ޚަބަރު

އެއްބަސްވުންތަކުގެ މަޢުލޫމާތު ހާމަނުކުރެވެނީ، އޭގައި ހިމަނާފައިވާ މާއްދާތަކެއްގެ ސަބަބުން: ވަޒީރު ޣައްސާން


  • ވަޒީރު ވިދާޅުވީ މުހިންމު ބައެއް މަޢުލޫމާތުތައް 241 ކޮމިޓީއަށް ހިއްސާކުރައްވާނެކަމަށް

  • ވަޒީރު ވިދާޅުވީ ބޭރުގެ އަސްކަރީ ސިފައިންގެ އެއްވެސް މީހަކު ރާއްޖޭގައި ނުހުންނާނެކަމަށް

އިންޑިޔާއާއި ދިވެހިރާއްޖެއާ ދެމެދު ޤާއިމްކޮށްފައިވާ އެއްބަސްވުންތައް ހާމަނުކުރެވެނީ ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި މަޢުލޫމާތު ހާމަކުރުމާ ގުޅޭގޮތުން ހިމަނާފައިވާ މާއްދާތަކެއްގެ ސަބަބުންކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި ސުވާލުކުރައްވާފައިވަނީ، އިންޑިޔާއާއި ދިވެހިރާއްޖެއާ ދެމެދު ޤާއިމުކޮށްފައިވާ އެއްބަސްވުންތައް ހާމަނުކުރާ މައްސަލައިގައެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖީލީހުގައި ޖަވާބުދެއްވަމުން ދިފާއީ ވަޒީރު ޣައްސާން މައުމޫނު ވިދާޅުވީ، އެއްބަސްވުންތަކުގެ މަޢުލޫމާތު ހާމަނުކުރެވެނީ މަޢުލޫމާތު ހާމަކުރުމާ ގުޅޭގޮތުން މާއްދާތަކެއް ހިމަނާފައިވުމުންކަމަށެވެ.

ޣައްސާން ވިދާޅުވީ 1965ވަނަ އަހަރު ރާއްޖެއަށް މިނިވަންކަން ލިބުނީއްސުރެ 100އަށްވުރެ ގިނަ އެއްބަސްވުން ދެ ޤައުމުގެ ދެމެދުގައި ޤާއިމުކޮށްފައިވާކަމަށެވެ. މީގެތެރެއިން ދިފާޢީ ވުޒާރާއިން ޒިންމާވާގޮތަށް އޮތީ 4 އެއްބަސްވުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެތެރެއިން، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލާއި ސިޔާދަތަށް ގެއްލުން ނުވާގޮތަށް އެއްބަސްވުންތަކަށް ވަނީ ބަދަލުގެނެސްފައި. އަދި އެއާ ގުޅޭ މަސައްކަތްތައް މިހާރުވެސް ކުރިއަށްދޭ." ދިފާޢީ ވަޒީރު ޣައްސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ސިފަވަރުގެ އެއްބަސްވުންތައްވެސް ހަދާފައިވާ ގޮތް، ދެ ޤައުމު ހިމެނޭ އެކަމަށް ޚާއްސަ ހައިލެވަލް ކޮމިޓީއަކުން ބަލަމުންދާކަމަށެވެ. އެކަމުގެ ތަފްސީލް ހާމަކުރުމާއި ގުޅޭގޮތުން ވަޒީރު ވިދާޅުވީ މަޖިލީހުގެ ބާރާއި އިމްތިޔާޒުތަކަށް ސަރުކާރުން ފުރިހަމައަށް އިޙްތިރާމުކުރައްވާކަމަށާއި، މަޖިލީހުން އެދޭ ޙާލަތުގައި ހާމަކުރެއްވެން ހުރި މަޢުލޫމާތުތައް މަޖިލީހުގެ 241 ކޮމިޓީއާއި ހިއްސާކުރައްވާނެކަމަށެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، އިންޑިއާގެ އަސްކަރީ ސިފައިން މިހާރު ރާއްޖޭގައި ނުތިބޭނެކަމަށެވެ. އޭރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ 71 މީހުން ދެ ޤައުމުގެ މަޝްވަރާތަކަށްފަހު އިންޑިއާއަށް އަނބުރާ ގެންގޮސްފައިވާކަމަށެވެ. އެންމެ ފަހުން ތިބި ސިފައިން ގެންގޮސްފަވަނީ މިދިޔަ އަހަރުގެ މޭއި މަހުގެ 9ވަނަ ދުވަހުއެވެ. ވަޒީރު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި އެއްވެސް ހަތިޔާރެއް ގެންގުޅެފައި ނުވާކަމަށެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި އޭރު ހަރަކާތްތެރިވީ އިންޑިއާގެ އެހީގައި ރާއްޖޭގައި ދުއްވާ ޑޯނިއާއާއި ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށެވެ. ވަޒީރު ވިދާޅުވީ އެކަމުގައިވެސް މިހާރު ހަރަކާތްތެރިވާނީ މަދަނީ މުވައްޒަފުންކަމަށެވެ.

"ޤަބޫލުކުރަނީ އެހެން އެއްވެސް ޤައުމެއްގެ އަސްކަރިއްޔާ ރާއްޖޭގައި ޤާއިމުވެތިބުމަކީ، ރާއްޖޭގެ އިސްތިޤުލާލަށް އުނިކަން އައިސްދާނެ ޙާލަތެއް މެދުވެރިވެދާނެ ކަމަކަށް. އެކަން އެވަނީ ބަދަލުކޮށްފައި." ދިފާޢީ ވަޒީރު ޣައްސާން މައުމޫނު ވިދާޅުވިއެވެ.

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި އިސްތިޤްލާލަށް ނުރައްކާވެދާނެފަދަ އެއްވެސް ކަމެއް އެއްބަސްވުންތަކުގައި ހުރިނަމަ، އެކަންކަން މިހާރު ބަދަލުކޮށްފައިވާކަމަށް ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވެސްވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ ދިވެހި ޤައުމުގެ އަމަންއަމާންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށްޓަކައި ނަގަންޖެހޭ ކޮންމެ ފިޔަވަޅެއް ސަރުކާރުން ނަގާނެކަމަށެވެ.