ޚަބަރު

ތައްޓާ ހަމައަށް ދެވުނީ ގޮތްދޫނުކޮށް ކުޅުންތެރިން ކުރި ބުރަ މަސައްކަތުން: އަދީލް


އާދިއްތަ ދުވަހުގެރޭ ނިމިގެންދިޔަ ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ތަށި ކުލަބު ވެމްކޯއަށް ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ކާމިޔާބުކުރެވުނީ ޓީމެއްގެ ގޮތުގައި ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ކަމަށް އެ ޓީމުގެ ކޯޗު އަޙްމަދު އަދީލް ބުނެފިއެވެ.

ފައިނަލް މެޗަށްފަހު ފީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ކޯޗު އަދީލް ބުނީ ފައިނަލް މެޗު ދިޔައީ ވަރަށް ވާދަވެރިކޮށް ކަމަށާއި، އެހެންނަމަވެސް ޕޮލިހުން ސެޓެއް ގެންދިޔަނަމަވެސް ޓީމުގެ ކުޅުންތެރިން ހިތްވަރު ކުރީ ގޮތްދޫނުކޮށް ދޫނުދީ ކުރިޔަށް ދިއުމަށް ކަމަށެވެ.

"މުބާރާތުގައި ވަރަށް ރަނގަޅަށް ޕާފޯމް ކުރި. އެވްރެޖްކޮށް ބަލާއިރު ރަނގަޅު ހުރިހާ ކުޅުންތެރިން ކުރި މަސައްކަތް ފާހަގަ ކުރަން. ޓީމެއްގެ ގޮތުގައި ހިފާލާ ތަންކޮޅު އަޅުގަނޑު ވަރަށް ފާހަގަކުރަން. އެއްވެސް ވަރަކަށް އިދިކޮޅު ޓީމަށް ދޫނުކޮށް ޓީމެއްގެ ގޮތުގައި ކުރި މަސައްކަތް މީ" އަދީލް ބުންޏެވެ.

އަދީލް ބުނީ ގާތްގާތުގައި މެޗުތަކެއް ކުޅެން ޖެހުމުން އުނދަގޫތަކެއް ހުރި ނަމަވެސް މުބާރާތުގެ ތައްޓާ ހަމައަށް އާދެވުނީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުންކަން ފާހަގަ ކުރާ ކަމަށެވެ. އަދި ފައިނަލް މެޗުގައި ޓީމަށް ބަދަލުތަކެއް ގެނެސް ބްލޮކްތައް ވަރުގަދަކުރެވުން ކަމަށާއި، އެވްރެޖްކޮށް ބަލާއިރު މުބާރާތުިގެ ހުރިހާ މެޗެއްގައިވެސް ކުޅުންތެރިންގެ ޕާފޯމެންސް ރަނގަޅު ކަމަށް ކޯޗް ފާހަގަ ކުރިއެވެ.

ފައިނަލް މެޗު ކްލަބް ވެމްކޯ އިން ކާމިޔާބުކުރީ ފަސް ސެޓަށް ކުޅެގެން ޕޮލިސް ކްލަބްގެ މައްޗަށް 3 ސެޓު 2 ސެޓުން ކުރިހޯދައިގެންނެވެ.

ފައިނަލްމެޗުގައި ފުރަތަމަ ސެޓު ގެންދިޔައީ ފަންސަވީސް ތޭވީހުން ޕޮލިސް ކުލަބެވެ. އެހެންނަމަވެސް ކުޅުން ރަނގަޅުކޮށް ދެވަނަ ސެޓް ވެމްކޯއިން ގެންދިޔައީ ފަންސަވީސް ބާވީހުންނެވެ. އަދި 3 ވަނަ ސެޓު ޕޮލިހުން ގެންދިޔައިރު ފަންސަވީސް ތޭވީހުން އެ ސެޓް ކާމިޔާބުކޮށް ޕޮލިހުން ވަނީ ވެމްކޯއަށްޕްރެޝަރު ބޮޑުކޮށްފައެވެ. އަދި ހަތަރުވަނަ ސެޓާއި ފަސްވަނަ ސެޓު ގެންދިޔައީ ވެމްކޯއިންނެވެ.

އެ ދެ ސެޓް ވެމްކޯއިން ކާމިޔާބުކުރީ ފަންސަވީސް އަށާރަ އަދި އަށެއް ފަނަރައިންނެވެ. ވެމްކޯއަކީ ސައްތައިން ސައްތަ ރިކޯޑަކާއެކު 2024 ވަނަ އަހަރުގެ ޤައުމީ މުބާރާތުގެވެސް ޗެމްޕިއަން ޓީމެވެ.

ފައިނަލުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ ނޮކްޔޫން ޕައޮވާނާ އެވެ. މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންގެތެރޭގައި ހިމެނޭ ޖޫޒާން ޒަރީރާއި އައިޝަތު މާޖިދާ އަކީވެސް ވެމްކޯގެ ކުޅުންތެރިންނެވެ. އަދި އެންމެ މޮޅު ބިދޭސީ ކުޅުންތެރިންގެ ތެރޭގައި ވެމްކޯގެ ޕަޓިޔާ ހިމެނުނެވެ. އެންމެ މޮޅު ކޯޗުގެ ޝަރަފުވެސް ހޯދީ ވެމްކޯއިންނެވެ.

ޤައުމީ ވޮލީބޯޅަ މުބާރާތް 2025 ގެ އަންހެން ޑިވިޜަން، ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޤައުމީ ވޮލީބޯޅަ މުބާރާތް 2025 ގެ، އަންހެން ޑިވިޜަންގެ އެންމެ މޮޅު ދިވެހި އަދި ބިދޭސީ ކުޅުންތެރިންނާއި، 19 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔާއަށް ޝަރަފުއަރުވާފައެވެ.

އަދި، މުބާރާތުގެ އެންމެ ޝަރަފުވެރި އެއް ވަނަ ހޯދި ކްލަބް ވެމްކޯއަށް، ރަން މެޑަލް، ޓްރޮފީ، އަދި ސެޓްފިކެޓްވެސް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.