވެ. ކުޑަކުދިންގެ ބްރޯޑްކާސްޓް ކުރުމުގެ ދުވަހު ޕީއެސްއެމް ނިއުސްގެ ރޭގަނޑު ޚަބަރު ފިޔަވައި އެހެން ހުރިހާ ޚަބަރު ގަޑިއެއްގައިވެސް ޚަބަރު ހުށަހަޅައިދޭނީ ކުޑަކުދިންނެވެ.
ކޮންމެ އަހަރެއްގެވެސް މޭއި މަހުގެ 10 ވަނަ ދުވަހު މި ދުވަސް ފާހަގަކުރާއިރު، އެ ދުވަހުގެ ޚަބަރުތަކުގެ އިތުރުން ޕްރޮގްރާމްތައްވެސް ހުށަހަޅާނީ ކުޑަކުދިންނެވެ. އެގޮތުން މާދަމާ ޕީއެސްއެމް ނިއުސްގެ 4 ގަޑިއެއްގައި ދިވެހި ޚަބަރު، 4 ގަޑިއެއްގައި އިނގިރޭސި ޚަބަރު އަދި 2 ގަޑިއެއްގައި ކުޅިވަރު ޚަބަރު ކުޑަކުދިން ހުށަހަޅައިދޭނެއެވެ.
08:00 - ދިވެހި ޚަބަރު
09:00 - ދިވެހި ޚަބަރު
10:30 - ކުޅިވަރު ޚަބަރު
11:00 - އިނގިރޭސި ޚަބަރު
12:00 - ދިވެހި ޚަބަރު
13:00 - އިނގިރޭސި ޚަބަރު
13:30 - ކުޅިވަރު ޚަބަރު
14:00 - ދިވެހި ޚަބަރު
15:00 - އިނގިރޭސި ޚަބަރު
19:00 - އިނގިރޭސި ޚަބަރު
ދުވަހުގެ ޚަބަރުތައް ކުޑަކުދިން ހުށަހަޅާއިރު، މިގަޑިތަކުގައި ޕީއެސްއެމް ނިއުސް ޑިޕާޓްމަންޓުގެ އެހީތެރިކަމާއެކު ސްކޫލްތަކުގެ ދަރިވަރުން ލައްވާ ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓުތައްވެސް ގެނެސްދޭނެއެވެ.
މީގެ އިތުރުން ދުވަހުގެ ބައެއް ޕްރޮގްރާމްތައްވެސް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ކުޑަކުދިންނެވެ.
08:30 - ފަށަން ޕޮޑްކާސްޓް
12:30 - ދުނިޔޭގެ ކަޅި
14:30 - ކުޑަކުދިންގެ ދުވަހުގެ ޚާއްސަ ޕްރޮގްރާމް
16:00 - ކުޑަކުދިންގެ ދުވަހުގެ ހަވީރު މާލެ އެކި ސަރަހައްދުތަކުން
ކުޑަކުދިންގެ ދުވަހަކީ ކުޑަކުދިންގެ ބްރޯޑްކާސްޓިން ދުވަހުގެވެސްގޮތުގައި ޕީއެސްއެމްއިން ފާހަގަކުރަމުން ދަނީ 2016 ވަނަ އަހަރުން ފެށިގެން ކުންފުނީގެ ބޯޑުން ނިންމައިގެންނެވެ. އޭގެ ކުރިންވެސް ޓީވީ މޯލްޑިވްސް އަދި ދިވެހި ރާއްޖޭގެ އަޑުންވެސް ކުޑަކުދިންގެ ބްރޯޑްކާސްޓިން ދުވަސް އެކިގޮތްގޮތުން ފާހަގަކުރަމުން އައިސްފައިވެއެވެ.
ޕީއެސްއެމް ނިއުސްގެ އިތުރުންވެސް، ޕީއެސްއެމްގެ ކުޑައިގެ ދަށުން ހިންގާ ޓީވީއެމް އަދި ދިވެހިރާއްޖޭގެ އަޑުގެ މާދަމާގެ ޕްރޮގްރާމްތަކާއި ކޮންޓެންޓުތައްވެސް ވަނީ ކުޑަކުދިންނަށް ޚާއްސަކޮށްފައެވެ. އެގޮތުން ޓީވީއާއި ރޭޑިއޯ ޕްރޮގްރާމްތައް ހުށަހަޅައިދިނުމުގައި ކުޑަކުދިން ހަރަކާތްތެރިވާނެއެވެ.
ކުޑަކުދިންގެ ބްރޯޑްކާސްޓްކުރުމުގެ ދުވަސް ފާހަގަކުރަނީ، ރާއްޖެއާއި ދުނިޔޭގައި މީޑިއާގެ ދައުރު ފުޅާވެ، ކުރިއަރާއިރު އޭގެ ރަނގަޅު އަސަރުތަކަށް ކުޑަކުދިން އަހުލުވެރިކުރުމަށެވެ. އަދި ބްރޯޑްކާސްޓްކުރުމުގެ ވެއްޓަކީ ކުޑަކުދިންނާ ރައްޓެހި ވެއްޓަކަށް ހެދުމަށެވެ.
ބްރޯޑްކާސްޓްކުރުމަކީ ރާއްޖޭގައި ފުޅާވަމުން، ތަރައްޤީވަމުން އަންނަ ކަމަކަށްވުމުން، ރާއްޖޭގެ ކުރިޔަށް އޮތް ޖީލުތަކުގައި ބްރޯޑްކާސްޓްކުރުމުގެ މަސައްކަތްތަކަށް ފަރިތަ އަދި އެކަން ރަނގަޅު ގޮތުގައި ދެމެހެއްޓުމުގެ ވިސްނުން ހުރި ބަޔަކު ތިބުމަށް މަގުފަހިކުރުމަކީވެސް، މި ދުވަސް ޕީއެސްއެމުން ފާހަގަކުރުމުގެ މުހިންމު ބޭނުމެކެވެ.