ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ މައިގަނޑު ބޭނުމަކީ ކޮރަޕްޝަން ނައްތާލައި، ނަޒާހާތްތެރިކަން ކަށަވަރުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ސަރުކާރުން އިޢުލާންކުރެއްވި "މޯލްޑިވްސް 2.0" ޑިޖިޓަލައިޒޭޝަން ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ޑިޖިޓަލައިޒޭޝަންގެ ސިޔާސަތެއް ރާއްޖޭގައި ޤާއިމްކުރެވިއްޖެނަމަ ކޮރަޕްޝަން ނައްތާލުމަށް ފަސޭހަވެގެންދާނެކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު އެސްޓޯނިއާ ކުރެއްވި ދަތުރުފުޅުގެ މައިގަނޑު މަޤްސަދަކީވެސް އެއީކަމަށެވެ. އެސްޓޯނިއާއަކީ ކޮރަޕްޝަން ނައްތާލާ، ހާމަކަން ބޮޑުގޮތެއްގައި، އަވަސްކަމާއެކު ވެރިކަން ހިންގާ ޤައުމުތަކުގެ ތެރެއިން ދުނިޔޭގެ އިންޑެކްސްގައި އެންމެ މަތީގައި އުޅޭ އެއްޤައުމެވެ.
އެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މުޅި ދުނިޔެއިން ދެވަނައަށް އެންމެ ޕްރެސް ފްރީޑަމްއޮތީވެސް އެސްޓޯނިއާގައިކަމަށެވެ. އަދި އެތަނަކީ ފުލީ ޑިޖިޓަލައިޒްޑް ޤައުމެއްކަމަށާއި، އިންޓަރ ގަވަރމަންޓް ނިޒާމެއް އޮތް ޤައުމެއްކަމަށެވެ.
"އޮޓަމެޓިކަލީ ނުވަތަ ޑިޖިޓަލީ ކަންކަން ކުރާގޮތަށް ބަދަލުވީމަ ވަރަށް ބޮޑުތަނުން ކޮރަޕްޝަން ދަށްކުރެވޭނެ. އަދި ކޮރަޕްޝަން ނައްތާލާ ވަރަށް ބޮޑުތަނުން ހާމަކަން ބޮޑުކުރެވޭނެ ޑިޖިޓަލް ނިޒާމަކަށް ދިޔައިމަ. އަދި އަވަސްވެސް އެބަ ކުރެވޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މޯލްޑިވްސް 2.0 އަކީ ކުރިއަށްއޮތް 3 އަހަރު، ދައުލަތުގެ މުޅި ނިޒާމު ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ލޯންޗުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ބޭނުމަކީ ކޮރަޕްޝަން ނައްތާލައި ހާމަކަން ބޮޑުކަމާއި ފަސޭހަކަމާއެކު ވެރިކަން ހިންގުމުގެ ނިޒާމެއް ޤާއިމްކުރުންކަަމަށް ސަރުކާރުން ވިދާޅުވެއެވެ.
* އެކި ދާއިރާތަކުން އިނގިލާބީ ޑިޖިޓަލް ބަދަލުތަކެއް ގެނައުމަށް
* އައިސީޓީ ނިޒާމުތައް ތަރައްޤީކުރުމަށް
* ޑިޖިޓަލް ޒަމާނަކަށްފެތޭ ޤާނޫނީ އޮނިގަނޑު
* ފުރިހަަމަ ސިޔާދަތާއި ރައްކާތެރިކަން ލިބިގެންވާ ޑިޖިޓަލް ބިނާރު
* ރައްޔިތުންނަށްޓަކައި ފޯރުކޮށްދެވޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް
* ގައުމުގެ ވިލުންވެރިކަމަށް ސައިބަރ ސެކިއުރިޓީ
* އޯޕަން ޑޭޓާގެ ނިޒާމެއްގައި ސަރުކާރުގެ އިދާރީ ހިންގުން
* ޑިޖިޓަލް ފާހުގެ ރައްކާތެރިކަމާއެކު އިތުބާރުހިފޭ މުޢާމަލާތްތައް
މި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި މިމަހުގެ 9 ވަނަ ދުވަހު މުޅި ދައުލަތް ހިމެނޭހެން ޑިޖިޓަލައިޒޭޝަން ސިޔާސަތާގުޅޭ ބޮޑު ކޮންފަރެންސްއެއް ބޭއްވުމަށް ހަމަޖެހިފައިވާކަން ރައީސް ވަނީ އިޢުލާންކުރައްވާފައެވެ.
މި ކޮންފަރެންސްގެ މައިގަނޑު ބޭނުމަކީ ކަމާގުޅުންހުރި ހުރިހާ ފަރާތްތަކެއް އެއްތަންވެ، މުޅި ދައުލަތުގެ ނިޒާމު ހިންގުމުގައި ކުރިއަށްއޮތް 3 އަހަރު ދުވަހުގެ މަޝްރޫޢެއް ލޯންޗްކުރުންކަމަށެވެ.