ސަރުކާރުގެ މަސައްކަތްތަކާއި ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ފަށާ "މޯލްޑިވްސް 2.0"އަކީ މި ނިޒާމަށް އިންގިލާބެއް ގެންނާނެ މަސައްކަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެކަމުގެ ފެށުމެއްގެ ގޮތުން މިމަހުގެ 9ވަނަ ދުވަހު، ސަރުކާރުގެ ހުރިހާ މުއައްސަސާތައް ހިމެނޭގޮތަށް ބޮޑު ކޮންފަރެންސެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ދަޢުލަތުގެ މަސައްކަތްތަކުގައި ކޮރަޕްޝަން ނައްތާލާ، ދެފުއްފެންނަ ނިޒާމެއް ޤާއިމުކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކަށްވާނީ ޢޮޓަމެޓިކް، ޑިޖިޓަލައިޒް ނިޒާމެއް ތަޢާރަފުކުރެވުންކަމަށެވެ. މިއީ މަޢުލޫމާތުތައް ރެކޯޑްކުރެވި، ސަރުކާރުގެ ކޮންމެ މަސައްކަތަކާއި، މަޢުލޫމާތެއް އެއް ނެޓްވޯކެއްގެ ތެރެއިން ދައުރުކުރެވޭ، ދެފުއްފެންނަ ނިޒާމެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހުރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "މޯލްޑިވްސް 2.0" ޑިޖިޓަލް ނިޒާމަކީ، ރާއްޖޭގެ ކުރިމަގުގެ އެންމެ ބޮޑު ތަޞައްވުރުކަމަށެވެ. މިއީ ކޮންމެ ރައްޔިތަކަށް، ކޮންމެ ރަށަކަށް އަދި ކުރިއަށް އަންނަން އޮތް ޖީލުތަކަށްވެސް އޭގެ މަންފާ ވަރަށް ބޮޑަށް ލިބިގެންދާނެ ނިޒާމަކަށް ވާނެކަމަށެވެ. މައިގަނޑު 8 ކަމެއްގެ މައްޗަށް ޤާއިމުކުރާ މި ނިޒާމުގައި، ބިނާކުރުމާއި، ގުޅުވައިދިނުމާއި، ސަރުކާރުގެ މުއައްސަސާތަކުގެ ހިންގުމާއި، ދެފުއްފެންނަ ސިޔާސަތާއި އަދި ދަޢުލަތުގެ މުއައްސަސާތަކުގެ މެދުގައި ރައްޔިތުންގެ އިތުބާރު އިއާދަކުރުން ހިމެނޭކަމަށެވެ.
ސަރުކާރުގެ މަސައްކަތްތަކާއި ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ސިޔާސަތުގެ ދަށުން ފަށާ އެންމެ ބޮޑު މަސައްކަތް ފަށާނީ މިމަހުގެ 9ވަނަ ދުވަހު ބާއްވާ ޚާއްސަ ކޮންފަރެންސަކުންކަމަށް ރައީސް ވިދާޅުވިއެވެ.
"އިންޓަރ ގަވަރމަންޓް ބޮޑު ނެޓްވޯކެއް މިޤާއިމުކުރަނީ. މިމަސައްކަތް ފެށުމަށް، ދަޢުލަތުގެ ހުރިހާ ފަރާތްތައް ހިމެނޭހެން މިމަހުގެ 9ވަނަ ދުވަހު ބޮޑު ކޮންފަރެންސެއް އެބަ ބާއްވަން. އެންމެން އެއްތާކަށް އެއްވެސް، މި މަސައްކަތަށް އެންމެން ބައިއަތުހިފަން މިއުޅެނީ. 3 އަހަރުގެ މި މަސައްކަތަކީ ދަޢުލަތުގެ ހިންގުމަށް ބޮޑު ބަދަލެއް ގެންނާނެ ނިޒާމަކަށްވާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިމަސައްކަތުގެ އެންމެ ބޮޑު ބޭނުމަކީ ކޮރަޕްޝަނަށް ހުޅުވޭ ދޮރުތައް ބަންދުކޮށް، ދަޢުލަތުގެ މަސައްކަތްތައް ދެފުއްފެންނަގޮތެއްގައި ކުރިއަށްގެންގޮސް އަދި މަސައްކަތްތައް އަވަސްކުރުންކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ބޮޑު ބޭނުމަކީވެސް، ޓެކްނޮލޮޖީއާއި ޑިޖިޓަލް ދުނިޔޭގައި ކުރިއަރާފައިވާ އެ ޤައުމުގެ ތަޖުރިބާ ހޯދުންކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބޮޑު ބަދަލަށް ރާއްޖެއިން ކުރާ މަސައްކަތުގައި މިޑިއާތަކުގެ ބައިވެރިވުމާއި އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ.