ޚަބަރު

ޒުވާން ޚަޠީބުން ތަމްރީނު ކުރުމާ ގުޅޭގޮތުން މެލޭޝިޔާގެ ޔުނިވާސިޓީ އިސްލާމް ސެލަންގޯއާއެކު މަޝްވަރާކުރައްވައިިފި


  • އިސްލާމީ ދާއިރާތަކުން މީހުން ބިނާކުރުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފަ

  • ޙަލާލް މެނޭޖްމަންޓު ފަދަ މުހިއްމު ދާއިރާތަކުން މީހުން ބިނާ ކުރުމަށް މަޝްވަރާކުރެއްވި

ޒުވާން ޚަޠީބުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދެވިދާނެ ޕްރޮގުރާމުތަކާ ގުޅޭގޮތުން މެލޭޝިޔާގެ ޔުނިވާސިޓީ އިސްލާމް ސެލަންގޯއާއެކު މަޝްވަރާކުރައްވައިިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މެލޭޝިޔާގެ ޔުނިވާސިޓީ އިސްލާމް ސެލަންގޯގެ ވައިސް ޗާންސެލަރ ދާތޯ ޕްރޮފެސަރ ޑރ. މުޙައްމަދު ފަރީސް ރަވީ ބިން އަބްދުﷲ އާއި ބައްދަލު ކުރައްވައެވެ.

މި ބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އެ ޔުނިވާސިޓީ ގުޅިގެން އިސްލާމީ ދާއިރާތަކުން މީހުން ބިނާ ކުރުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ދިވެހިރާއްޖޭގެ އިމާމުންނާއި، ޒުވާން ޚަޠީބުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދެވިދާނެ ޕްރޮގުރާމުތަކާއި ޙަލާލް މެނޭޖްމަންޓު ދާއިރާ ފަދަ މުހިއްމު ދާއިރާތަކުން މީހުން ބިނާ ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

އިސްލާމީ ދާއިރާތަކުން މީހުން ބިނާކޮށް އިތުރު ތަމްރީން ފަހިކޮށްދިނުމަކީ މި ދައުރުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވަރަށް އިސްކަމެއް ދީގެން ކުރަމުން ގެންދާކަމެއްކަން ފާހަގަކޮށްލެވެއެވެ.

މިމަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ވަނީ މެލޭޝިއާގެ ސެލެންގޯ އިސްލާމިކް ޔުނިވަރސިޓީއާއި ދެމެދުވެސްވަނީ ފަހުމުނާމާއެއް އެކުލަވާލާފައެވެ. މިފަހުމުނަމާގެ ދަށުން ގުޅިގެން ސަރަހައްދީ އަދި ބައިނަލްއަޤުވާމީ އެކި މައްސަލަތަކާއި ގުޅޭގޮތުން ދިރާސާތައް ކުރުމަށްވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު މުވައްޒަފުންނާއި ދަރިވަރުންނަށް އެކްސްޗޭންޖް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށް ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ. މީގެ އިތުރުން ދެޤައުމުގެ ދީނީ އަދި ޘަޤާފަތާއި އާދަކާދަތައް ދިރުވާއާލާކުރުމަށް ގުޅިގެން މަސައްކަތްކުރެވޭނެކަމަށްވެސް ޔުނިވަރސިޓީން ވިދާޅުވެއެވެ.