ޚަބަރު

ހުއްޓާނުލައި މަސައްކަތް ކުރާނީ ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި ހުރާގައި ބަހައްޓަން: ކައުންސިލް


ކ. ހުރާގެ އަމާޒަކީ ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އެ ރަށުގައި ބެހެއްޓުން ކަމަށާއި، މި އަހަރުގެ މުބާރާތުން ސެމީ ފައިނަލާ ހަމައިން ކެޓި ނަމަވެސް ހުއްޓާނުލައި ތައްޓަށް މަސައްކަތް ކުރާނެ ކަމަށް ހުރާ ކައުންސިލުން ބުނެފިއެވެ.

"ޕީއެސްއެމް ނިއުސް" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ހުރާ ކައުންސިލް މެންބަރު ހަސަން ފިރާޝް ވިދާޅުވީ މިއަހަރުގެ މުބާރާތުން ބަލިވި ނަމަވެސް ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރާނީ ގައުމީ ޓީމުގެ ތަށި ރަށަށް ގެންދިއުމަށް ކަމަށާއި، އެމަގަށް ކަންކަން ބައްޓަން ކުރުމަށް ވޮލީއަށް ޚާއްސަ ޕްރޮގްރާމެއް ހުރާގައި ހިންގަމުން އަންނަ ކަމަށެވެ.

ގައުމީ މުބާރާތުގައި މާލޭ ޓީމުތަކާއެކު ވާދަކުރި އަތޮޅުތެރޭގެ ހަމައެކަނި ޓީމަކީ ހުރާ ކޮމިއުނިޓީ ކުލަބެވެ. ހުރާ ޓީމުގައި ސުކޫލު ކުދިންވެސް ހިމެނޭހެން އޮތީ ވަރަށް ހަގު އުމުރުފުރައިގެ ކުޅުންތެރިންނެވެ. އެއް ބޭނުމަކަށްވީ އެހާ ޅަ ކުޅުންތެރިންނަށް ގައުމީ މުބާރާތް ތަޖުރިބާކޮށް އެހެން ޓީމުތަކާ އެއް ހަމައެއްގައި ވާދަކުރުމުގެ ފުރުސަތު ދިނުމެވެ.

އާދަޔާ ޚިލާފު ރޫހެއްގައި ކުޅުންތެރިން ކޯޓަށް ނިކުތުމުގެ ފަހަތުގައި އޮތީ ހުރާގެ ސަޕޯޓަރުންނެވެ. ތުއްތު ތުއްތު ކުދިންނާއެކު އައިސް ތިބި ބެލެނިވެރިންނާއި ރަށުގެ ކުދި ބޮޑު ރައްޔިތުންނެވެ. ފިރާޝް ވިދާޅުވީ ހުރާ ޓީމު ކުޅޭ ކޮންމެ މެޗަކަށް ކައުންސިލުން ބޮޑު ހޭދައެއްކޮށްގެން ލޯންޗުތައް ހިފައިގެން ރައްޔިތުން ގެންނަ ކަމަށެވެ.

އެގޮތުން ލޯންޗެއްގެ އަގަކީ ގާތްގަނޑަކަށް 6000 ރުފިޔާ ކަމަށާއި، 25 މިނިޓްގެ ދަތުރެއްކޮށްފައި މާލެ އައިސް މެޗު ނިމުމުން އެނބުރި ރަށަށްދަނީ ސަޕޯޓަރުން ހިތާރޫހުން ކުޅިވަރަށް ބަހައްޓާ ޖޯޝާއި ފޯރީގައެވެ. ބަލިވިޔަސް ހިތްމަރެއް ނުވެއެވެ. ޖެހިގެން އަންނަ މެޗަށް ނިކުންނަނީ އެއަށްވުރެ ވަރުގަދަ އަޒުމެއްގައެވެ. ބަލިވަމުންދާއިރުވެސް ހިތްވަރު އެލުވާނުލުމަށާއި، މޮޅުވުމުގެ ރޫހު ދިރުވައިދޭ ބަޔަކީ ސަޕޯޓަރުން ކަމަށް ކުޅުންތެރިންވެސް ފާހަގަކުރެއެވެ.

ފިރާޝް ވިދާޅުވީ ވޮލީއަށް ޚާއްސަ ޕްރޮގްރާމެއް ގްރާސްރޫޓުން ފެށިގެން އެރަށުގައި ހިނގަމުން އަންނަ ކަމަށާއި، ވޮލީގެ އުކުޅުތައް ކިޔާދެނީ ރާއްޖޭގެ ވޮލީގެ ފުންނާބު އުސް އަދި ތަޖުރިބާކާރު ކޯޗު މުޙައްމަދު ނަދީމް (ނަދީމްބެ) ކަމަށެވެ. އަދި ޒުވާނުންގެ މަރުކަޒުގައި ވޮލީގެ ގައުމީ މުބާރާތް ކުރިޔަށްދިޔައިރު އެ ހޯލުން ތުއްތު ކުދިން ފެނުނު ސަބަބަކީ އެއީ ކަމަށާއި، ހުރާގައި ވޮލީގެ ފޯރި ވަރަށް ގަދަ ކަމަށެވެ. އަދި އެހާ ތުއްތު ކުދިން ގައުމީ މުބާރާތް ބަލަން މާލެ އައުމަކީ އެކަމުގެ ހެއްކެއް ކަމަށެވެ. އުއްމީދަކީ މުސްތަގުބަލުގައި ވަރުގަދަ އަންހެން އަދި ފިރިހެން ވޮލީ ޓީމެއް ހުރާއިން އުފެއްދުން ކަމަށާއި، ކުރިޔަށް ހުރި މުބާރާތްތަކުގައިވެސް ވާދަކުރުން ކަމަށް ފިރާޝް ފާހަގަކުރެއްވިއެވެ.

އަދި މި މަސައްކަތް ހުއްޓާލާނީ ހުރާގައި ގައުމީ މުބާރާތުގެ ތަށިބައިންދާފަ ކަމަށް އޭނާ ވިދާޅުވިއެވެ. ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލާއި ހަމައަށް ގެންގޮސްދިނީ ހުރާގެ ސަޕޯޓަރުންނެވެ. ހުރާ ސެމީ ފައިނަލްގައި ބަލިވީ ޕޮލިސް ކުލަބު އަތުން ތިން ސެޓު ދެ ސެޓުންނެވެ. ފައިނަލްގައި ޕޮލިސް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ހޯދީ ކުލަބު ވެމްކޯއެވެ.

ކައުންސިލްގެ ރައީސް އީސާ އަޙްމަދު ވިދާޅުވީ ކައުންސިލުން މަސައްކަތްކުރަނީ ހުރާގައި އިހުއޮތް ކުޅިވަރުގެ ފޯރި އަލުން ގެނެވޭތޯ ކަމަށެވެ. ހުރާ ކައުންސިލުގެ ރައީސް "ޕީއެސްއެމް ނިއުސް" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ބުނީ ހުރައަކީ ވަރަށް ކުޅިވަރުގެ ރަށެއް ކަމަށާއި، ކައުންސިލުން މި ބަލަނީ ކުރިއެކޭ އެއްގޮތަށް ރަށަށް އިހުއޮތް ފޯރި ގެނައުމަށް ކަމަށެވެ.

އެގޮތުން ކައުންސިލުން ބޮޑު ހޭދައެއް ކޮށްގެން ރަށުގެ ވޯލީ ޓީމަށް ސަޕޯޓުކުރުމަށް ގިނަ އަދަދެއްގެ ރައްޔިތުން މާލެ ގެނައިކަން ފާހަގަކުރައްވައި އީސަ ވިދާޅުވީ ކުޅިވަރަކީ ރަށުގެ ރައްޔިތުން އެއްބައިވަން ކުރުވާ ކަމެއް ކަމަށާއި، ކޮންމެ ކަމަކަށް ގޮވާލިޔަސް ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ ކަމަށެވެ.

ހުރާގައި ކުރިޔަށް ގެންދާ ކުޅިވަރު މަޝްރޫއުތަކުގެ ތެރޭގައި ރަށުގައި އޮތް ޓާފް ދަނޑުގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް ކައުންސިލުން ކުރިޔަށް ގެންދާއިރު، ސަރުކާރުން އަޅާދެއްވާ ފުޓްބޯޅަ ދަނޑުގެ މަސައްކަތްވެސް ކުރިޔަށްދާ ކަމަށެވެ.

އަދި ވަކިން ޚާއްސަކޮށް ހުރާގައި އަންހެން ވޮލީ ޓީމަކާއި ފިރިހެން ވޮލީ ޓީމެއް އުފެއްދުމަށް ތަޖްރިބާކާރު ކޯޗު ނަދީމް ރަށުގައި ބަހައްޓައިގެން ގްރާސްރޫޓް ލެވެލްގެ ޕްރޮގްރާމްތޔައް ހިންގާކަން އޭނާވެސް ފާހަގަކުރެއްވިއެވެ. ނަދީމް ކޯޗަކީ ވަރަށް އަހުލާގު ރަނގަޅޫ ބޭފުޅެއް ކަމަށާއި، ވޮލީ ޕްރޮގްރާމުގެތެރެއިން ކުދިންގެ އަހުލާގު ރަނގަޅުކުރުމަށްވެސް ހާއްސަ އިސްކަމެއްދޭ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.