ޚަބަރު

ޤައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ވެމްކޯއަށް


ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ތަށި ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް އުފުލާލައިފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗު ކްލަބް ވެމްކޯ އިން ކާމިޔާބުކުރީ ފަސް ސެޓަށް ކުޅެގެން ޕޮލިސް ކްލަބްގެ މައްޗަށް 3 ސެޓު 2 ސެޓުން ކުރިހޯދައިގެންނެވެ.

ފައިނަލްމެޗުގައި ފުރަތަމަ ސެޓު ގެންދިޔައީ ފަންސަވީސް ތޭވީހުން ޕޮލިސް ކުލަބެވެ. އެހެންނަމަވެސް ކުޅުން ރަނގަޅުކޮށް ދެވަނަ ސެޓް ވެމްކޯއިން ގެންދިޔައީ ފަންސަވީސް ބާވީހުންނެވެ. އަދި 3 ވަނަ ސެޓު ޕޮލިހުން ގެންދިޔައިރު ފަންސަވީސް ތޭވީހުން އެ ސެޓް ކާމިޔާބުކޮށް ޕޮލިހުން ވަނީ ވެމްކޯއަށްޕްރެޝަރު ބޮޑުކޮށްފައެވެ. އަދި ހަތަރުވަނަ ސެޓާއި ފަސްވަނަ ސެޓު ގެންދިޔައީ ވެމްކޯއިންނެވެ.

އެ ދެ ސެޓް ވެމްކޯއިން ކާމިޔާބުކުރީ ފަންސަވީސް އަށާރަ އަދި އަށެއް ފަނަރައިންނެވެ. ވެމްކޯއަކީ ސައްތައިން ސައްތަ ރިކޯޑަކާއެކު މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ޗެމްޕިއަން ޓީމެވެ. ރޭ ކުޅުނު ފައިނަލްމެޗު ޝަރަފްވެރިކޮށްދެއްވާ ޗެމްޕިއަން ޓީމަށް ޓްރޮފީ އާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސެއިން މުހައްމަދު ލަތީފެވެ.

ފައިނަލުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ ނޮކްޔޫން ޕައޮވާނާ އެވެ. މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަކީ، ވެމްކޯގެ ޖޫޒާން ޒަރީރާއި އައިޝަތު މާޖިދާ އާއި ޕޮލިހުގެ އައިމިނަތު އަރީޝާ އެވެ. އެންމެ މޮޅު ބިދޭސީ ތިން ކުޅުންތެރިންނަކީ، ޕޮލިހުގެ ގްރަޒިއެލް، ވެމްކޯގެ ޕަޓިޔާ އަދި ހުރާ ކޮމިއުނިޓީ ކްލަބްގެ ވެރޯނިކާ އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކީ ހުރާގެ އައިޝަތު ނަސްމާ އަހުމަދު އެވެ. އަދި، އެންމެ މޮޅު ކޯޗަކީ، ވެމްކޯގެ އަހުމަދު އަދީލެވެ.

ޤައުމީ ވޮލީބޯޅަ މުބާރާތް 2025 ގެ އަންހެން ޑިވިޜަން، ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.

މި ރަސްމިއްޔާތަށް ވަޑައިގަތުމުން ސޯޝަލް ސެންޓަރުން އެ މަނިކުފާނަށް މަރުޚަބާ ދެންނެވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު އާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ލަޠީފްއެވެ.

ރޭގެ ރަސްމިއްޔާތުގައި، ޤައުމީ ވޮލީބޯޅަ މުބާރާތް 2025 އަންހެން ޑިވިޜަންގެ ނިމުން ފާހަގަކޮށް، މި މުބާރާތުގެ އެކިއެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމުތަކަށާއި ރެފްރީންނަށް އިނާމު ދީފައިވެއެވެ. އަދި މި މުބާރާތުގެ ރަނަރަޕް ޓީމަށް ރިހި މެޑެއްޔާއި ފައިސާގެ އިނާމު ޙަވާލުކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޤައުމީ ވޮލީބޯޅަ މުބާރާތް 2025 ގެ، އަންހެން ޑިވިޜަންގެ އެންމެ މޮޅު ދިވެހި އަދި ބިދޭސީ ކުޅުންތެރިންނާއި، 19 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔާއަށް ޝަރަފުއަރުވާފައެވެ.

އަދި، މުބާރާތުގެ އެންމެ ޝަރަފުވެރި އެއް ވަނަ ހޯދި ކްލަބް ވެމްކޯއަށް، ރަން މެޑަލް، ޓްރޮފީ، އަދި ސެޓްފިކެޓްވެސް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.