އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އަދާލަތު ޕާޓީއާއި ގުޅިވަޑައިގެންފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު އަދާލަތު ޕާޓީއާއި ގުޅިވަޑައިގެންވިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ވިދާޅުވީ، އަދާލަތު ޕާޓީއަށް ވަނުމަށް މެމްބަރުކަމުގެ ފޯމު އެޕާޓީއަށް ހުށައަޅުއްވާފައިވާކަމަށެވެ.
ވަޒީރު ޑރ. ޝަހީމަކީ އަދާލަތު ޕާޓީގެ އެންމެ އިސް މުއައްސިސުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އަދި ވަޒީރު ވަނީ 12 އަހަރު މެމްބަރެއްގެ ގޮތުގައި އެޕާޓީގައި ހަރަކާތްތެރިވެފައެވެ.
ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުގެ މަޤާމު ފުރުއްވީ އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ.
އަދާލަތު ޕާޓީއާއި ގުޅިވަޑައިގަންނަވަން ނިންމެވިކަން ޢިއުލާންކުރައްވާ މިދިޔަ ހަފްތާގެ ތެރޭގައި ސޯޝަލް މީޑިއާގައި ކުރެއްވި، ޕޯސްޓުގައި ވަޒީރުވަނީ މިއަހަރު ފަހުކޮޅު ބާއްވާ އަދާލަތު ޕާޓީގެ ރައީސްގެ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ވަޒީރު އެޕާޓީއާއި ގުޅިވަޑައިގަތުމުން ޕާޓީގައި ތިއްބެތި ޢިލްމުވެރިންގެ ގިނަ ބޭފުޅުންވަނީ މަރުޙަބާ ވިދާޅުވެފައެވެ. އަދާލަތު ޕާޓީއަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުނު ޕާޓީއެއް ނަމަވެސް ފަހަކަށް އައިސް އެޕާޓީގެ އަޑުވަނީ ސިޔާސީގޮތުން ފަނޑުވެފައެވެ.
އަދާލަތު ޕާޓީއަކީ 2005 ވަނަ އަހަރު ރަޖިސްޓްރީކޮށް ހަރަކާތްތެރިވާން ފެށި ޕާޓީއެކެވެ. އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފުތަރު ދައްކާގޮތުން އަދާލަތު ޕާޓީގެ މެންބަރުންގެ އަދަދު 9000 އަށްވުރެ މައްޗަށް އަރައެވެ.