ޚަބަރު

ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއަށް 497 މިލިޔަން ރުފިޔާގެ ފައިދާއެއް


  • ހިންގުމުގެ ފައިދާގެ ގޮތުގައި 698 މިލިޔަން ރުފިޔާ ވަނީ ލިބިފައި

  • އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 1.7 ބިލިޔަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައި

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަށް ސާފު ފައިދާގެގޮތުގައި 497 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެބޭންކުގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

ބީއެމްއެލްއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 698 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %1.4 ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކަށް ލިބިފައިވަނީ 708 މިލިޔަން ރުފިޔާއެވެ.

ބީއެމްއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ބޭންކަށް ސާފު ފައިދާގެ ގޮތުގައި 497 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު %1 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ސާފު ފައިދާގެ ގޮތުގައި ބޭންކަށް ލިބިފައިވަނީ 492 މިލިޔަން ރުފިޔާއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 1.7 ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 72 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މި ކުއާޓަރގައި ބޭންކުން ލޯނު ދޫކޮށްފައިވާ އަދަދު 470 މިލިޔަނަށް ވުރެ އިތުރުވެފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެެ.

މީގެ އިތުރުން، ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯވެސް ގާނޫނު ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ދެމެހެއްޓިފައިވާކަމަށް އެ ބޭންކުގެ ފުރަަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުތަކުން ދައްކައެވެ.

ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތަކާއި ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އަހަރުގެ ފުރަތަމަ ކުއާޓަރުގައި މިފަދަ ރަނގަޅު މާލީ ނަތީޖާއެއް ނެރެވުމަކީ ބާކީ އޮތް މުއްދަތުގައިވެސް މިނަތީޖާ ދެމެހެއްޓުމަށް ލިބޭނެ ހިތްވަރެއްކަމަށެވެ.

"ވޭތުވެދިޔަ އަހަރުގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދުމަށްފަހު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް މި ދުވެލި ދެމެހެއްޓިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިފަދަ ރަނގަޅު މާލީ ނަތީޖާއެއް ލިބުމަކީ މުޅި ރާއްޖެއަށް ބޭންކިންގެ ޚިދުމަތް ފުޅާކޮށް، ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމަޢު ކުރިއަރުވަން އެހީތެރިވުމަށް އަޅުގަނޑުމެން މި ކުރާ މަސައްކަތަށް ލިބޭ އިތުރު ހިތްވަރެއް." ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 107 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 165 އޭޓީއެމް، އޭޖެންޓް ބޭންކިންގ ޚިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.