ޚަބަރު

ޤަތަރާއިއެކު އޮތް ގުޅުން ބިނާވަނީ ހެޔޮނިޔަތާއިއެކު ތަރައްޤީގައި އެއްބާރުލުން ދިނުމުގެ މައްޗަށް: ރައީސް


  • ބައްދަލުވުމުގައ ޤަތަރާއި ރާއްޖޭގެ ޚަރިޖީ ގުޅުމުގެ މައްޗަށް ރައީސް އަލިއަޅުވާލެއްވި

  • ނާޔިފް ބިން ޢީދް އަލް ޘާނީ އަކީ ޤަތަރުގެ ޝާހީ ޢާއިލާއަށް ނިސްބަތްވާ

ޤަތަރާއެކު އޮތް ޚާރިޖީ ގުޅުން ބިނާވެފައިވަނީ ހެޔޮނިޔަތާއިއެކު ތަރައްޤީގައި އެއްބާރުލުން ދިނުމުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ގެ ރައީސް، ނާޔިފް ބިން ޢީދް އަލް ޘާނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ޤަތަރުގެ ޝާހީ ޢާއިލާއަށް ނިސްބަތްވާ ނާޔިފް ބިން ޢީދް އަލް ޘާނީ އެކު ބޭއްވި ބައްދަލުވުން ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެ އާއި ޤަތަރާ ދެމެދު އޮންނަ ބަދަހި ޚާރިޖީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެ ގުޅުން ބިނާވެފައިވަނީ ގާތް ރަޙުމަތްތެރިކަމާއި އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި ހެޔޮނިޔަތާއި، ތަރައްޤީގައި އެއްބާރުލުންދިނުމުގައި ސާބިތުވެ ތިބުމުގެ މައްޗަށްކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރާއި އެމް.ބީ.އެސް. ގްލޯބަލް އިންވެސްޓްމަންޓްސް އިން އެކުގައި ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވިގެންދާނޭކަމުގެ އުއްމީދު ހިއްސާކުރައްވާފައެވެ.

މާލެ ސަރަހައްދުގައި މްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އިން ތަރައްޤީކުރާ މާލީ މަރުކަޒުގެ އެއްބަސްވުމުގައި ސޮއިކޮށް އެތަނުގެ ބިންގާ ވަނީ އަޅާފައެވެ. މި މަޝްރޫޢު އަކީ 8.8 ބިލިއަން ޑޮލަރުގެ އަގުހުރި، ރާއްޖެ ސަރަހައްދީ ފެންވަރުގެ މާލީ ހަބަކަށް ހެދުމަށް ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.